މަޖިލީހުގެ ރައީސް ކަމަށް ގާސިމް، ނާއިބް ރައީސް ކަމަށް ރީކޯ މޫސަ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވާދަކުރައްވާއިރު، ނާއިބް ރައީސް ކަމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވާދަކުރައްވަން ނިންމަވައިފިއެވެ.
މަޖިލީހުގެ ރައީސްކަމަށް ގާސިމް އިންތިޚާބުކުރުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީއާ އެކު އެމްޑީޕީން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ބޭނުންވަނީ މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިންތިޚާބު ކުރެއްވުމަށް ކަމަށެވެ.
މަޖިލީހުގެ ނާއިބް ރައީސް ކަމަށް ރީކޯ މޫސާ މަނިކު ނެރެން އެމްޑީޕީން ވަނީ ނިންމާފައެވެ. އަދި އޭނައަށް ތާއީދު ހޯދުމުގެ މަސައްކަތް ވެސް އެޕާޓީން މިހާރު ވަނީ ފަށާފައެވެ.
މަޖިލީހުގެ ރައީސް ކަމަށް ގާސިމް ވާދަކުރައްވައިފިނަމަ ޖުމްހޫރީ ޕާޓީއާ އެކު ހަދާފައިވާ ކޯލިޝަން ނިމުމަކަށް ގެނެސް، ސަރުކާރުގެ މަގާމްތަކުގައި ތިއްބެވި އެޕާޓީގެ ބޭފުޅުން ވަކިކުރައްވައި، އެމަގާމްތަކަށް ޕީޕީއެމްގެ ބޭފުޅުން އައްޔަން ކުރުމަށް ސަރުކާރަށް ހުށަހެޅުމަށް ޕީޕީއެމްގެ ކައުންސިލުން ރޭ ވަނީ ފާސްކޮށްފައެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނީ މަޖިލީސް އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރެވިފައި ވަނީ ޕީޕީއެމަށް ކަމަށާއި އެހެންކަމުން މަޖިލީހުގެ ރައީސްކަން އެޕާޓީއަށް ލިބެންޖެހޭނެ ކަމަށެވެ.
ގާސިމް ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް ކަމަށް އެމަނިކުފާނު ކުރިމަތިލައްވަން ނިންމެވީ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ އިސްބޭފުޅުންނަށް އެންގެވުމަށްފަހު ކަމަށާއި ނަމަވެސް އެއިރު، އެބޭފުޅުން އެކަމާ ދެކޮޅު ހައްދަވާފައިނުވާކަމަށެވެ.
ޕީޕީއެމުން އެންގިނަމަވެސް މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށާއި މާދަމާ ނަގާ ވޯޓުގައި އެމަނިކުފާނަށް ތާއީދުކޮށްދެއްވުމަށް ގާސިމް މިއަދު ވަނީ ޕީޕީއެމްގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ޕީޕީއެމްގެ ފަރާތުން މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދެވެ. އަދި ނާއިބް ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ނެރުމަށް ވެސް ޕީޕީއެމުން ވަނީ ނިންމާފައެވެ.
ޕީޕީއެމްގެ ނާއިބް ރައީސް އަހްމަދު އަދީބު ވިދާޅުވީ ޕާޓީގެ ނިންމުމާ ޚިލާފަށް އަމަލުކުރައްވާ މެމްބަރުންނާ މެދު ފިޔަވަޅުއަޅާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ