ރައްޔިތުން ގެދޮރުވެރި ކުރުވުމަކީ ވިޔަފާރިއަށް ކުރަންޖެހޭނެ ކަމެއް ނޫން: މުއިއްޒު

ރައްޔިތުން ގެދޮރުވެރި ކުރުވުމަށް ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގެން އޮތީ ވިޔަފާރި އުސޫލުން ކަމަށް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާރީ އެކަމަކީ ވިޔަފާރި އުސޫލުން ކުރަންޖެހޭ ކަމެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީގެ މޭޔަރުކަމަށް އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ކުރިމަތިލައްވައިގެން އުޅުއްވާ މުއިއްޒު ވަނީ މިނިސްޓަރު އަސްލަމް ދެއްކެވި ވާހަކަފުޅާއިމެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ގެދޮވެރިކަމަކީ ކޮންމެ ރައްޔިތެއްގެ ވެސް އިންސާނީ ހައްގު ކަމަށާއި އެ ހައްގު ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ މަތީ އެއް ޒިންމާ ކަމަށެވެ. އެހެންކަމުން އެފަދަ މަޝްރޫއުތަކަކީ ހަމައެކަނި ވިޔަފާރި އުސޫލުން ކުރެވެން ކުރި ކަމެއްކަމަށް ސަރުކާރުން ދެކޭނަމަ އެ ސަރުކާރަކީ ރައްޔިތުންނަށް ހެޔޮ އެދޭ ސަރުކާރެއްކަމަށް ރައްޔިތުން ނުދެކޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންނަށް ދޭން ކަނޑައެޅި ހިޔާ މަޝްރޫއުގެ ފްލެޓުތަކާއި ގުޅިގެން، އެ މުވައްޒަފުންނަށް 50 ޕޮއިންޓު ނުލިބޭނަމަ ފްލެޓު ނުލިބޭނެ ކަމަށް ކަނޑައެޅުމުން އެކަމާއި މެދު ކަންބޮޑުވުން ފާޅު ކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަކީ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގައި އެންމެ ބުރަ މަސައްކަތް ކުރާ ފަރާތްތައް ކަމަށެވެ.
އެ ފަރާތްތަކާއި ދޭތެރޭ މިފަދަ އިހާނެތި ގޮތްތަކެއް ހެދުމަކީ ކޮށްގެން ވާނެ ކަމެއް ނޫން
- ޑރ. މުހައްމަދު މުއިއްޒު
މުއިއްޒު ވަނީ ސިނަމާލެ ފްލެޓުތައް މަރާމާތު ކުރެވެން ނެތްކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވުމުން އެކަމަށްވެސް ރައްދު ދެއްވައިފަ އެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ސިނަމާލެ ފްލެޓްތައް އަލުން އިމާރާތް ކުރެވެންދެން އެ ފްލެޓްތަކުގައި އުޅޭ އެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ފްލެޓްތައް މަރާމާތުކޮށްދޭން ޖެހޭ ކަމަށެވެ. އެއީ އެ ތަނުގައި ދިރިއުޅޭ ރައްޔިތުން ހޭދަކުރާ ދުވަސްތަކަކީ ބިރުވެރިކަމެއްގެ ތެރޭގައި ހޭދަކުރާ ދުވަސްތަކަކަށް ވިޔަ ދީގެން ނުވާނެތީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ