އައްޑޫން ކަރަންޓް ކަނޑާތީ ރައްޔިތުން ކަންބޮޑުވެފައި

މިހާރަކަށް އައިސް އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކަނޑަމުންދާތީ ރައްޔިތުންގެ ޝަކުވާތައް ގިނަވެ، ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ދޭތެރެ ދޭތެރެ އިން ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި ކަރަންޓް ކަނޑާތީ އާންމު ދިރިއުޅުމަށް ވެސް ވަރަށް ބޮޑަށް ވަނީ ބުރޫ އަރައިފަ އެވެ. ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫގެ އިތުރުން ފޭދޫން މި ދުވަސްކޮޅު ކޮންމެ ދުވަހަކު ދެތިން ފަހަރު ކަރަންޓް ކަނޑައިލަ އެވެ.
މިކަމާ ގުޅިގެން، އައްޑު އަށް ކަރަންޓްގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކަރަންޓް ކަނޑަނީ އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭން މަރުކަޒީ އިންޖީނު ގޭގައި ބޭނުން ކުރާ ދެ މެގަވޮޓްގެ ޖަނަރޭޓަރަކަށް މައްސަލައެއް ޖެހިގެން ކަމަށެވެ.
އެހެންވެ އެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުން އަންނާތީ މި ދުވަސްކޮޅު ކަރަންޓް ބޭނުން ކުރާ މިންވަރު މަދު ކުރުމަށް ފެނަކަ އިން އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ކަރަންޓް ކަނޑަނީ އިންޖީނުތަކުގެ ލޯޑް މަތިވާ ވަގުތުތަކުގަ އެވެ.
އައްޑޫގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ ގުޅިފައިވާ އަވަށްތަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެންނަން ދެ މެގަވޮޓްގެ ދެ ޖަނަރޭޓް ގެނެސް އިންސްޓޯލްކޮށް، ބޭނުން ކުރަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ފެނަކަ އިން ބުނެފައި ވަނީ އެ ޖަނެރޭޓަރުތައް ބޭނުން ކުރަން ފެށުމުން ކަރަންޓް ކެނޑޭ މައްސަލަ އެއްކޮށް ހައްލުވާނެ ކަމަށެވެ. ނަމަވެސް އައްޑު އަށް ދިމާވެފައިވާ ދުވަސްވީ މި މައްސަލަ އަށް މިހާތަނަށް ހައްލެއް ހޯދައިދެވިފައި ނެތްކަން ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.
އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކަރަންޓްގެ މައްސަލައާ ހެދި އަގު ބޮޑު އިލެކްޓްރޯނިކް ސާމާނުތައް ހަލާކުވަމުންދާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ