ކޮމަންޑޫ ދާއިރާއަށް ލިބޭ ކުރިއެރުމަކީ އަޅުގަނޑަށްވެސް ލިބޭ ކުރިއެރުމެއް: ގާސިމް

ކޮމަންޑޫ ދާއިރާއަށް ލިބޭ ކުރިއެރުމަކީ ޚުދު އެމަނިކުފާނަށްވެސް ލިބިވަޑައިގަންނަވާ ކުރިއެރުމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހަންމަދު ރާޝިދުގެ ކެމްޕެއިންގައި ބައިވެރިވެވަޑައި ގަތުމަށް ކޮމަންޑޫ ދާއިރާގައި ހިމެނޭ ރަށްރަކުގެ ތެރެއިން ކޮމަންޑޫއަށް ވަޑައިގެން އެރަށުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ، އެމަނިކުފާނު ވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވަނީ، ވަރަށް ގިނަ ސަބަބުތައް ހުރުމުން ކަމަށެވެ.
އެގޮތުން ފާހަގަކުރެއްވި އެއް ކަމަކީ، ކީކިމިނީގައި ކުރައްވާފައިވާ އިންވެސްޓްމަންޓެވެ.
ގާސިމް ވިދާޅުވީ، ކީކިމިނީގައި އެމަނިކުފާނު ކުރައްވާފައިވަނީ ވަރަށްބޮޑު އިންވެސްޓްމަންޓެއް ކަމަށާއި، އެހެންކަމުން، ކޮމަންޑޫ ދާއިރާ ތަރައްގީވެ، ދާއިރާގެ ރައްޔިތުން ތަނަވަސްވެގެން ދިއުމަކީ އެމަނިކުފާނަށްވެސް ރަނގަޅުވާނެ ކަމެއް ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ތަރައްގީއަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކަކީ ތޯތޯ ވާހަކަތަކެއް ނޫން ކަމަށާއި، ދެކޮމަންޑޫ ގުޅާލުމުގެ މަސައްކަތްތައްވެސް ދާދި އަވަހަށް ފެށިގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ކުރިއަށްމިއޮތް ބައި-އިލެކްޝަނަކީ ކޮމަންޑޫ ދައިރާއާއި، ދާއިރާގައި ހިމެނޭ ރަށްތައް ތަރައްގީ ކުރުމުގެ ފުރުސަތު އަތްމަތިވެފައިވާ ފުރުސަތެއް ކަމަށާއި، ސަރުކާރަށް ގޮނޑި ކާމިޔާބުވުމަކީ ވޭތުވެދިޔަ 50 އަހަރު ނުލިބިގޮތް ތަރައްގީ މަތިމައްޗަށް ބަރުތީލަވެގެން އަންނާނެ ކަމެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މާދަމާގެ މުސްތަގްބަލަށްޓަކައި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދު ވެރިކަމުގައި މިހުންނެވީ ދިވެހިން ދެކެ ލޯބިވާ އިހްސާންތެރިކަމާއި އަދުލުވެރިކަމާއެކު ވެރިކަން ކުރައްވާ ބޭފުޅެއް ކަމަށާއި، ވެރިކަމަށް މީހަކު ހޮވުމަށްފަހު އިޚްލާސްތެރިކަމާއެކު އެ ބޭފުޅަކަށް ކަންތައް ކޮށްދޭންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑިއަކީ ސަރުކާރަށްވެސް، އެމްޑީޕީއަށްވެސް އަދި ކޯލިޝަނަށްވެސް މުހިންމު ގޮނޑިއެއް ކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ. އިންތިޚާބު ވަރަށް ވާދަވެރި ކަމަށާއި، އެކަމަކު މިއުޅެނީ އެމްޑީޕީއަށް މެމްބަރުން މަދުވެގެން ނޫންކަމަށް ވިދާޅުވިއެވެ.
ތަރައްގީގެ ބައެއް ކަހަލަ މަޝްރޫއުތައް މަޑުޖެހިގެންދިޔައީ ކޮވިޑްގެ ސަބަބުން ކަމަށާއި، ހަގީގަތުގައި ރައީސަށް ވެރިކަން ކުރަން ލިބުނީ އެންމެ އަހަރެއް ކަމަށާއި، ސަރުކާރުގެ މަސައްކަތްތައް ލަހޭ ބުނަން ލަދުގަންނަންޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ކޮވިޑާހެދި ކުރިމަތިވި ދަތިހާލަތުގައިވެސް ރައީސާއި ސަރުކާރު ކުރި މިންނެތް މަސައްކަތުން ރާއްޖޭގެ ރައްޔިތުން ބަނޑަނުޖެހޭ ކަމަށާއި، ވެކްސިން ލިބި ހުރިހާކަމެއް ފުރިހަމަ ވެގެންދިޔައީ ދުނިޔޭގެ ބޮޑެތި، މުއްސަނދި ގައުމުތަކަށްވުރެ މާކުރިންކަން ގާސިމް ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ރއީސް ކޮށްދެއްވި މަސައްކަތުގެ ބަދަލުގަ މޫނުމަތީގެ އެތިފަހަރެއް ޖެހުން ރަނގަޅު ނޫންކަން ގާސިމް ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ