ބޭރުގެ އެހީތައް އަވަހަށް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް ރައީސް މައުމޫން ކްލިންޓަނަށް ހުށަހަޅުއްވާނެ: ޑރ.ޝަހީދު

ލ. ކައްދޫން: ހުސެއިން ފިޔާޒު މޫސާ
ސުނާމީ އަށް ފަހު ރާއްޖެ އާރާސްތު ކުރުމަށްޓަކައި ބޭރުގެ އެކި ފަރާތްތަކުން ދޭނެ ކަމަށް އެއްބަސްވެފައިވާ އެހީތައް އަވަހަށް ލިބޭނެ ގޮތް މަގުފަހިކޮށް އދ. ގެ ޚާއްސަ މަންދޫބު އަދި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަނަށް ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމް ހުށަހަޅުއްވާނެ ކަމުގައި ސަރުކާރުގެ އިސް ތަރުޖަމާނު ޑރ. އަހްމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު އެންމެ މުހިންމު ކަމަކީ އެކި ފަރާތްތަކުން އެއްބަސްވެފައިވާ އެހީ ހޯދުން. ވަރަށް ގިނަ ފަރާތްތަކުން އެހީ ދޭނެ ކަމަށް އެއްބަސް ވެފައި އެބަ ހުރި. އަލުން ރާއްޖެ އާރާސްތު ކުރުމަށް ބޭނުންވާ ފައިސާގެ ގާތްގަނޑަކަށް 80 ޕަސެންޓް ދޭނެ ކަމަށް އެއްބަސް ވެފައި އެބަހުރި،" މާލޭގައި ހުންނަވައި ފޯނުން ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކްލިންޓަނާ އެކު ރައީސް މައުމޫން ބާއްވަވާ ރަސްމީ ބައްދަލުވުމުގައި ކްލިންޓަންގެ ކުރީގެ ދަތުރުފުޅަށް ފަހު މިއަދާ ހަމައަށް ރާއްޖެ އާރާސްތު ކުރެއްވުމަށް ކުރައްވާ މަސައްކަތްތަކާއި ރޭވުންތައް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދަށް ލިބުނު ގެއްލުންތައް ފޫބައްދާނެ ގޮތްތަކާ މެދު ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
ކްލިންޓަންގެ ދަތުރުފުޅުގައި ސުނާމީގައި ރާއްޖެ އަށް ލިބިފައިވާ ގެއްލުންތައް ބައްލަވާލެއްވުމަށްޓަކައި މާދަމާ ލ. އަތޮޅަށް ވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅުގައި ރައީސް މައުމޫން ބައިވެރިވެ ވަޑައިގަންނަވާ ކަމެއް އަދި މުޅިން ކަށަވަރުނުވާ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
ސުނާމީގައި 13 މީހުން މަރުވެ އެކަކު ގެއްލުނު ލ. އަތޮޅަށް ކްލިންޓަން ކުރައްވާ ދަތުރުފުޅުގައި ލ. ފޮނަދު އަށް ލިބިފައިވާ ގެއްލުން ބައްލަވާ ލެއްވުމުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތް ކުރާ ރާއްޖޭގެ އަމިއްލަ ޖަމާއަތްތަކާ ވެސް ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖައްސަވައިފަ އެވެ.
ސުނާމީގައި ރާއްޖެ އަށް ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި 470 މިލިއަން އެމެރިކާ ޑޮލަރު ބޭނުން ވެ އެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ކްލިންޓަނާއި ޖޯޖް ބުޝް ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގައި، ސުނާމީގައި ގެއްލުން ލިބުނު މީހުން ދިރިއުޅޭ ރަށަކަށް ވަޑައެއްނުގަންނަވަ އެވެ. އެ ދަތުރުފުޅުގައި އެ ދެ ބޭފުޅުން މުޅި ދުނިޔެ އަށް ގޮވާލައްވާފައި ވަނީ ރާއްޖެ އަށް ޒިޔާރަތްކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ