ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާއިރު، އެ ނިންމުން ރަނގަޅު ނޫންކަމަށްކަމަށް ވިދާޅުވާ ބޭފުޅުން އެހެން ވިދާޅުވަނީ ގާނޫނު ނޭނގޭތީ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިގޮތަށް ވިދާޅުވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ، ސުޕްރީމް ކޯޓަށް ވެސް ބާތިލް ނުކުރެވޭނެ ކަމަށް ކުރީގެ ބަންޑާރަ ނާއިބް އާޒިމާ ޝަކޫރު ދެއްކެވި ވާހަކަތަކާއި ގުޅިގެން ނޫހެއްގައި ލިޔުއްވާފައިވާ ޚަބަރަކާއި ގުޅޭގޮތުން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލުހުުކުމް އިއްޔެ ބާތިލްކޮށްފައިވާއިރު، އިއްޔެގެ ހުކުމާއިއެކުވެސް އާޒިމާ ވަނީ ސުވާލުތަކެއް އުފައްދަވާފައެވެ. އެގޮތުން ނަޝީދުގެ މައްޗަށް ޖަލު ހުކުމް އިއްވި ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަބްުދުﷲ މުހައްމަދު ހައްޔަރުކުރުމުގެ ޒިންމާ ނަގަން ޖެހެނީ ކާކުތޯ ސުވާލުކުރައްވާފައެވެ.
ކުރިން ގާޒީކަމާއި، ޖަސްޓިސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޑރ ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުން، އެކޯޓުން ނިންމާ ނިންމުން މުރާޖަޢާކުރުމަކީ، ހައްގުން އެއްކިބާވެ އަދި ބޮޑެތި ގޯސްތަކެއް ހެދިފައިވާކަމަށް ފެންނަ ހާލަތްތަކުގައި ސުޕްރީމް ކޯޓްތަކުން ކުރަމުން އަންނަކަމެއްކަމަށެވެ. އަދި މިއީ ދުނިޔޭގެ އެކި ގައުމުތަކުގެ ކަން ހިނގަމުންދާގޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ސަރުކާރުގެ މީޑީއާގައި ވާހަކަދައްކަވަމުން އާޒިމާ ވަނީ ސުޕްރީމް ކޯޓްގެ ނިންމުމަކީ ފައިނަލް ނިންމުންކަމަށާ ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި ސުޕްރީމް ކޯޓުގެ ހުކުމެއް އަލުން އަޑުއަހާފައި އަލުން ބަދަލު ކުރެވޭނެ އެއްވެސް ކަހަލަ ގާނޫނީ ފުރުސަތެއްނެތްކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާއެކު، ސުޕްރީމް ކޯޓުން ގެންދަނީ ކުރީ ސަރުކާރުގައި ދައުވާކޮށް ޖަލަށްލެވުނު އެތައް ސިޔާސީ ލީޑަރުންނެއްގެ މައްސަލަތައް އަލުން ބަލަންފަށާފައެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދާއި، ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲއާއި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި، ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ މައްސަލަވެސް ވަނީ ބަލަންފަށާފައެވެ.
ސުޕްރީމް ކޯޓްގެ ނިންމުން ރަނގަޅު ނޫންކަމަށް ވިދާޅުވަނީ ގާނޫނު ނޭނގޭތީ: ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ