މަހާޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުން ރުހުން ދިން މަހާޒް އަލީ ޒާހިރު އެ މަގާމަށް މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކުރިފުޅުމަތީ މަހާޒަށް ފަނޑިޔާރުކަމުގެ ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އެވެ. އޭގެ ފަހުން ރައީސް ވަނީ މަހާޒަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ލިޔުން ހަވާލުކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސް ފޮނުއްވީ މިހާތަނަށް ޑްރަގް ކޯޓުގެ ގާޒީކަމުގައި ހުންނެވި މަހާޒްގެ ނަމެވެ. ގާނޫނުގައިވާ ގޮތުގެ މަތިން ކޮމިޝަނުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދުގެ ނަން ވެސް ކޮމިޝަނުން ރައީސަށް ހުށަހެޅި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މިއަދު އައްޔަންކުރެއްވި މަހާޒް އަލީ ޒާހިރަށް، ފަނޑިޔާރުކަމުގެ ލިޔުން ރައީސް ހަވާލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
މަހާޒާއި ދިޔާނާ އަކީ ވެސް ސުޕްރީމް ކޯޓަށް އައްޔަންކުރަން އެކަށީގެންވާ ބޭފުޅުންގެ ގޮތުގައި ޖޭއެސްސީން ދިން ލަފަޔާ އެއްގޮތަށް އެ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވުމުން މަހާޒްގެ ނަން ފާސްކުރީ 55 މެންބަރުންގެ އިއްތިފާގުންނެވެ. މަހާޒަށް ވޯޓު ދިނުމަށް، މަޖިލީހުގައި އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ތްރީލައިން ވިޕެއް ވެސް ނެރުނެވެ.
ދިވެހި ބަހުގެ އިތުރުން އިނގިރޭސި އާއި އަރަބި ބަހަށް ފަރިތަ މަހާޒް ބަންޑާރަ ނައިބު އޮފީހުގެ އެސިސްޓަންޓް ސްޓޭޓް އެޓާނީ ކަމުގައި ހަތް މަހެއްހާ ދުވަހު ހުންނެވި އެވެ. އަދި ސެޕްޓެމްބަރު 7، 2008 އިން ފެށިގެން ފެބްރުއަރީ 25، 2012 އާ ހަމައަށް ހުންނެވީ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ އެސިސްޓަންޓް ޕަބްލިކް ޕްރޮސެކިއުޓަރަކަށެވެ. އޭގެ ފަހުން ޑްރަގް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގަ އެވެ.
ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ހަތެއް ކަމުގައި ހަމަޖައްސައި އެ އަދަދު ހަމަކުރުމަށް މިދިޔަ މަހު ވަނީ ދެ ފަނޑިޔާރުން އައްޔަންކުރައްވައިފަ އެވެ. އެއީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އާއިޝާ ޝުޖޫން މުހައްމަދެވެ. މަހާޒް އައްޔަންކުރެއްވީ ސުލޫކީ މައްސަލަތަކެއް ސާބިތުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަބްދުﷲ ދީދީ އޯގަސްޓް މަހު ވަކިކުރުމުން ހުސްވި ޖާގައަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ