އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އަޅަން ރައީސް ސިޓީ ފޮނުއްވައިފި

ކްރިމިނަލް ކޯޓުގެ އިސް ޤާޒީ ޢަބްދުﷲ މުޙަންމަދާ ބެހޭ ގޮތުން ޖުޑީޝަލް ސަވިސް ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން، އެ ޤާޟީއާ މެދު ފިޔަވަޅު އެޅުއްވުމަށް ކޮމިޝަނުން ނިންމެވި ނިންމެވުން، ވީ އެންމެ އަވަހަކަށް ތަންފީޛު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، އެ ކޮމިޝަންގެ ރައީސް އާދަމް މުޙަންމަދު ޢަބްދުﷲ އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ކަމަށް ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ފަނޑިޔާރުންނާ ބެހޭ ގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި، ވަކިކުރަން ޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅަން ޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަގާމުން ވަކިކުރަން ހުށަހެޅުމަކީ، ޤާނޫނު އަސާސީގެ ދަށުން ޖުޑީޝަލް ސަވިސް ކޮމިޝަންގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާފައިވެ އެވެ. އަދި ޢަދުލުވެރި ޖިނާއީ ނިޒާމެއް ދިވެހި ރާއްޖޭގައި ޤާއިމު ކުރުމަށް ދިމާވާ ކޮންމެ ހުރަހަކީ، އޭގެ ސަބަބުން ޤައުމީ ސަލާމަތާއި ޢާންމު މަޞްލަޙަތާއި އަމަންއަމާންކަން ރައްކާތެރިކުރުމަށް އަސަރުކުރާނޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ. އަދި ޤާނޫނު އަސާސީގެ ދަށުން އެ ކޮމިޝަނާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކޮށްދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ