ސަރުކާރުން ވިލާ ގްރޫޕާއި ދެކޮޅަށް އަޅަމުންދާ ދަތިރުކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެން ސަރުކާރާއެކު ވާހަކަ ދައްކަން ބޭނުންވާ ކަމަށް، އެ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ރަށްތައް އަތުލުމާއި 100 މިލިއަން ޑޮލަރު ހޯދަން އެންގުމަކީ އިންސާފުވެރި ފިޔަވަޅެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން އެ ކުންފުންޏަށް މާލީ ގެއްލުން ވަމުންދާ ކަމަށާއި އެހެންވެ މައްސަލަ ހައްލުކުރަން ރައީސް އަބްދުﷲ ޔާމީނާ އެކު، އެ މަނިކުފާނު ވިދާޅުވި ތަނަކަށް ގޮސް، މަޝްވަރާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން އެ ކުންފުންޏަށް ޔޫރަޕްގެ ބޭންކަކުން ލިބެން އޮތް 60 މިލިއަން ޑޮލަރުގެ ލޯނަކާއި 20 މިލިއަން ޑޮލަރުގެ ލޯނެއް ކެންސަލްވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން އޭނާގެ 5،000 އަށް ވުރެ ގިނަ މުވައްޒަފުންގެ އާއިލާ އަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. މައްސަލަ ސުލުހަވެރިކަމާއެކު ހައްލުކުރަން ބޭނުންވާ އެއް ސަބަބަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިއެކޭ އެއްގޮތަށް މިއަދުވެސް ގާސިމް ވިދާޅުވީ ސަރުކާރަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ. ސަރުކާރަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ބަރާބަރަށް ދައްކަމުން އަންނަ ކަމަށާއި ވިލާގެ ރަށްތަކާއި ބިންތަކުގެ ކުއްޔާއި ޓެކުހުގެ ގޮތުގައި މިދިޔަ އަހަރު ވެސް ސަރުކާރަށް 45 މިލިއަން ޑޮލަރު ދައްކާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކުންފުނިން ފައިސާ ނުދައްކާ ހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު އަދީބު ދައްކަވާ ވާހަކައަކީ ގާސިމް ވިދާޅުވި ގޮތުގައި ސިޔާސީ ވާހަކަތަކެކެވެ. އަދި “އެއީ ހަގީގީ ވާހަކަތަކެއް ނޫން” ކަމަށް އޭނާ ވިދާޅުވި އެވެ.
އެއިމްސް އިން ވިލާ އަށް ދޫކުރި ރަށްތަކުގެ ބަދަލުގެ ގޮތުގައި 127 މިލިއަން ޑޮލަރު ހޯދަން ގާސިމް ދައުވާ ކޮށްފައިވާ އިރު، އެގޮތަށް އެ ފައިސާ ނުލިބޭނެ ކަމަށް އަދީބު، ޕީޕީއެމްގެ ޖަލްސާއެއްގައި ވިދާޅުވެފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެއީ ޝަރުއީ ނިޒާމަށް އޭނާ ނުފޫޒު ފޯރުވަމުންދާ ކަމަށް އަމިއްލަ އަށް އެއްބަސްވުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ވިލާ ގްރޫޕުން 100 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައެޅީ، އެ ކުންފުނިން ތަރައްގީކުރަން ހަވާލުކޮށްފައިވާ ތ. އެލާ އާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ސިޓީ ހޮޓާ ތަރައްގީ ކުރަން ލ. ކައްދޫން ދިން ބިމާއި ހދ. ހަނިމާދޫން ދިން ބިމުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގަ އެވެ.
އެ ފައިސާ ހޯދަން އެންގީ، އެ ތަންތަން ކުއްޔަށް ދިނުމަށް އެންމެ ފުރަތަމަ އެކުލަވާލި އެއްބަސްވުމުގެ ބަދަލުގައި، 2013 ވަނަ އަހަރު ސެޓްލްމެންޓް އެގްރީމެންޓެއް ބާތިލު ކުރުމަށް ފަހު އެވެ. ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ރަށްތައް ތަރައްގީކުރަން ދީފައިވާ މުއްދަތު ހަމަނުވަނީސް، ފެބްރުއަރީ 5، 2015 ގައި، އެ އެއްބަސްވުން ބާތިލްކުރީ ގާސިމްގެ “ހެޔޮ ނިޔަތް” ނެތް ކަމަށް ބުނެފަ އެވެ.
ވިލާ އަށް ދޫކުރި ރަށްތައް ތަރައްގީކުރަން ސެޓްލްމެންޓް އެގްރީމެންޓް ހެދީ، ލ. ކައްދޫ ސިޓީ ހޮޓަލުގެ މަޝްރޫއުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 9.7 މިލިއަން ޑޮލަރު (145 މިލިއަން ރުފިޔާ)، ވިލާ އަށް ދައްކަން ސަރުކާރުގެ މައްޗަށް ހުކުމް ކުރުމުންނެވެ.
ރައީސް ޔާމީން ބޭނުން ތާކަށް ގޮސް މަޝްވަރާ ކުރަން ތައްޔާރު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ