ގދ.ނަޑެއްލާ އަތަމާގެ، އިބްރާހީމް ނާފިޛު (ޗިކާ)ގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި މަސްތުވާތަކެތި ވިޔަފާރި ބޭނުމަށް ބެހެއްޓުމުގެ ދަޢުވާ ސާބިތުނުވާ ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ. މިމައްސަލާގައި ކުރިމިނަލް ކޯޓުންނާއި ހައިކޯޓުންވެސް ޙުކުމްކޮށްފައިވަނީ ޗިކާގެ މައްޗަށް މަސްތުވާތަކެތި ވިޔަފާރި ބޭނުމަށް އަތުގައި ބެހެއްޓުމުގެ ދަޢުވާ ސާބިތުނުވާ ކަމުގައެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ދަށު ކޯޓުގެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން އެހުކުމް ދަމަހައްޓާފައިވެއެވެ. އަދި މިހާރު ސުޕްރީމް ކޯޓުން މިމައްސަލާގައި ނިހާއީ ނިންމުން ނިންމާފައިވެއެވެ. މިމައްސަލަ ނިންމެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު، އަދި ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދުވެ. އަދި މައްސަލާގައި ޙުކުމް ލިޔުއްވާފައިވަނީ ފަނޑިޔާރު ޙުސްނުއް ސުޢޫދެވެ. މިމައްސަލާގައި ދަށު ކޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ޗިކާގެ މަސްތުވާތަކެތީގެ ރެކޯޑެއް ނެތުމާއި، އޭނާގެ ހަށިގަނޑުން މަސްތުވާތަކެތި ފެނިފައިނެތުމާއި، އަދި ޔޫރީން ޓެސްޓު ހެދުމުން މަސްތުވާތަކެއްޗަށް ޕޮސިޓިވް ވެފައިނެތުމާއި، އެއްވަގުތެއްގައި އެއް އުރައެއް ތިން ފުލަހަކަށް ފެނުނުއިރު، އެއުރަ އޮތް ނުއޮތް ގޮތެއް ތިން މީހުންނަށް އެއް ގޮތަކަށް ބުނެދެވިފައިނުވާ ކަން ހިމެނެއެވެ. އަދި ސުޕްރީމް ކޯޓުން މައްސަލަ ނިންމުމުގައި ޕީޖީއިން ނަގާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ވަކިވަކިން އަލިއަޅުވާލައިފައިވެއެވެ. އެގޮތުން އިބްރާހީމް ނާފިޛު ދިރިއުޅުނު ކޮޓަރީގައި ހުރި އަލަމާރިއެއްގެ މަތީގައި އޮތް ސިޓީ އުރައަކުން މަސްތުވާތަކެތި ފެނުމަކީ އެތަކެތި އެއީ އޭނާގެ ތަކެތިކަން ނިންމޭނެ ސަބަބެއް ނޫން ކަމުގައި ކޯޓުން ކަނޑައަޅާފައިވަނީ ހިޔާޒަތު ނުވަތަ އަތުގައި އެއްޗެއް އޮތުމާ ގުޅޭ ޤާނޫނީ މަބްދައުތަކުގެ މައްޗަށް ބިނާކުރައްވައެވެ. ދެވަނަ ކަމަކަށް ޕްރޮސެކިއުޓަރ ޖެނެރަލް ފާހަގަކުރައްވާފައިވާ އިސްތިއުނާފީ ނުކުތާއަކީ، އިބްރާހީމް ނާފިޛުގެ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗަކީ ތިމަންނާގެ އެއްޗެހި ކަމުގައި ބުނެ އެއާ ހަވާލުވެ އިޢުތިރާފުވި މީހާގެ ހެކި ބަހާ ގުޅޭ ނުކުތާއެވެ. އެމީހާވަނީ އެތަކެއްޗަކީ އޭނާ އެކޮޓަރިއަށް ވެއްދި ތަކެތި ކަމުގައި ބުނެ އެކަމަށް ދަށު ކޯޓުގައި އިޢުތިރާފުވެފައެވެ. އެއިޢުތިރާފަކީ އެއިޢުތިރާފުގެ ޞައްޙަކަމާމެދު ޝައްކުވާ އިޢުތިރާފެއްކަމުގައި ކަނޑައަޅައި ސުޕްރީމް ކޯޓުންވަނީ އެއިޢުތިރާފު އެކަހެރިކޮށްފައެވެ. ނަމަވެސް އިބްރާހީމް ނާފިޛާއި އޭނާގެ ކޮޓަރީގެ އަލަމާރީގެ މަތިން ފެނުނު މަސްތުވާ ތަކެއްޗާ ގުޅުވޭނެ ގޮތެއް ނެތުމުން، އެއީ އޭނާގެ ހިޔާޒަތުގައި ހުރި އެއްޗެއް ކަމުގައި ޤާނޫނީ ގޮތުން ސާބިތުވާން ނެތުމުން، އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާ ސާބިތުނުވާ ކަމުގައި ސުޕްރީމް ކޯޓުން ނިންމިއެވެ.
މިލިޔުން ކިޔާލުމުން
40 %
އުފާވި
0 %
ދެރަވި
60 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ޚޖގގ
އަތުގައި ހިފައިގެން ހުރީ ބޯންވާނެޔޭ ބުނާ މީހާ. ވީމާ، ސާބިތެއް ނުވާނެއެއްނު.
REPLY
ކަބުލޮ
ވިލާއަށް މިސްދު. މިހެންވެސް ކިޔައި ނެގޭނެ. ދެން މަސްތުވާތަކެތި ގެންގުޅ
REPLY
ޗިކާގެ މައްޗަށް އުފުލި މަސްތުވާތަކެތީގެ ދަޢުވާ ސާބިތުނުވާކަމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ