ގާނޫނު އަސާސީ އަވަހަށް ނިންމިދާނެ ކަމާ ދޭތެރޭ ސުވާލު އުފެދިއްޖެ

ރޭ ބޭއްވި ހާއްސަ މަޖިލީހުގެ ޖަލްސާ ނިމެން ގާތްގަނޑަކަށް ވިއްސަކަށް މިނިޓް ވެފައި ހުއްޓާ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު ފާތުމަތު ދިޔާނާ ސައީދު ކުއްލި ގޮތަކަށް ނިޒާމީ ނުކުތާ ނެންގެވުމަށް ފަހު، ގާނޫނު އަސާސީ ނިންމުމުގެ ސުންގަނޑި ހަމަވާކަމުގެ އިންޒާރު ހާއްސަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށް ދެއްވި އެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކޮށް ނިންމުމުގެ ސުންގަޑި ރޭގެ 00: 12 އާ ހަމައަށް ހަމަވާނެ ކަމަށާއި އޭގެ ކުރިން އެއާ މެދު ގޮތެއް ނުނިންމަވާ ނަމަ ހާއްސަ މަޖިލީސް "ލީގަލް ހޯލްޓަކަށް" އަންނާނެ ކަމަށެވެ. ދިޔާނާ މި ނެންގެވި ނިޒާމީ ނުކުތާއާއެކު މުޅި މަޖިލީސް ހޫނުވެގެން ދިޔަ އެވެ. ފުލުފުލުން ނިޒާމީ ނުކުތާ ނަންގަވައިގެން، 30 ނޮވެމްބަރުގެ ނިޔަލަށް ގާނޫނު އަސާސީ ނިންމުމުގެ ސުންގަޑި އިތުރު ކުރުމުގެ ވާހަކަތައް މެމްބަރުން ދައްކަވަން ފެއްޓެވި އެވެ. ބައެއް މެމްބަރުން ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކޮށް ނިންމުމުގެ މުއްދަތު އިތުރު ނުކުރާ ކަމަށް ވަނީ ނަމަ ހާއްސަ މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަނެއް ބައި މެމްބަރުން ވިދާޅުވީ 30 ނޮވެމްބަރުގެ ނިޔަލަށް ގާނޫނު އަސާސީ ނުނިމުނަސް، ހާއްސަ މަޖިލީސް އޮންނާނެ ކަމަށާއި އެއީ ގާނޫނީ ހައިސިއްޔަތު ގެއްލިގެންދާނެ ކަމެއް ނޫން ކަމަށެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ގާނޫނު އަސާސީ ނިންމުމަށް ހުށަހެޅުއްވި ދިޔާނާ ވިދާޅުވީ ހާއްސަ މަޖިލީހުގެ މެމްބަރުން ފާސްކުރައްވާފައިވާ ކަމަކަށް އެ މަޖިލީހުގެ މެމްބަރުން އަމަލުކުރައްވަން ލާޒިމްވާނެ ކަމަށާއި އެއާ ހިލާފުވުމުގެ ކުރިން، ގާނޫނު އަސާސީ އިސްލާހުކޮށް ނިންމުމުގެ މުއްދަތު އިތުރު ކުރަން ޖެހޭނެ ކަމަށެވެ. ދިޔާނާ ހުށަހަޅުއްވާފައި ވަނީ 14 ޑިސެމްބަރު 2007 ގެ ނިޔަލަށް މުއްދަތު އިތުރުކުމަށެވެ.
މެމްބަރުންގެ ނިޒާމީ ނުކުތާއާއެކު، މަޖިލީހުގެ ރައީސް އިއުލާންކުރެއްވީ ގާނޫނު އަސާސީގެ 99 ވަނަ މާއްދާގައި އޭނާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، މި މަހުގެ 14 އިގެ ނިޔަލަށް ގާނޫނު އަސާސީ އިސްލާހުކޮށް ނިންމުމުގެ މުއްދަތު އިތުރުކުރަން ފެނޭތޯ ބަލަން ވޯޓަށް އައްސެވުމަށެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ގާނޫނު އަސާސީ ނިންމުމުގެ ސުންގަޑި ޖެހެން ގާތްގަނޑަކަށް ހަތް މިނިޓް ވެފައި ހުއްޓާ ރިޔާސަތުން މި ނެގި ވޯޓުގެ ނަތީޖާ އަކީ ގާނޫނު އަސާސީ ނިންމުމަށް ވަކި ސުންގަޑިއެއް ދެން އިތުރަށް މެމްބަރުން ބޭނުން ނުވާ ކަމެވެ. ގާނޫނު އަސާސީ ނިންމުމުގެ މުއްދަތު މި މަހުގެ 14 އިގެ ނިޔަލަށް އިތުރުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެ ވަގުތު ޖަލްސާގައި ތިއްބެވި 93 މެމްބަރުންގެ ތެރެއިން 48 މެމްބަރުންނެވެ. ނުފެންނަ ކަމަށް ދެ މެމްބަރުން ވޯޓު ދެއްވިއިރު، އެއްވެސް ކޮޅަކަށް ވޯޓު ނުދެއްވާ 10 މެމްބަރަކު ތިއްބެވި އެވެ. ވޯޓު ނުދެއްވާ ދެ މެމްބަރުންގެ ތެރެއިން އެއް މެމްބަރަކީ، 30 ނޮވެމްބަރުގެ ނިޔަލަށް ގާނޫނު އަސާސީ ނިންމުމަށް ދިޔާނާ ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދުކުރެއްވި ފ. މެމްބަރު އަހުމަދު ހަމްޒާ އެވެ. އަނެއް މެމްބަރަކީ މާލޭ މެމްބަރު އަހުމަދު އާތިފެވެ. ހާއްސަ މަޖިލީހުން ކަމެއް ފާސްވާނީ 57 ވޯޓު ލިބިގެންނެވެ.
މި ވޯޓުގެ ނަތީޖާ އިއުލާންކުރެއްވުމާއެކު ބައެއް މެމްބަރުން މާޔޫސްވެ ވަޑައިގެން ތިއްބެވި މަންޒަރު ވެސް ފެނިގެންދިޔަ އެވެ. އަދި ގާނޫނު އަސާސީ 30 ނޮވެމްބަރުގެ ނިޔަލަށް ނިންމުމުގެ މުއްދަތު އިތުރުކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ދިޔާނާ، ރޭގެ ޖަލްސާގައި ވޯޓުގެ ނަތީޖާ އިއުލާން ކުރެއްވުމާއެކު ޖަލްސާއިން ނުކުމެވަޑައިގެންނެވި ތަން ވެސް ފެނިފައި ވެ އެވެ.
ގާނޫނު އަސާސީ އިސްލާހުކޮށް ނިންމުމަށް ފާސްކުރައްވާފައިވާ 30 ނޮވެމްބަރުގެ މުއްދަތު އިތުރުކުރަން ރޭ ފާސްނުވުމުން ބައެއް މެމްބަރުން ފެންމަތި ކުރެއްވި އެއް ސުވާލަކީ ދެން ގާނޫނު އަސާސީ އިސްލާހުކުރުން ހާއްސަ މަޖިލީހުގެ ރައީސް ކުރިއަށް ގެންދަވާނެ ގޮތަކާ މެދުގަ އެވެ. އެއަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ ރޫހުގައި ގާނޫނު އަސާސީ ނިންމުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ރ. މެމްބަރު އަލީ ވަހީދު ވިދާޅުވީ އަވަސް މުއްދަތެއްގެ ތެރޭގައި ގާނޫނު އަސާސީ ނުނިމޭނެ ކަމަށާއި އެކަން އެންމެ އަވަހަށް ގެންދެވޭނެ ގޮތަކީ ގާނޫނު އަސާސީގެ 99 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހާއްސަ މަޖިލީހުން ނިންމަމުންދާ ބާބުތައް ތަސްދީގު ކުރުމަށްޓަކައި ކޮންމެ ހަތް ދުވަހަކުން ރައީސް މައުމޫނަށް ފޮނުއްވުން ކަމަށެވެ.
ރޭގެ ޖަލްސާގައި ބައެއް މެމްބަރުން ވަނީ އިއްޔެގެ ނިޔަލަށް ގާނޫނު އަސާސީ ނިންމުމަށްޓަކައި އަވަސް އަރުވާލައިގެން މަސައްކަތް ކުރުމުގެ ސަބަބުން، ރަނގަޅަށް ސިކުނޑި މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ ޝަކުވާ ކުރައްވައިފަ އެވެ. އެ ބޭފުޅުން ވިދާޅުވީ ރައްޔިތުންނަށްޓަކައި ރަނގަޅު އަސާސީއެއް ހަދަން މަސައްކަތްކުރާއިރު، އެކަން ކުރެވޭނީ ރަނގަޅަށް ވިސްނަވައިގެން ކަމަށެވެ. ނޮވެމްބަރު 30ގެ ނިޔަލަށް ގާނޫނު އަސާސީ ނިންމުމަށްޓަކައި އަވަސްއަރުވާލުމުގެ ސަބަބުން ބައެއް މައްސަލަތައް މިހާރު ވެސް ވަނީ ނުކުމެފަ އެވެ. އެގޮތުން އަލުން ޑްރާފްޓިން ކޮމެޓީއަށް ފޮނުވި ބައެއް މާއްދާތައް ހާއްސަ މަޖިލީހުގެ ތަޅުމަށް ދެވަނަ ފަހަރަށް ގެނައި އިރު، ކުރިން ޑްރާފްޓްގައި ހުރި ބައެއް މާއްދާތައް ވަނީ އުނިވެފަ އެވެ. އޭގެ ތެރޭގައި އެއްވެ އުޅުމުގެ މިނިވަންކަމުގެ މާއްދާ ފާހަގަ ކުރެވެ އެވެ. އަދި ރޭގެ ޖަލްސާގައި އަދުލު އިންސާފުގެ ބާބުގެ މާއްދާއެއްގެ އަކުރަކަށް ވޯޓަށް ނާއްސަވައި ޖަލްސާ ކުރިއަށް ގެންދަވަނިކޮށް އެކަން މެމްބަރުންގެ ސަމާލުކަމަށް އައީ އެހެން މެމްބަރަކަށް ފާހަގަ ކުރެވިގެން ރިޔާސަތަށް އިޝާރާތް ކުރެއްވުމުންނެވެ.
މި ކަންތަކާ ގުޅިގެން ހާއްސަ މަޖިލީހުގެ ރައީސާއި ޑްރާފްޓިން ކޮމެޓީގެ މުގައްރިރު އިބްރާހިމް އިސްމާއީލް (އިބުރާ) އަދި އެހެން މެމްބަރުން ވެސް ވަނީ އަވަސް އަރުވާލައިގެން ގޮސް ބައެއް ކަންތައްތައް "އަތްދަށުން" ދަނީ ކަމަށެވެ.
ގާނޫނު އަސާސީ އިސްލާހުކޮށް ނިންމުމުގެ ސުންގަޑީގެ ވާހަކަ މެމްބަރުން ދައްކަވާއިރު، ހާއްސަ މަޖިލީސް އެއްކުރިތާ ތިން އަހަރު ވަނީ ވެފަ އެވެ. އެ ތިން އަހަރުގެ ތެރެއިން ގާތްގަނޑަކަށް އެއް އަހަރު ހޭދަކުރެއްވީ ހާއްސަ މަޖިލީހުގެ ގަވާއިދު ހެދުމުގަ އެވެ. އަދި ހާއްސަ މަޖިލީހުގެ ރައީސަކު އިންތިހާބު ކުރުމުގެ ކަންތަކާއި ނިޒާމީ ވޯޓުގެ މައްސަލައިގައި ވަކި ގޮތެއް ނުނިމި ގިނަ ދުވަސްތަކެއް ވަނީ ބޭކާރުވެފަ އެވެ.
"ހަގީގަތުގައި ގާނޫނު އަސާސީގެ އަމަލީ މަސައްކަތް އަޅުގަނޑުމެންނަށް މި ކުރެވުނީ ތިން މަހެއްހާ ދުވަސް ވަންދެން. އޭގެ ކުރިން މި ދިޔައީ އެހެން ކަންތައްތަކުގައި. އޯގަސްޓް މަހު ނިޒާމީ ވޯޓަށް ފަހު ގާނޫނު އަސާސީގެ މަސައްކަތާއިގެން އުޅެވޭ ވަރުވީ،" ހާއްސަ މަޖިލީހުގެ ސ. މެމްބަރު ހުސްނުއް ސުއޫދު ވިދާޅުވި އެވެ.
ގާނޫނު އަސާސީ ނިންމުމުގެ ސުންގަޑި ރޭ ގެ 00: 12 އާ ހަމައަށް ވަނީ ހަމަވެފަ އެވެ. އަދި އެ ސުންގަނޑި ދެން އިތުރުކުރާކަށް ވެސް ފާހެއް ނުވި އެވެ. އެއާއެކު ގާނޫނު އަސާސީ ނިންމޭނެ މުއްދަތެއް އަނެއްކާ މިވަނީ ސުވާލު މާކެއްގެ ތެރޭގަ އެވެ. އަދިވެސް ރައީސުލްޖުމްހޫރިއްޔާގެ ބާބާއި އާ ގާނޫނު އަސާސީއަށް ވާސިލުވުމުގެ ބާބު އެބައޮޔެވެ. އޭގެ ތެރޭގައި އާ ގާނޫނު އަސާސީއަށް ވާސިލުވުމުގެ ބާބު ޑްރާފްޓިން ކޮމެޓީން އަދި އެކުލަވައި ވެސް ނުލައްވަ އެވެ. މިއީ އެންމެ ހޫނު ވާނެ ދެ ބާބު ކަމަށް ވެސް ގިނަ ބަޔަކު ދެކެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ