މަޖިލީހުގައި އަންހެނުންގެ ދައުރު ފުޅާކުރަން ޖެހޭ – ގާސިމް

ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު ފުޅާކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަރާތުން ހެންވެއިރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އައިޝަތު ނާޒިމާގެ ކެމްޕެއިން ފެށުމަށް މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ އަންހެނުންނަށް ދިމާވާ ކަންކަން އެނގޭނީ އަންހެނުންނަށް ކަމަށެވެ.
"އެމީހުންނަށް އެނގޭނެ ވަރަށް ގިނަ ކަންތައްތައް އަޅުގަނޑުމެން ފިރިހެނުން ނުދަންނަ. މުލިއްސެއް ޖަހައިގެން ރިއްސި މީހަކަށް އެނގޭނީ އޭގެ ރިހުން ހުރި މިންވަރު. ތަކްލީފެއް އުފުލާ މީހަކަށް އެނގޭނީ އެކަމެއްގެ ބޮޑުކަމާއި ކުޑަކަން. އަންހެން ބޭފުޅުންނަށް ދިމާވާ ކަންކަން އަންހެން ބޭފުޅުންނަށް އެނގޭނީ،" ގާސިމް ވިދާޅުވިއެވެ.
މަޖިލީހުގައި ތިއްބަވަނީ ދެތިން ހަތަރު އަންހެންބޭފުޅުންނަަމަވެސް ދެން އަންނަ މަޖިލީހެއްގައި އެއަދަދު އިތުރުވެގެން ދާނެ ކަމަށް އަބަދުވެސް އުއްމީދު ކުރެވޭ ކަމުގައިވެސް ޤާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އަންހެނުން މަދުވުމުން ބޭރުގެ ގައުމުތަކުން އެކަމަށް ފާޑުކިޔާ ކަމަށެވެ. އެހެންކަމުން އަންހެންނުންގެ ބޭނުންތެރިކަން ދެނެގަނެ ގާނޫނާއި ގަވާއިދުތައް ހެދުމުގައި އަންހެނުންގެ ދައުރު ހިމެނުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި ތައުލީމީ އަންހެނުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވަމުން އައި ނަމަވެސް ސިޔާސަތު ނިންމާ ލެވަލްގައި އަންހެނުންގެ އަދަދު މަދުކަން ބައިނަލްއަޤުވާމީ ފަރާތްތަކުން ފާހަގަ ކުރެއެވެ. ސިޔާސަތުތައް ނިންމުމުގައި އަންހެނުންގެ ދައުރު ކުޑަވުމަކީ އަންހެނުންގެ ޙައްޤުތައް ހަމަހަމަކަމާއި އެކު ފޯރުކޮށްދިނުމަށް އެޅިފައި އޮތް ހުރަހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ