ސިނާއީ ސަރަހައްދަށް ކަރަންޓު ދޫކުރަން ވަކި އިންޖީނުގެއެއް އަޅަން ސްޓެލްކޯ އާ ހަވާލުކޮށްފި

މާލޭގެ ސިނާއީ ސަރަހައްދު ނުވަތަ އިންޑަސްޓްރިއަލް ވިލެޖަށް ކަރަންޓު ދޭން ވަކި އިންޖީނުގެއެއް އެޅުމަށް ސަރުކާރުން ސްޓެލްކޯއަށް ބިމެއް ދީފި އެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯއާ ހަވާލުކުރި ބިމުގައި ހަދާ އިންޖީނުގެއަކީ ބޭނުންޖެހޭ ހާލަތްތަކުގައި މާލެއަށް ކަރަންޓް ދިނުމަށް ވެސް ބޭނުން ކުރެވޭނެ އިންޖީނުގެއެކެވެ.
ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި އެ ބިން ދޫކުރީ އިންޑަސްޓްރިއަލް ވިލެޖަށް ވަކި ޚާއްސަ އިންޖީނުގެއެއް ހުރުން މުހިންމު ވާތީ އެވެ. އެ އިންޖީނުގެއަކީ މާލޭގައި ހުންނަ މައި އިންޖީނުގެއާ ވަކިން ހިންގާނެ ތަނެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކަރަންޓާއި ފެނާއި ނަރުދަމާ އެތަނުން ވަކިން، މާލޭގެ މެއިން ލޭންޑުގެ ފެނަށް ނުވަތަ ކަރަންޓަށް ބަރޯސާ ނުވެ ލިބޭނެ ގޮތް ވާން އެބަޖެހޭކަމަށާއި, އެގޮތުން, ބޭނުންޖެހޭ ހާލަތްތަކުގައި މާލެއަށް ކަރަންޓް ދިނުމަށް ބެކަޕެއްގެ ގޮތުގައި ވެސް އެ ޖަނަރޭޓަރު ބޭނުން ކުރެވޭނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
އެއްވެސް އަގަކާ ނުލައި, ދޫކުރި 10،000 އަކަފޫޓުގެ ބިމާ ގުޅޭގޮތުން ޝުކޫރު ވިދާޅުވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިމި, އިންޖީނުގެއިން އެ ސަރަހައްދަށް ކަރަންޓް ދޭން ފަށާނެ ކަމަށެވެ.
އެތަނުގެ ޖަނަރޭޓަރު ކެޕޭސިޓީ ވެސް އިތުރު ކުރަން މަސައްކަތް ކުރާނެ ކަމަށް ޝުކޫރު ވިދާޅުވި އެވެ. މަދުވެގެން ފަސް ނުވަތަ ހަ މެގަ ވޯޓުގެ ޖަނަރޭޓަރެއް ބަހައްޓައިގެން ޚިދުމަތް ދެވޭނެ ކަމަށް ލަފާ ކުރައްވާކަމަށާއި, ނަމަވެސް ދެ ބުރި ނުވަތަ ތިން ބުރިއަށް ވެސް އުސްކޮށް އިމާރާތްތައް އަންނާނެ ކަމަށް އެބޭފުޅުންނަށް ލަފާކުރެވޭތީ ފަހަރުގައި 10 މެގަ ވޯޓުގެ މިންވަރުގެ ނޫނީ 12 މެގަ ވޮޓަށް އިތުރު ކުރެވޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝުކޫރު ވިދާޅުވި ގޮތުގައި ބެކަޕްގެ ގޮތުގައި އެ އިންޖީނުގެ ބޭނުންކުރި ނަމަވެސް މުޅި މާލެއަށް އެތަނުން ކަރަންޓް ދެވޭނެ ކަމަކަށް ނުބެލެވޭކަމަށެވެ. އެއީ މުޅި މާލެއަށް ދުވާލަކު 55 މެގަ ވޮޓުގެ ކަރަންޓް ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ