ސޯލާ ޕެނަލްތަކާއެކު އައްޑޫ ހައި ސްކޫލްގެ ކަރަންޓް ބިލް 7،000 ރުފިޔާއަށް ކުޑަވެއްޖެ!

އަވިން ހަކަތަ އުފެއްދުމުގެ ނިޒާމު ގާއިމުކުރުމުގެ ކުރިން އެވްރެޖް ގޮތެއްގައި ކަރަންޓް ބިލަށް 80.000 ރުފިޔާ އަރަމުން ދިޔަ އައްޑޫ ހައި ސްކޫލްގެ ކަރަންޓް ބިލް މިހާރު 7،000 ރުފިޔާއަށް ކުޑަވެފައިވާ ކަމަށް އެ ސްކޫލުން ބުނެފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެ ސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް ނަދީމް ވިދާޅުވީ އެ ސްކޫލުގައި ސޯލާ ޕެނަލްތައް ބެހެއްޓި ފަހުން މިހާރު ބައެއް މަސް މަހު 600 ރުފިޔާ ވެސް ކަރަންޓް ބިލަށް އަރާފައިވާ ކަމަށެވެ. 
"ސޯލާ ސިސްޓަމް ބެހެއްޓުމުގެ ކުރިން އަޅުގަނޑުމެންގެ ކަރަންޓް ބިލަށް މަހަކު 70 ހާސް، 80 ހާސް ރުފިޔާ އަރާ. އެހެންނަމަވެސް ސޯލާ ބެހެއްޓުމަށްފަހުގައި ބައެއް މަސްތަކުގައި އެބަހުރި 600 ރުފިޔާ. އަނެއްބައި މަސްތަކުގައި އެބަހުރި 6 ހާސް ރުފިޔާ 7 ހާސް ރުފިޔާ. އެހެންވީމާ އަޅުގަނޑުމެންނަށް މިއަހަރު އެކަނި ބަލާލިއަސް 800 ހާސް ރުފިޔާ ސޭވް ކުރެވުނު ބަޖެޓްގެ ތެރެއިން" ނަދީމް ވިދާޅުވިއެވެ.
ސްކޫލަށް ބޭނުންވާ ވަރަށްވުރެ ވެސް އިތުރަށް އަވިން ހަކަތަ އުފެއްދޭ ކަމަށާއި ނަމަވެސް މިހާރު އަދި އެފަދައިން އިތުރުވާ ކަރަންޓް ފެނަކައަށް ގަންނަ ގޮތަށް ހަމަޖެހިފައި ނުވާކަމަށް ނަދީމް ވިދާޅުވި އެވެ. އެފަދަ ގޮތަކަށް އިތުރުވާ ކަރަންޓް ފެނަކައަށް ގަންނަ ކަހަލަ ގޮތަކަށް ހަމަޖެހިއްޖެނަމަ ސްކޫލުގެ ކަރަންޓް ބިލް ސުމަކަށް ބަދަލުވެގެންދާނެ ކަމަށާއި އިތުރުވާ ކަރަންޓް ގަންނަ ނަމަ އެލިބޭ ފައިސާއިން ސޯލާ ޕެނަލްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރުން ސްކޫލުގެ ހިންގުމުގެ ޚަރަދަށްވެސް ފައިސާ ލިބިގެންދާނެ ކަމަށް ނަދީމް ވިދާޅުވިއެވެ.
ރައީސް ނަޝީދު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި، އައްޑޫ ހައި ސްކޫލުގައި ބަހައްޓާފައިވާ އަވިން ހަކަތަ އުފެއްދުމުގެ ނިޒާމް ވަނީ ބައްލަވާލައްވާފައެވެ. އެފަދަ ނިޒާމަކުން އުފެއްދޭ ކަރަންޓުން އިތުރުވާ ކަރަންޓް ވިއްކޭނޭފަދަ ނިޒާމެއް ޤާއިމް ކުރެއްވުމަށް ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި މަސައްކަތް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ