ޔޫކްރެއިން ހަމަލާތައް ވަގުތުން ހުއްޓާލަން އދގެ ކޯޓުން ރަޝިޔާއަށް އަމުރުކޮށްފި

ޔޫކްރެއިންގައި ރަޝިޔާއިން ހިންގަމުން ގެންދާ އަސްކަރީ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް އދގެ ކޯޓުން ރަޝިޔާއަށް އަމުރުކޮށްފިއެވެ.
އދގެ ކޯޓު، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން މިކަމަށް އަމުރުކުރީ، ޔޫކްރެއިނުން ރަޝިޔާއާ ދެކޮޅަށް އެ ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު ހުކުމް އިއްވަމުންނެވެ. ހުކުމް އިއްވެވީ އދގެ ކޯޓުގެ ރައީސް ފަނޑިޔާރު ޖޯން އީ ޑޮނޮގުއޭއެވެ.
އދގެ ކޯޓުން ކުރާ އަމުރުތަކަށާއި، ހުކުމްތަކަށް މެމްބަރު ގައުމުތަކުން ކިޔަމަންވާންޖެހެއެވެ. ކިޔަމަން ނުވެއްޖެނަމަ އެ ގައުމެއްގެ މައްސަލަ ދެން ހުށަހަޅާނީ އދގެ ސަލާމަތީ މަޖިލީހަށެވެ.
އެކަމަކު، ރަޝިޔާއަކީ އދގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ މެމްބަރު ގައުމެކެވެ. ވީޓޯގެ ބާރު ލިބިފައިވާ ގައުމެކެވެ.
އދގެ ކޯޓުގެ އަމުރަށް ރަޝިޔާއިން ކިޔަމަން ނުވިނަމަވެސް، އެ ނިންމުމުގެ ސަބަބުން ހަނގުރާމައާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް އެހެން ދިމަދިމާއިން ޝަރީއަތްތައް ހިންގުމަށް ދޮރުތައް ހުޅުވުމަށް މަގުފަހި ވެގެންދިޔައީއެވެ.
އދގެ ކޯޓުގެ ނިންމުމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީވަނީ ތައުރީފް ކުރައްވާފައެވެ. އަދި މިއީ، ޔޫކްރެއިނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަސް ޒެލެންސްކީ ވިދާޅުވިއެވެ.
ޔޫކްރެއިނުން އދގެ ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައިގަނެ ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ގެންދާ ކަމަށާއި، އެހެންކަމުން ރަޝިޔާ ހުއްޓުވައި ދިނުމަށެވެ.
ނަމަވެސް، މިމައްސަލައިގެ އަޑުއެހުންތައް ރަޝިޔާއިންވަނީ ބޮއިކޮޓް ކޮށްފައެވެ. ބުނެފައިވަނީ، ޔޫކްރެއިނުން ހުށަހެޅި މައްސަލައަކީ އެއްވެސް ތާކުންތާކުނުޖެހޭ މައްސަލައެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ