ޕަބްލިކް ސާރވިސް މީޑިޔާ (ޕީއެސްއެމް)ގެ ފަރާތުން ބިޒްނަސް އިމޭޖް ގްރޫޕް ނުވަތަ ބިގަށް 78މިލިޔަން ރުފިޔާ ދައްކަން ޖެހޭކަމަށް ސިވިލް ކޯޓުން ހުރި ހުކުމް، ސުޕްރީމް ކޯޓުން އިސްތިއުނާފަށް ބަލައިގަތުމަށް ނިންމައިފިއެވެ.
ހައިކޯޓުން އިސްތިއުނާފަށް ބަަލައިނުގަތް މި މައްސަލަ މިދިޔަ އަހަރުގެ ފަހުކޮޅުގެ ތެރޭގައި ޕީއެސްއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅިކަމަށް މިހާރު ނޫހުގައި ވަނީ ބުނެފައެވެ. މިދިޔަ މަހުގެ ފަހުކޮޅު އެ ކޯޓުން އެ މައްސަލަ ބަލައިގަތުމަށް ނިންމައި، އެ މައްސަލަ ހުށަހެޅުމުގެ ހުއްދަ ދީފައިވާކަމަށް ވަނީ ބުނެފައެވެ.
ނަަމަވެސް މި މައްސަލަ ޕީއެސްއެމްގެ ފަރާތުން އިސްތިއުނާފު ކުރިކަން މިހާތަނަށް އެނގިފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ބިގް ކުންފުންޏަށް ޕީއެސްއެމްގެ ފަރާތުން މިހާ ގިނަ އަދަދެއްގެ ފައިސާ ދޭންޖެހުނީ ޖޫން 7، 2016ގައި ސިވިލް ކޯޓުން ކުރި ހުކުމަކާއި ގުޅިގެން، އެމްއެންބީސީގެ ދަރަނިތަކުގެ ބަލަދުވެރިޔާގެ ހައިސިއްޔަތުންނެވެ. އެއީ އެމްއެންބީސީއާ އެކު ވެފައި އޮތް އެއްބަސްވުމުގެ ދަށުން ބިގް ކުންފުންޏަށް ލިބެން ޖެހޭ ފަސް މިލިޔަން ރުފިޔާ ނުލިބި އޮތުމުން، އެ ފައިސާއާއި ޖޫރިމަނާއަށްވީ ފައިސާ ހޯދަން އުފުލި ދައުވާއެކެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން 2014ވަަނަ އަހަރު ނެރުނު އެމްއެންބީސީގެ ޚާއްސަ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުން ބިގްއަކީ، އެމްއެންބީސީގެ އެކްސްކްލޫސިވް ސޭލްސް އޭޖެންޓެވެ. ނަމަވެސް އެކަމުގެ ތެރޭގައި އަޑި ނޭނގޭ އެތައް ކަމެއްވާކަމަށް އެ އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެގޮތުން ބިގްއަށް އެކަން ދޫކުރީ ބިޑަކުން ކަމުގައިވިޔަސް، ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންކަން ހުރުމުން އެ މައްސަލަ ތަހުގީގުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅުމަށް ވަނީ ލަފާދީފައެވެ. އަދި އެމްއެންބީސީން ބިގްއަށް ދޭންޖެހޭ އެއްވެސް ފައިދާއެއް ނުދިނުމަށް ވަނީ އަންގާފައެވެ.
ބިގަށް ބަދަލުދޭން ޖެހޭ މައްސަލައިގައި ޕީއެސްއެމްއިން ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ