މިނިވަންވެ، ގާސިމް ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

ކަފާލާތުގެ ދަށުން މިއަދު މިނިވަންވެވަޑައިގަތް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ޖަރުމަނުގައި އަމިއްލައަށް އަރުވާލެއްވިގެން ހުންނެވި ގާސިމް މިރޭ ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އޭނާއާއެކު ޖަރުމަނުގައި ދިރިއުޅުއްވަމުން ގެންދަވާ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
އަދި ބުދަ ދުވަހުގެ މެންދުރުފަހު 3:00ގައި އެބޭފުޅުން ތިއްބަވާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވިކަން ސާބިތުވެ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްގައި ހުންނަވަނިކޮށް، ހިތްޕުޅުގެ އާލާސްކަންފުޅަށް ބޭސްކުރައްވަން ގާސިމް ސިންގަޕޫރަށް ފުރާވަޑައިގަތީ ސެޕްޓެމްބަރު 5، 2017 ގައެވެ.
ސިންގަޕޫރުން ބޭސްފަރުވާ ކުރެއްވުމަށް ފަހު، އޭނާ ވަކި ހިސާބަކުން ޖަރުމަނަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދެވި ގޮތަށް އުޅުއްވަނީ ޖަރުމަނުގަ އެވެ.
ކަފާލާތުގެ ދަށުން ގާސިމް ދޫކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން މިރޭ އަމުރުކުރީ އޭނާ ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ނިމެންދެން އޭނާ ކަފާލާތުގެ ދަށުން ދޫކޮށްދޭން އެދި ހައި ކޯޓަށް ހުށަހެޅުމުންނެވެ. އަދި  ސިންގަޕޫރުގައި ހުއްޓާ ކެންސަލްކުރި ގާސިމްގެ ޕާސްޕޯޓް ވެސް މިރޭ ވަނީ ދޫކޮށްލައިފައެވެ.
މި ސަރުކާރުގެ އިންތިހާބީ ނައިބް ރައީސް ޑރ. ޖަމީލު އިނގިރޭސިވިލާތަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވައްދައި، ނައިބް ރައީސް ކަމުގެ މަގާމުން 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ދުރުކުރުމުން އޭގެ ދުވަސްކޮޅެއް ފަހުންނެވެ. އެފަހުން ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން އދ. މާމިގިލީ ކޯޓުން އަމުރެއް ނެރުނު މައްސަލައިގައި ޑރ. ޖަމީލުގެ ބައިވެރިވުމެއް ހިމެނޭ ކަމަށް ތުހުމަތުކޮށް ޖިނާއީ މައްސަލައެއް ފުލުހުން ތަހުގީގުކުރިއެވެ.
އެ ތުހުމަތު ޖަމީލް ދޮގު ކުރެއްވި ނަމަވެސް، ތަހުގީގަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ފުލުސް އޮފީހަށް ހާޒިރުވާން އެ މަނިކުފާނަށް އެންގިއެވެ. އަދި އޭގެ ފަހުން އެމަނިކުފާނު ހައްޔަރުކުރަން ކޯޓު އަމުރެއް ވެސް ފުލުހުން ހޯދައި ޕާސްޕޯޓް ވެސް ހިފެހެއްޓިއެވެ. ޖަމީލު ފަހުން ވަނީ ޖުމްހޫރީ ޕާޓީއާ ވެސް ގުޅިވަޑައިގަންފައެވެ.
ކަފާލާތުގެ ދަށުން ގާސިމް ދޫކޮށްލަން ހައި ކޯޓުން އަމުރު ކުރިއިރު، އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅިކަމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަނލުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ކަފާލާތުގެ ހައި ކޯޓުން މިރޭ ވަނީ މިނިވަންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ