ހުރަވީ ބިލްޑިން ތަޅާޅައި އެ ތަނުގައި ޕާކިން ސަރަހައްދަކާއި ޕާކެއް ހަދާ ގޮތަށް ނިންމައިފި

އުމުރުން 24 އަހަރުވީ ހުރަވީ ބިލްޑިންގައި ހުރި ސަރުކާރުގެ ގިނަ އޮފީސްތަކެއް އިއްޔެ ހުޅުވި "ވެލާނާގެ" އަށް ބަދަލުކޮށްފައިވާތީ އާއި ހުރަވީ ބިލްޑިން ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެ ތަން ތަޅާލާ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
ހައުސިން މިނިސްޓަރުގެ ނާއިބު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ ހުރަވީ ބިލްޑިންގްގައި ހުރި ގިނަ އޮފީސްތަކެއް "ވެލާނާގެ" އަށް ބަދަލު ކޮށްފައިވާއިރު ބާކީ ހުރި އޮފީސްތައް ބަދަލުކުރަން ނިންމާފައި ވަނީ ޣާޒީ ބިލްޑިންގަށް ކަމަށެވެ.
ޣާޒީ ބިލްޑިންގްގައި ހުރި ބައެއް އޮފީސްތައް ވެސް މިހާރު އަންނަނީ "ވެލާނާގެ" އަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމަކު މުޅިން ހުސްކުރަން ހަމަޖައްސާފައިވަނީ ނޮވެމްބަރު ،3 1986 ގައި އޭރުގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ހުޅުއްވައިދެއްވި ހުރަވީ ބިލްޑިންގެވެ.
"މުނިސިޕަލްޓީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ތަންތަން ޣާޒީ ބިލްޑިންގަށް ބަދަލުކުރާ ގޮތަށް ނިންމާފައި ވަނީ. އޭގެ ސަބަބަކީ ޣާޒީ ބިލްޑިންގަށް ވުރެ ބޮޑަށް ހުރަވީ ބިލްޑިންގް ހަލާކުވެފައިވާ ކަމަށް އެތަން ބެއްލެވި ބޭފުޅުން ވިދާޅުވެފައިވާތީ. އަޅުގަނޑުމެން މި ބަލަނީ ހުރަވީ ބިލްޑިންގްގައި ހުރި އޮފީސްތައް މަހެއްހާ ދުވަސް ފަހުން ޣާޒީ ބިލްޑިންގަށް ބަދަލު ކުރެވޭ ވަރުވާނެ ކަމަށް. ވެލާނާގެ އަށް ބަދަލުވި އޮފީސްތައް ވެސް މުޅިން ބަދަލުވުމަށް އަދި ދުވަސްތަކެއް ނަގާނެ. އޭގެ ފަހުން ހުރަވީ ބިލްޑިންގް ތަޅާލާނީ،" އަކްރަމް ވިދާޅުވި އެވެ.
މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ ހުރަވީ ބިލްޑިންގް ހުރި ތަނުގައި ޕާކަކާއި ޕާކިން ސަރަހައްދެއް ހެދުމަށް ސަރުކާރުގެ ޕްލޭންގައިވާ ކަމަށެވެ. އެކަމަކު އެ ޕްލޭނަށް އަމަލީ ސިފަ އަންނާނީ ކިހާ ދުވަހަކުންކަން ވިދާޅުވާން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ވަރަށް ކަލްޗަރަލް އޭރިޔާއެއް ނޫންތޯ؟ އެހެންވީމަ އެކަމަށް ވެސް ވިސްނާފައި ޕާކަކާއި ޕާކިން ސަރަހައްދެއް އަޅުގަނޑުމެން ހަދާނީ. މިއީ މިހާރު ސަރުކާރުގެ ފައިނަލް ޕްލޭންގައިވާ ކަމެއް،" މުނިސިޕަލްޓީގެ ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ އާ އޮފީސް އިމާރާތް "ވެލާނާގެ" ހުޅުވިއިރު އެ ތަނަށް ވަނީ 11 އޮފީހެއް ބަދަލުކޮށްފަ އެވެ. "ވެލާނާގެ" ހުޅުވުމާ އެކު ހުރަވީ ބިލްޑިންގައި ހުރި އޮފީސްތަކުގެ އިތުރުން އެހެން ބައެއް މިނިސްޓްރީތަކުގެ ދަށުގައިވާ ބައެއް ޑިޕާޓްމަންޓްތަކާއި ސެކްޝަންތައް ވެސް ޣާޒީ ބިލްޑިންގަށް ބަދަލުކުރުމަށް މިހާރު ވަނީ ނިންމައިފަ އެވެ. އެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން މއ. ވަވަތީގައި ހިންގާ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) ވެސް ޣާޒީ ބިލްޑިންގަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. މީގެ އިތުރުން ސެންޓަ ފޯ ކޮންޓިނިއުއިން އެޑިއުކޭޝަން (ސީސީއީ) އަށް ޣާޒީ ބިލްޑިންގުން ޖާގައެއް ލިބޭތޯ ވެސް އެޑިއުކޭޝަނުން އަންނަނީ ބަލަމުންނެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ މިނިސްޓްރީގެ ދަށުން ހިންގާ ތަންތަން އެއް ސަރަހައްދަކަށް ބަދަލުކުރުމުން އިދާރީ ކަންކަމަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އާމާލް އަލީ މިދިޔަ އާދީއްތަ ދުވަހު ވިދާޅުވީ ޣާޒީ ބިލްޑިންގަށް އީޑީސީ ބަދަލުކުރުމުން މަހަކު ގާތްގަނޑަކަށް .300،000 ރ ގެ ކުލި ބަޖެޓުން ސަލާމަތްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ