އުމަރު ޑީއާރުޕީ އަށް ސޮއި ކުރައްވައިފި

މިދިޔަ ހުކުރު ދުވަހުގެ ރޭ އުވާލި އައިޑީޕީގެ ރައީސް އުމަރު ނަސީރު އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޑީއާރުޕީ އަށް މިއަދު ސޮއި ކުރައްވައިފި އެވެ.
މެންދުރު 00: 12 ގައި ޑީއާރުޕީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އުމަރު އެ ޕާޓީ އަށް ސޮއި ކުރެއްވީ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމްގެ ހާޒިރުގަ އެވެ. އެހެން ނަމަވެސް ދުވަހުން ދުވަހަށް ޑީއާރުޕީ ހިންގެވުމާ ހަވާލުވެ ހުންނެވި އެ ޕާޓީގެ ނައިބު ޒައީމް އަހުމަދު ތަސްމީން އަލީ މާލޭގައި ނޫޅުއްވާތީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައެއްނުގަންނަވަ އެވެ. އެހެން ނަމަވެސް ޕާޓީގެ އަނެއް ނާއިބު ޒައީމް ހަމްދޫން ހަމީދު މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.
ޑީއާރުޕީ އަށް ސޮއި ކުރެއްވުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ އޭނާ އެ ޕާޓީ އަށް ސޮއި ކުރެއްވީ ދެ މަގުސަދެއްގައި ކަމަށެވެ. ފުރަތަމަ ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަށް އެންމެ ފުޅާ ދާއިރާއެއްގައި ހިދުމަތް ކުރެވެން އޮތީ ޑީއާރުޕީގެ ތެރެއިން ކަމަށް ވާތީ އެވެ. ދެވަނަ ސަބަބަކީ ގައުމެއް ހިންގުމުގެ ގާބިލްކަމާއި މައުލޫމާތާއި ތަޖުރިބާ އާއި ހުނަރު ހުރި ހަމައެކަނި ޕާޓީ އަކީ ޑީއާރުޕީ ކަމަށްވާތީ ކަމަށް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ އަޅުގަނޑަށް ތާއީދުކުރާ ހުރިހާ ބޭފުޅުން ވެސް ދިވެހި ރައްޔިތުންގެ ޕާޓީއާ ވީހާ ވެސް އަވަހަކަށް ގުޅުން. އަދި އަޅުގަނޑުމެންގެ ސިޔާސީ މައިދާނުގެ މެދުތެރޭގައި ތިއްބެވި އެހެނިހެން ސިޔާސީ ބޭފުޅުންނަށް ވެސް އަޅުގަނޑު ދަންނަވާނީ ވީހާ ވެސް އަވަހަކަށް ދިވެހި ރައްޔިތުންގެ ޕާޓީއާ ގުޅި މި ގައުމަށް ފުޅާ ދާއިރާއެއްގައި ހިދުމަތް ކުރުމަށް އަވަހަށް ނުކުންނަވާށޭ،" އުމަރު ވިދާޅުވި އެވެ.
އަންނަ މަހު ބާއްވާ ޑީއާރުޕީގެ ގައުމީ ޖަލްސާގައި ނުވަތަ ކޮންގްރެސްގައި އެ ޕާޓީގެ އިސް މަގާމަކަށް ކުރިމަތިލައްވާނަންތޯ ދެންނެވުމުން އުމަރު ވިދާޅުވީ އެކަމާ މެދު ގޮތެއް ނިންމަން އަދި ތަންކޮޅެއް އަވަސް ކަމަށާއި ވަގުތު ޖެހުމުން އެކަން އިއުލާން ކުރައްވާނެ ކަމަށެވެ.
އުމަރު ޑީއާރުޕީއާ ގުޅިވަޑައިގަތުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޒައީމް މައުމޫން ވިދާޅުވީ އުމަރަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވަރަށް ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި އެފަދަ ބޭފުޅަކު ޑީއާރުޕީއާ ގުޅިވަޑައިގަތުމަކީ އެ ޕާޓީ އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށެވެ. އަދި މައުމޫން ވިދާޅުވީ އެހެން ޕާޓީއެއްގެ ރައީސަކަށް ހުންނެވި ބޭފުޅަކު ޑީއާރުޕީއާ ގުޅިވަޑައިގަތުމަކީ ވަރަށް ހާއްސަ ކަމެއް ކަމަށެވެ.
ޑީއާރުޕީގެ ޒައީމަކީ މައުމޫން ކަމަށްވެފައި އެ ޕާޓީގެ އެއް ނާއިބު ޒައީމް ތަސްމީން ވެސް ކުރިއަށް އޮތް ކޮންގްރެސްގައި ޒައީމް ކަމުގެ މަގާމަށް ކުރިމަތިލައްވާ ވާހަކަތައް ދެކެވޭއިރު އެ މަގާމަށް ކުރިމަތިލައްވަފާނަންތޯ ދެންނެވުމުން މައުމޫން ވިދާޅުވީ އެ މަނިކުފާނުގެ ހިޔާލާއި ތަސްމީންގެ ހިޔާލު ވަރަށް އެއްގޮތް ކަމަށާއި "އެއްވެސް ހާލެއްގައި އަޅުގަނޑުމެން ދެ މީހުން އެއް މަގާމަކަށް ވާދަކުރާނެ ކަމަކަށް އަޅުގަނޑު ހިތެއް ނުބުނޭ" ކަމަށެވެ.
"ތަސްމީނަކީ އަޅުގަނޑުމެންގެ ޕާޓީގެ ނާއިބު ޒައީމް އަދި މިވަގުތު ޕާޓީ ކަންތައް ހިންގެވުމަށް ހުންނެވި އިސްވެރިޔާ. ތަސްމީނަކީ އަޅުގަނޑަށް ވަރަށް އިހުލާސްތެރި، ދިވެހި ރައްޔިތުންގެ ޕާޓީ އަށް ވެސް ވަރަށް އިހުލާސްތެރި ބޭފުޅެއް. މިވީހާ ތާނގައި ވަރަށް ރަނގަޅަށް ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް. އެހެންވީމަ ތަސްމީނާ އަޅުގަނޑާ ދޭތެރޭގައި އެއްވެސް މައްސަލައެއްގައި ހިޔާލު ތަފާތުވުމެއް ނެތް. ނުވެސް އޮންނާނެ. އަޅުގަނޑާ ތަސްމީނާ ދެ މީހުންގެ ހިޔާލު ވަރަށް އެއްގޮތް. އެހެންވީމަ އެއްވެސް ހާލެއްގައި އަޅުގަނޑުމެން ދެ މީހުން އެއް މަގާމަކަށް ވާދަކުރާނެ ކަމަކަށް އަޅުގަނޑު ހިތެއް ނުބުނޭ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޕީއޭއާ އެކު މިހާރު ވެސް ޑީއާރުޕީން ކޯލިޝަން ހަދާފައިވާއިރު އެހެން ސިޔާސީ ޕާޓީތަކުން ޑީއާރުޕީއާ ގުޅުމަށް މަސައްކަތް ކުރާނަމަ އެކަމަށް ޑީއާރުޕީން މަރުހަބާ ކިޔާނެ ކަމަށެވެ.
އުމަރު ޑީއާރުޕީ އަށް ސޮއި ކުރެއްވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އުމަރު އިސްވެ ހަރަކާތްތެރިވެ ވަޑައިގަންނަވާ "އިހުތިޖާޖު" ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ޑީއާރުޕީގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ