މުހައްމަދު އަހުމަދު ބަންދުން ދޫކޮށްލުމަށް ނިންމި ނިންމުން ހައިކޯޓުން ބާތިލްކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކެއްގެ ދައުވާ ލިބިގެން ބަންދުގައި ހުއްޓައި ގދ.ގައްދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވި މުހައްމަދު އަހުމަދު ބަންދުން ދޫކޮށްލުމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލްކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 2 މައްސަލައެއްގައި ދަޢުވާ ލިބޭ ގދ. ގައްދޫ، ވިންސެންޓް، މުޙައްމަދު އަޙްމަދު ޝަރީޢަތް ނިމެންދެން ބަންދުގައި ހުއްޓައި، ބަންދުން ދޫކޮށްލުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން 3 މެއިގައި ނިންމި ނިންމުން އެ އޮފީހުން ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މުޙައްމަދު އަޙްމަދު ބަންދުން ދޫކޮށްލުމަަށް ދަށުކޯޓުން ނިންމި ނިންމުން މިއަދު ބާތިލްކޮށްފައިވާކަމަށެވެ.
އެހެންކަމުން އޭނާގެ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ދަށުކޯޓުން ކުރި އަމުރު ދެމިއޮންނާނެއެވެ. އަދި މުހައްމަދު އަލުން ބަންދަށް ބަދަލުކުރެވޭނެއެވެ.
ކުޑަކުދިންތަކަށް ޖިންސީ ގޯނާކުރުމުގެ ދެ މައްސަލައެއްގެ ދަޢުވާ ލިބޭ މުޙައްމަދު އަޙްމަދު ވަނީ މިދިޔަ ކައުންސިލް އިންތިޚާބުގައި، ޖަލުގައި ހުރެގެން ޕީޕީއެމްގެ ޓިކެޓްގައި ކައުންސިލްގެ ރައީސްކަމަށް ވާދަކޮށް ގޮނޑި ކާމިޔާބުކޮށްފައެވެ. ޤާނޫނުގައިވާ ގޮތުން، މައްސަލަތައް ސާބިތުނުވާހާ ހިނދެއްގައި އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އޭނާއަށް އޮތީ ހުޅުވިފައެވެ.
މުޙައްމަދު އަޙްމަދުގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މީގެކުރިން ވަނީ އަމުރެއް ނެރެފައެވެ. ސަބަބަކީ އޭނާގެ ފަރާތުން މުޖުތަމަޢަށް ނުރައްކާވެދާނެކަމުގެ ފުރުޞަތު އޮތުމެވެ.
ޕީޕީއެމްގެ ޓިކެޓްގައި މުޙައްމަދު ވާދަކުރާ ވާހަކަ މީސް މީޑިޔާގައި ގަދަވުމުން، އެ މައްސަލަ ބަލައި، ފިޔަވަޅު އަޅާނެކަމަށްބުނެ 18 މާރިޗުގައި ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި އެ މައްސަލަ އަވަހަށް ބަލައި ނިންމައިދޭން ކަމާބެހޭ އިދާރާތަކުގެ ކިބައިން އެދިފައިވީނަމަވެސް، މުޙައްމަދުގެ ކުރީގެ މައްސަލަތައް އޮއްވައި އޭނާއަށް ޓިކެޓްދޭން އެއްބަސްވީ ކީއްވެގެންކަން ހާމަކޮށްދީފައެއް ނުވެއެވެ. އަދި އޭނާއަށް ޕީޕީއެމްއިން ކުރި ތާއިދު އަނބުރާ ގެނެސްފައި ނުވާކަންވެސް ފާހަގަކޮށްލެވެއެވެ. މި މައްސަލައިގައި އެޕާޓީއަށް ގިނަބަޔަކު ވަނީ ފާޑުކިޔާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ