ގާސިމަށް ޔާމީން ކުރައްވާ ތައުރީފު ގަބޫލެއް ނުކުރެވޭ: އަބްދުﷲ ރިޔާޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް މިހާރު ކުރައްވަމުންގެންދަވާ ތައުރީފެއް ގަބޫލެއް ނުކުރެއްވޭނެ ކަމަށް ޖޭޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ. 
ރިޔާޒު މިގޮތަށް ވިދާޅުވީ ޕީޕީއެމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި އިސްދައުރެއް އަދާކުރައްވައި ޔާމީނުގެ މައްޗަށް ކުރި ހޯއްދަވާފައިވާ، ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ރައީސް ޔާމީން ވާހަކަދެއްކުމާގުޅިގެންނެވެ.
އެގޮތުން އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީން ވަނީ މުޅި ކޯލިޝަނުގެ އެންމެ ބޮޑު ކޮންޓްރިބިއުޝަން އަކީ ގާސިމް ކަމަށް ސިފަ ކުރައްވާފައެވެ. 
ރައީސް ޔާމީންގެ މި ވާހަކަ ތަކަށް ރައްދު ދެއްވަމުން ރިޔާޒު ވިދާޅުވީ ވެރިކަމުގައި ހުންނެވިއިރު ގާސިމް ކަމަކު ނުދާ ކަމަށެވެ. އެހެން ނަމަވެސް ވެރިކަން ގެއްލި ކޮންވައިފާ ވައްކަމާއި ކަރޮޕްޝަންތައް ބޯމަތިވެ، ޕާޓީ ގެއްލި ކައިރީގައިތިބި މީހުންވެސްް ދުރަށް ދާ ހިސާބުން ދައްކަވާ ވާހަކަ ގަބޫލު ކުރަންވީތޯ ކަމަށް ރިޔާޒު ވިދާޅުވިއެވެ. 
އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނަވާ މިފަހަކައައިސް ރައީސް ޔާމީނު ގެންދަވަނީ އާއްމު ޕޯޑިއަމްތަކުގައިވެސް ގާސިމް އިބްރާހީމް އަށް ތައުރީފު ކުރައްވާ ވާހަކަތައް ދައްކަވަމުންނެވެ.
އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ ގާސިމްއަކީ ކުރިންވެސް އެކުގައި މަސައްކަތް ކޮށްފައިވާ ބޭފުޅެއް ކަމަށެވެ. އަދި އެކަމަށް (ސިޔާސީ މަސައްކަތްއެކުގައި ކުރުމަށް) ގާސިމް ވަޑައިގަންނަވައިފި ނަމަ މަރުހަބާ ދަންނަވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިހާރު ތިކޯލިޝަންގައި އުޅުއްވާ ލީޑަރުންނަށް ބަލާއިރު، ކޯލިޝަން ހިފަހައްޓާ ވެރިކަން ބަދަލުވެ މި ހުރިހާކަމެއްގެ އެންމެ ބޮޑު ކޮންޓްރިބިއުޝަނަކަށް، އެންމެބޮޑު ހިއްސާއެއް އަދާކުރެވުނު ބޭފުޅަކަށް ހުންނާނީ ގާސިމޭ އިނގޭތޯ" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ގާސިމަކީ ވަރަށް ގިނަ ދިވެހި ރައްޔިތުނަށް އެހީވާ ބޭފުޅެއްކަމަށާއި ކޯލިޝަންގެ ތެރޭގައި އެންމެ ބޮޑު ސްޓްރެންތެއް އޮތީވެސް ގާސިމްގެ ކަމުގައެވެ. އަދި ގާސިމަށް ރަނގަޅުގޮތް އެދިވަޑައިގަންނަވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"ދެން އަޅުގަނޑާ ގާސިމާއި އެއްކޮށް މަސައްކަތްކުރާތަން ފެނިދާނެތޯ، ކުރިއަށްހުރި ތަނުގައި ވިސްނަންހުރި ކަންކަންދެއްތޯ، އެކުގައި މަސައްކަތް ނުކުރެވެންވީ ސަބަބެއްވެސް ނެތް" ރައީސް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ