ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ޕީއޭ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމަށް ސަރުކާރުގެ އިސް ބައެއް ވެރިން ބިރުދައްކައި، ބްލެކްމެއިލް ކުރަމުން ގެންދާ ކަމަށް ބުނެ، އެކަން ތަހުގީގު ކުރުމަށް އެދި މޯލްޑިވިއަން ލޭބަ ޕާޓީން ރައީސް މުހައްމަދު ނަޝީދަށް ހުށަހަޅައިފި އެވެ.
ލޭބަ ޕާޓީގެ ރައީސް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ރައީސް ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެފަދަ އަމަލުތަކަކީ ގާނޫނު އަސާސީ އާއި ޑިމޮކްރެސީގެ އެންމެހާ އަސްލުތަކާ ހިލާފު ކަމަކަށް ވާތީ "ފަސް ވަނަ ގިއަރަށް ވުރެ ވެސް މަތީގައި" އިންސާފުވެރިކަމާއެކު ތަހުގީގު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަހުމަދު ރަޝީދު ބްލެކްމެއިލް ކުރަމުންދާ ކަމަށް ބުނެ އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ރައީސް ނަޝީދަށް ލޭބަ ޕާޓީން ފޮނުވި ސިޓީއާ އެކު އެކަން ހިނގާ ދިޔަ ގޮތް ކަމަށް ބުނާ ރިޕޯޓެއް ވެސް ވަނީ ހިމަނައިފަ އެވެ. އެ ރިޕޯޓުގައި އަހުމަދު ރަޝީދާ އެކު ސަރުކާރުގެ އިސް ބައެއް ވެރިން ފައިސާގެ މުއާމަލާތް ކުރައްވާފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އެ ބޭފުޅުންގެ ނަންތަކާއި އަހުމަދު ރަޝީދަށް ދެއްވާފައިވާ ފައިސާގެ އަދަދާއި އަނބުރާ އެ ފައިސާ ދެއްވަން އަހުމަދު ރަޝީދު އުޅުއްވުމުން ދެން ކަން ހިނގާފައިވާ ގޮތް ކަމަށް ބުނެ ތަފުސީލުކޮށް އެކަންކަން ބަޔާންކޮށްފައިވެ އެވެ.
ރައީސް ނަޝީދަށް ލޭބަ ޕާޓީން ފޮނުވި ސިޓީގައި އިތުރަށް ބުނެފައި ވަނީ އެ ރިޕޯޓް ތައްޔާރު ކޮށްފައި ވަނީ އަހުމަދު ރަޝީދުގެ ފަރާތުން ލިބުނު މައުލޫތުގެ އިތުރުން އެކަމުގައި ޝާމިލުވި ބައެއް ފަރާތްތަކުން އެ ޕާޓީ އަށް ދީފައިވާ މައުލޫމާތުތަކުގެ މައްޗަށް ބުރަވެ ކަމަށެވެ.
"މީގެ ކުރިން ވެސް ސީދާ މަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ މެމްބަރުންތަކަކަށް ރިޝްވަތު ދިނުމަށް ނުވަތަ އެ މެމްބަރުންގެ ޕާޓީ ބަދަލުކުރުވުމަށް ސިޔާސީ ފަރާތްތަކަކުން މަސައްކަތް ކޮށްފައިވާ ކަމަށް ބުނާ ޝަކުވާގެ ސިޓީތައް މަނިކުފާނަށް ލިބިވަޑައިގަތުމާ ގުޅިގެން ގާނޫނީ ހުކޫމަތު ތަންފީޒު ކުރުމުގެ މަތިވެރި މަގުސަދުގައި، ދިވެހި ދައުލަތާއި ދިވެހި ދައުލަތާއި ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މަނިކުފާނު ވަނީ ވަގުތުން ވަގުތަށް އެ މައްސަލަ ތަހުގީގު ކުރުމުގެ ވަރަށް ހާއްސަ އެންގެވުމެއް ދިވެހި ފުލުހުންނަށް އަންގަވައިފަ އެވެ. އަދި މަނިކުފާނުގެ މި އެންގެވުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އަލްފާޟިލް ގާސިމް އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަދި ޕީޕަލްސް އެލަޔަންސްގެ ލީޑަރު އަލްފާޟިލް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ވަގުތުން ހައްޔަރު ވެސް ކުރައްވައިފަ އެވެ،" ލޭބަ ޕާޓީގެ ސިޓީގައިވެ އެވެ.
އެ ސިޓީގައި ބުނެފައި ވަނީ ޔާމީނާއި ގާސިމް ހައްޔަރު ކުރުމަކީ ރިޝްވަތާއި ބްލެކްމެއިލް ކުރުން ދިވެހި ފަސްގަނޑުގައި ތަކުރާރުވިޔަ ނުދިނުމަށް އަދި ގާނޫނީ ހުކުމް ތަންފީޒު ކުރެއްވުމަށް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ގާއިމް ކުރައްވާފައިވާ ވަރަށް ހަރުދަނާ އުސޫލެއް ކަމަށެވެ. އަދި އަހުމަދު ރަޝީދު ބްލެކްމެއިލް ކުރި ކަމަށް ބުނާ މީހުންނާ މެދު އެ އުސޫލުން ކަންތައް ކުރައްވަން ރައީސް ނަޝީދު ފަސްޖެހި ވަޑައިގެންފިނަމަ، "އެ މުޑުދާރު ޖަރީމާގެ ފަހަތުގައި" އެ މަނިކުފާނު ބައިވެރިވެ ވަޑައިގަތީ ކަމަށް ވާނެ ކަމަށް ރައްޔިތުން ގަބޫލުކުރާނެ ކަމަށް ވެސް ލޭބަ ޕާޓީގެ ސިޓީގައިވެ އެވެ.
"ވީމާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރަކަށް ބިރު ދައްކައި، ބްލެކްމެއިލްކޮށް، ނާޖާއިޒް މަންފާތަކެއް ހޯދައިގަތުމަށް ބަޔަކު އިސްވެ ތިބެ ހިންގާފައިވާ މި ޖަރީމާ އެންމެ ހަރުކަށި އިބާރާތުން މި ޕާޓީގެ ފަރާތުން ކުށްވެރިކޮށް، މި ސިޓީއާ އެކު މިވާ ރިޕޯޓުގައިވާ ފާހަގަ ކޮށްފައިވާ ޖިނާއީ މައްސަލަތައް އިންސާފުވެރިކަމާއެކު ތަހުގީގު ކޮށްދެއްވުމަށް ކަމާއި ބެހޭ ފަރާތްތަކަށް އަންގަވައި ދެއްވުން އެދި މަނިކުފާނުގެ އަރިހަށް ހުށަހެޅީމެވެ،" އެ ސިޓީގައި ވެ އެވެ.
މީގެ ކުރިން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އޭދަފުށީ ސަލީމް ތުހުމަތު ކުރައްވާފައި ވަނީ ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އޮން އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓްގެ މަގާމުގައި ވެސް ހުންނެވި ސަރަނގު އާދަމް މަނިކު އަހުމަދު ރަޝީދަށް އެއް މިލިއަން ރުފިޔާ ދެއްވާފައި އޭގެ ބަދަލުގައި ދެ މިލިއަން ރުފިޔާ ނަންގަވާފައިވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރެއްގެ [އަހުމަދު ރަޝީދު އިބްރާހީމް] ދުވަސް ދުއްވާލަން މަސައްކަތް ކުރީ. އޭނާ ބްލެކް މެއިލްކުރީ. އޭނާ ބްލެކްމެއިލް ކުރުމަށް ފަހުގައި އޭނާގެ ލިޔެކިޔުންތައް ނުދިނީ. ނުދިނީމަ އޭނާ އަށް މަޖުބޫރުކުރީ ކައިރިއަށް ގޮސް ބަޔަކު ފޮނުވައިގެން ލާރި ނުދީފިއްޔާ މީހާގެ ދުވަސް ދުއްވާލާނަމޭ. މިކަހަލަ އިބާރާތުން ވާހަކަ ދައްކައިގެން ގޮސް އެ އިއްޒަތްތެރި މެމްބަރު އަތުން އެއް މިލިއަންގެ ބަދަލުގައި ދެ މިލިއަން ރުފިޔާ ހަމަ ކާލީ އިނގޭތޯ؟،" ސަލީމް ވިދާޅުވެފައިވެ އެވެ.
ސަލީމް ވިދާޅުވެފައިވާ ގޮތުގައި އަހުމަދު ރަޝީދު އަތުން ސަރަނގު އާދަމް މަނިކު "ގައިމު ވެސް އެ ފައިސާ އަތުލި" އެވެ.
އަހުމަދު ރަޝީދު ބްލެކްމެއިލް ކުރި ކަމަށް ފެތުރޭ އަޑާ ގުޅިގެން މިހާތަނަށް އޭނާ ވެސް އާދަމް މަނިކު ވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އަދި ޕީއޭ އިން ވަކިވެ ވަޑައިގެންފައިވާ ކަމަށް އެމްއެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ކުރިން ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ޕީއޭ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ. ޕީއޭ އިން ބުނެފައި ވަނީ އަހުމަދު ރަޝީދު އެ ޕާޓީން ވަކިވި ކަމުގެ ސިޓީއެއް ނުލިބޭ ކަމަށާއި އޭނާ އެ ޕާޓީގެ ހުރިހާ ހަރަކާތެއްގައި ވެސް ބަރާބަރަށް ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ.
(ނޫހަށް އެކަނި) މެމްބަރު އަހުމަދު ރަޝީދު ބްލެކްމެއިލް ކުރާ ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް ރައީސަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ