ޑަބްލިއުއެޗްއޯގެ އައު މަންދޫބާ މިނިސްޓަރ ޝާހިދު ބައްދަލު ކުރައްވައިފި

ޑަބްލިއުއެޗްއޯގެ އައު މަންދޫބާ، ފޮރިން މިނިސްޓަރ ޝާހިދުއާއި ބައްދަލު ކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި އޮތް ބައްދަލުވުމުގައި ޑރ. ނާޒްނީން ވަނީ އެކަމަނާގެ ލެޓަރ އޮފް އެޕޮއިންޓްމަންޓް މިނިސްޓަރ ޝާހިދަށް އަރުވާފައެވެ.
މިބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ޑަބްލިއުއެޗްއޯގެ ދައުރާއި ބެހޭގޮތުން ޝާހިދު އާއި ޑރ. ނާޒްނީން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އަދި ދިވެހި ސަރުކާރާއި ޑަބްލިއުއެޗްއޯގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރަށް ކޮވިޑް-19 ގެ ސަބަބުން ދިމާވި އެތަކެއް ދަތިތަކާއި، ބަލިމަޑުކަމުން އަރައިގަތުމަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީގޮތުން އަޅަމުންގެންދާ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މިނިސްޓަރ ޝާހިދުއާއި ޑރ. ނާޒްނީން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ކޮވިޑް-19 ދިމާވުމާ ގުޅިގެން ޑަބްލިއުއެޗްއޯއިން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ދެއްވި އެހީއަށް މިނިސްޓަރ ޝާހިދުވަނީ ޑަބްލިއުއެޗްއޯ އަށް ޝުކުރު އަދާ ކުރައްވާފައެވެ.
މިނިސްޓަރ ޝާހިދުވަނީ މިވަގުތު އޮތް ސިއްހީ ހާލަތުން އަރައިގަތުމަށާއި ބަލިމަޑުކަމުގެ ސަބަބުން ދިމާވާނެ އިޖުތިމާއީ އަދި އިގްތިސާދީ ހީނަރުކަން ކުޑަކުރުމަށް ޑަބްލިއުއެޗްއޯއިން އަދާކުރާ ދައުރު ފާހަގަ ކުރައްވާފައެވެ.
1965 އިން ފެށިގެން ޑަބްލިއުއެޗްއޯއިން ވަނީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއާއި ކުރިއެރުމުގައި ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ