ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ފައިދާ އަށް ޑީއާރުޕީން ބޭނުންވާ ގޮތަށް ކަންކަން ނިމިގެން ދަނީ ޕީއޭ އާއި ޑީއާރުޕީ ކޯލިޝަންގެ ސަބަބުން ކަމަށް ވިއަސް، މިހާރު "ނަމެއްގައި" އޮތް ކޯލިޝަން ބޭނުމެއް ނެތް ކަމަށް އެ ޕާޓީގެ ޑިޕިއުޓީ ލީޑަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޖަލްސާ އަށް ފަހު، އެ އިދާރާގެ ކުރިމަތީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ތުހުމަތުކުރެއްވި ގޮތުގައި ފަހަކަށް އައިސް ހުރިހާ ވޯޓެއްގައި ވެސް ޕީއޭ އިން އަމަލުކޮށްފައި ވަނީ ސަރުކާރާ ވާހަކަދައްކައި އެ ދެ ފަރާތަށް އެންމެ ރަނގަޅު ގޮތަށެވެ. އަދި ޑީއާރުޕީގެ ބޭނުން ޕީއޭ އިން ހިފަނީ ސިޔާސީ ގޮތުން ކުރިއަށް ދާން އެކަނި ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
"މިނިވަން މެމްބަރެއް ވޯޓެއް ލައި ނުވަތަ ޕީއޭ ވޯޓެއްލައި ކާމިޔާބު ވެއްޖިއްޔާ އެ ކާމިޔާބީގެ [ކްރެޑިޓް] ނަގާ. ނާކާމިޔާބު ވެއްޖިއްޔާ އޭގެ ޒިންމާ ނަގަން މި ޖެހެނީ ހަމައެކަނި ޑީއާރުޕީގެ ނުވަތަ ޕާޓީގެ ލީޑަޝިޕް ނުވަތަ ތަސްމީނު. އެހެންވީމަ މަސައްކަތް ނުކުރެވި، ނަތީޖާ ނުނެރެވި ނަމެއްގައި ޕީއޭއާ އެކު ކޯލިޝަން ހައްދަވައިގެން ނުތިއްބަވާށޭ. އަޅުގަނޑު ޕާޓީގެ ކައުންސިލަށް މި ގޮވާލަނީ ކޯލިޝަނާ ދޭތެރޭ ގޮތެއް ނިންމަވާށޭ،" އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި މަޖިލީހުގައި މިހާރު ފެންނަމުން ދަނީ ސިޔާސީ ގޮތުން އެކަކު އަނެކެއްގެ "ކަރަށް ވަޅިހަރަމުންދާ" މަންޒަރެވެ.
ޑީއާރުޕީ ޒިންމާދާރުކުރަން ވެއްޖެ ކަމަށް ވާހަކަ ދައްކަވާ ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހްލޫފް ފަދަ ބޭފުޅުންގެ ފަރާތުން ފެންނަމުން ދަނީ ޑީއާރުޕީގެ ވިޕް ދޫކޮށްލައި، ޕީއޭ އާއި ސަރުކާރާ ގުޅިގެން ވަކި ލިސްޓެއް ނަގައިގެން މަސައްކަތް ކުރާތަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު އަދި ވިދާޅުވީ ފުނަދު އާއި ތުލުސްދޫގެ ކައުންސިލް އިދާރާގެ މައްސަލާގައި "ރައްޔިތުންނާ ދެކޮޅު ޖަރީމާތަކެއް" ހިންގަވާފައިވާ ހޯމް މިނިސްޓަރު ހަސަން އަފީފަށް މަޖިލީހުން ރުހުން ދީފައި ވަނީ "ވޯޓު މެޝިނުގެ މައްސަލައަކުންތޯ ނުވަތަ ޑީއާރުޕީ މެމްބަރުން ޕާޓީ ދޫކޮށްލީތޯ" ވެސް ސުވާލު އުފެދޭ ކަމަށެވެ.
"އަޅުގަނޑަކަށް ހިއެއް ނުވޭ ޕާޓީގައި މިހާރު ފެކްޝަންތަކެއް އޮތް ހެނެއް. ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އަޅުގަނޑު ނިޒާމީ މައްސަލައެއް މިއަދު ނެގީމަ އަޅުގަނޑު އެކަނި ނުކުންނަން ޖެހުނީ. ޕާޓީގެ ވިޕް ގަބޫލުނުކުރާ މީހުން އެބަތިބި. އެހެންވީމަ އެއީ ޕާޓީއެކޭ ނުކިޔޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.
މިއަދުގެ ވޯޓުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، ބްރޯޑްކާސްޓިން ކޯޕަރޭޝަން ބޯޑުގެ ހަތް ވަނާގައި އޮތް ނަން ފާސްކުރަން ބޭނުންވި ނަމަވެސް، ގާސިމްގެ ހުށަހެޅުން ވެސް ފެނަށް ދުއްވާލައި ސަރުކާރާ އިދިކޮޅު މެމްބަރުން ސަރުކާރާ އެއްބައިވި ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
"މިގޮތަށް މަސައްކަތްކޮށްގެން އަޅުގަނޑުމެންނަކަށް ސަރުކާރު ޖަވާބުދާރީއެއް ނުކުރެވޭނެ. ނަމުން ޑީއާރުޕީ، ކަމުން އެމްޑީޕީ ވެގެން މި ގޮތަކަށެއް މަސައްކަތެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ އަފީފުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ މައްސަލަ މަޖިލީހަށް ވައްދަން ފުނަދޫ ދާއިރާގެ މެމްބަރަށާއި ތުލުސްދޫ ދާއިރާގެ މެމްބަރަށް އޭނާ ގޮވާލެއްވި އެވެ.
"އަޅުގަނޑު ސޮއިކުރާނަން ފުރަތަމަ މީހަކަށް. އަޅުގަނޑުމެން ބަލިވިއަސް މައްސަލައެއް ނެތް،" އަލީ ވަހީދު ވިދާޅުވި އެވެ.
ޕީއޭއާ އެކު ނަމެއްގައި ކޯލިޝަން ހަދައިގެން ތިބުމުގެ ބޭނުމެއް ނެތް: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ