މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ތަހުގީގަށް ހައްޔަރުކޮށްފައި ހުރި ވިޔަފާރިވެރިޔަކު ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ކްރިމިނަލް ކޯޓުން ފޮނުވާފައިވާ ސިޓީ އަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ހައި ކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރުން އިއްތިފާގުވެ ކުރެއްވި ހުކުމްގައި ބުނެފައި ވަނީ މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުކޮށްފައި ހުރި ޏ. ފުވައްމުލަކު ޑެއިލީބުލޫ އަބްދުއްލަތީފު މުހައްމަދު (ފޮޓޯގައި) ގޭ ބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުގެ ސިޓީއަކުން އަންގާފައިވާ އެންގުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް އެ ކޯޓުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިސްތިއުނާފްކުރި މި މައްސަލައިގެ ދައުވާގައި ބުނެފައި ވަނީ އަބްދުއްލަތީފް މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ޝަރީއަތް ވަކި ގޮތަކަށް ނިމެންދެން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އަމުރުކުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި މަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ފުލުހުންނަށް ފޮނުވި ސިޓީއެއްގައި އަބްދުއްލަތީފު ގޭ ބަންދަށް ދޫކޮށްލުމަށް އަންގާފައިވާ ކަމަށް ޕީޖީގެ ދައުވާގައި ބުނެފައިވެ އެވެ.
މައްސަލައިގެ ހުކުމްގެ ކުރިން، މި މައްސަލައިގައި ފާހަގަ ކުރެވުނު ނުކުތާތައް އިއްވަވަމުން ހައި ކޯޓުގެ ފަނޑިޔާރު ވިދާޅުވީ އަބްދުއްލަތީފުގެ ކާރުގެ ޑިކީ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިގެން އޭނާ ހައްޔަރުކުރުމަށް ފަހު އޭނާއަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެ މީހެއް ކަމަށް ބަލައި ޝަރީއަތް ނިމެންދެން އަބުދުއްލަތީފު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމަށް ފަހު، އޭނާ ގޭ ބަންދަށް ދޫކޮށްލުމަށް ސިޓީއަކުން އަންގާފައި ވަނީ އޭނާގެ ފަރާތުން މުޖުތަމައަށް ލިބިދާނެ ނުރައްކަލެއް ފިލައިގެން ނުދަނީސް ކަމަށެވެ.
މީގެ އިތުރުން ފަނޑިޔާރު ވިދާޅުވީ އަބްދުއްލަތީފު ގޭ ބަންދަށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަންގާފައިވާ އެންގުމަކީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރި މައްޗަށް ހާޒިރުކޮށް ބަންދާ މެދު ގޮތެއް ނިންމުމާ ބެހޭ ގަވާއިދުގެ ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް އެ ގަވާއިދުގެ މާއްދާތަކަށް ރިއާޔަތް ކުރުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހެއްގެ ބަންދާ މެދު، ކޯޓުން ގޮތެއް ނިންމޭނީ ފަނޑިޔާރެއްގެ ކުރި މައްޗަށް ހާޒިރުކޮށްގެން ކަން އެކަމާ ބެހޭ ގަވާއިދުން އެނގޭ ކަމަށެވެ. އެހެންކަމުން ބަންދާ މެދު އަމަލުކުރަން ޖެހޭ ޝަރުއީ އަދި ގާނޫނީ އުސޫލުތަކަކީ ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު ގޮތެއް ނިންމުންކަން އެނގެން އޮތްއިރު ކުރީގެ އަމުރުގެ ހައިސިއްޔަތު ގެއްލޭ ގޮތަށް އަބްދުއްލަތީފް ގޭ ބަންދަށް ބަދަލުކުރުމަށް އަންގާފައިވާ އެންގުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމެއް ކަމަށް ފަނޑިޔާރުންނަށް ގަބޫލު ނުކުރެއްވޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ތަރުކާރީ ފޮށިގަނޑުތަކެއްގެ ތެރޭގައި ފޮރުވައިގެން އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އަބްދުއްލަތީފް ހައްޔަރުކޮށްފައި ވަނީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި ހާއްސަ އޮޕަރެޝަނެއްގައި މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. މި އޮޕަރޭޝަންގައި ފުލުހުން ވަނީ އެ ފޮށިތައް ހަވާލުވާނެ ބަޔަކު ހޯދުމަށް ދޫކޮށްލައިފަ އެވެ. އެ އެއްޗެހި ހުޅުލެއިން މާލެ ގެނެސް ޓީޖެޓީ އަށް ބާލައި އަރުވާފައި ވަނީ އަބުދުއްލަތީފްގެ ކާރަށެވެ.
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާ މެދު ގޮތެއް ނިންމުމުގެ ގަވާއިދުގެ ހަ ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ ނ. ބުނެފައިވާ ހާލަތް ފިޔަވައި އެހެން ހާލަތްތަކުގައި ބަންދާ މެދު ގޮތެއް ނިންމަން ވާނީ ހުޅުވާލެވިފައިވާ މަޖުލީހެއްގައި ކަމަށެވެ. އަދި އެ ގަވާއިދުގެ 13 ވަނަ މާއްދާގެ ހ. ބުނެފައި ވަނީ ޝަރީއަތުގެ މަރުހަލާގައި ހައްޔަރު ނުވަތަ ބަންދާ މެދު ގޮތެއް ނިންމާނީ މައްސަލައިގެ ޝަރީއަތް ހިންގާ ފަނޑިޔާރު ކަމަށެވެ.
މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ހައްޔަރުކުރި ވިޔަފާރިވެރިއަކު ގޭ ބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން ސިޓީއެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ