ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މައްސަލައެއްގައި ހައްޔަރުކުރި ކަމަށް ތުހުމަތުކުރެވިގެން ހައްޔަރުކުރި މުޙައްމަދު ވިސާމް ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލުކޮށްފިއެވެ.
ވިސާމަކީ އިރުއަލިމަސް ނަމަކަށް ކިޔާ ދޯންޏެއްގައި 61 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މައްސަލާގައި، އެކަން ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހާކަމަށް ފުލުހުން ތުހުމަތުކުރެއެވެ. އެ މައްސަލާގައި އޭނާ ކޯޓުން ދޫކޮށްލާފައިވަނީ ޑޮކްޓަރަށް ދައްކައި އޭނާއަށް ލިބެންޖެހޭ ފަރުވާ ފޯރުކޮށްދީފައިނުވާކަމަށް ބުނެއެވެ. ނަމަވެސް ޕީޖީން ބުނެފައިވަނީ ވިސާމު ޑޮކްޓަރަށް ދައްކައި ފަރުވާކުރިކަން ސާބިތުވާނެ ލިޔެކިޔުން ހުށަހެޅި ކަމަށެވެ.
ވިސާމު ބަންދުން ވީއްލުމަށް ކުރިމިނަލް ކޯޓުން ނިންމާފައިވަނީ ފާއިތުވި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގައެވެ. ކުރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުގެ ފަރާތުންވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
މި މައްސަލާގައި ވިސާމުގެ މައްޗަށް ޑައިމޮފީން ޓްރެފިކުކުރަން އުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އެ މައްސަލާގައި އޭނާއާއެކު އިތުރު 11 މީހުން ހައްޔަރުކުރިއެވެ. ވިސާމު މިނިވަންކުރިއިރު ބާކީ ތިބި 11 މީހުން ތިބީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ. ފުލުހުންނާއި ޕީޖީން ތުހުމަތުކުރާ ގޮތުގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު ވިއުގައިގެ އެންމެ އިސްވެރިޔަކީ ވިސާމެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ކުރިންވެސް މަސްތުވާތަކެތީގެ ބައެއް މައްސަލަތަކުގައި ވިސާމު ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާވެސް އުފުލާފައިވެއެވެ. ނަމަވެސް މިހާތަނަށް އެއްވެސް މައްސަލައެއް އޭނާގެ މައްޗަށް ސާބިތުކުރެވިފައިނުވެއެވެ.
ވިސާމު ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އިއްވި އަމުރު ހައިކޯޓުން ބާޠިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ