ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ އެގައުމުގެ ޕާލަމެންޓް އުވާލައްވަން ނެރުއްވި އަމުރުގެ މައްސަލަ ބެލުމަށް، ސްރީލަންކާގެ ސުޕްރީމް ކޯޓުން ހަތް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފިއެވެ.
މި ބެންޗު އެކުލަވާލެއްވީ ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ނަލިން ޕެރޭރާއެވެ.
އުއްތަމަ ފަނޑިޔާރުވެސް ހިމެނިވަޑައި ގަންނަވާގޮތުން އެކުވަލާލާފައިވާ މިބެންޗުން، ޕާލަމެންޓް އުވާލައްވަން ރައީސް ނެރުއްވި އަމުރުގެ މައްސަލަ ބެލުމަށް ތާވަލް ކޮށްފައިވަނީ ކުރިއަށްއޮތް ޑިސެމްބަރުމަހުގެ 4،5،6 މިތިން ދުވަހުއެވެ.
ޕާލަމެންޓް އުވާލައްވަން ރައީސް ސިރިސޭނާ ނެރުއްވި އަމުރާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް 10 ޕެޓިޝަނެއް ހުށަހެޅިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސްރީލަންކާގެ ސިޔާސީ މަސްރަހް އިތުރަށް ހޫނުވެ، ރައީސް މައިތުރިޕާލަ ސިރިސޭނާ އެގައުމުގެ ޕާލަމެންޓް އުވާލައްވަން އަމުރު ނެރުއްވާފައިވަނީ މި ނޮވެމްބަރުމަހުގެ 9 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.
ނަމަވެސް، މިމައްސަލަ ލަންކާގެ މައި ސިޔާސީ ޕާޓީތަކުންނާއި، މަދަނީ ޖަމާއަތްތަކުންނާއި އާންމު ބައެއް ފަރުދުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން މިމަހުގެ 13 ވަނަދުވަހުވަނީ ރައީސްގެ އަމުރު ވަގުތީގޮތުން ސަސްޕެންޑްކޮށްފައެވެ. އަދި ޕާލަމެންޓް އުވާލެއްވުމަށްފަހު އަވަސް އާންމު އިންތިޚާބެއް ބޭއްވުމަށް ރައީސް ކުރެއްވި އަމުރުވެސް ސުޕްރީމް ކޯޓުން ހުއްޓުވާފައި ވެއެވެ.
ސުޕްރީމް ކޯޓުން މިހާރު ތައްޔާރުވަމުންދަނީ، ޕާލަމެންޓް އުވާލެއްވުމާއި، އަވަސް އިންތިޚާބެއް ބޭއްވުމަށް ރައީސް އަމުރު ކުރައްވާފައިވަނީ ގާނޫނީ އިމުގެ ތެރެއިންތޯ ބެލުމަށެވެ. ރައީސް ކުރެއްވި އަމުރުގެ ގާނޫނީ ސައްހަކަން ކަނޑައެޅިގެންދާނީ މިމައްސަލާގައި ސުޕްރީމް ކޯޓުން ކުރާ ހުކުމުންނެވެ.
ރައީސް ސިރިސޭނާ ޕާލަމެންޓް އުވާލެއްވި މައްސަލަބަލަން ލަންކާ ސުޕްރީމް ކޯޓުން 7 ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ