ޝަހީދު ހުސައިން އާދަމްގެ ހަޔާތާ ބެހޭ ގޮތުން ސިފައިންނަށް މައުލޫމާތު ދީފި

ނޮވެމްބަރު ،3 1988ގައި ސްރީލަންކާގެ ހަނގުރާމަވެރި ބަޔަކާ ގުޅިގެން ދިވެހިންގެ ބަޔަކު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ހުސައިން އާދަމްގެ ހަޔާތާ ބެހޭ ގޮތުން ސިފައިންނަށް މައުލޫމާތު ދީފި އެވެ.
އެމްއެންޑީއެފުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ކަޅުތުއްކަލާ ކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، ޝަހީދު ހުސައިން އާދަމްގެ ހަޔާތާ ބެހޭ ގޮތުން ސިފައިންނަށް ދީފައިވާ މައުލޫމާތަކީ އޭނާގެ ހަޔާތާ ބެހޭ ގޮތުން މިހާތަނަށް ތައްޔާރުކޮށްފައިވާ އެންމެ ބޮޑު ދިރާސާ އެވެ. އެ ދިރާސާގައި ޝަހީދު ހުސައިން އާދަމުގެ ކުޑައިރުގެ ވާހަކަތަކާއި އާއިލީ ދިރިއުޅުމާއި ގައުމީ ހިދުމަތަށާއި ތިނެއް ނޮވެމްބަރުގެ މަތިވެރި ޖިހާދަށް ބަލާލާފައިވެ އެވެ.
އެ ރަސްމިއްޔާތުގައި ސިފައިންގެ އިސް ވެރިންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން ވަނީ މިއަދު ހެނދުނު މާލެ ވަށައިގެން ރޯޑު މާޗެއް ބާއްވައިފަ އެވެ. ކަޅުތުއްކަލާ ކޮށީގައި ޖަމާއަތުގައި ފަތިސް ނަމާދުކުރުމަށް ފަހު ބޭއްވި އެ ރޯޑް މާޗް ކުރިއަށް ގެންދިޔައީ ގައުމީ ޝުއޫރުތައް ފާޅުކުރަމުން ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެ އެވެ. ސިފައިންގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެން އެ ރަސްމިއްޔާތު ނިންމައިލީ މާލެ ވަށައި ބުރެއް ޖެހުމަށް ފަހު ކަޅުތުއްކަލާ ކޮއްޓަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ