ގިޓްމޯ ޖަލުގައި ހުރި ފަލަސްތީނު މީހާ ގެންނާނެ ކަމުގެ އިޝާރާތެއް ޑރ. ޝަހީދު ދެއްވައިފި

ކިއުބާގެ ގުއަންޓަނާމޯ (ގިޓްމޯ) ބޭގައި ހުންނަ އެމެރިކާގެ އަސްކަރީ ޖަލުން، ރައްޔިތުންގެ މަޖިލީހުގެ ރުހުމެއް ނެތި އެއްވެސް ގައިދީއަކު ރާއްޖެ ނުގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނިކޮށް، އެ ޖަލުގައި ހުރި ފަލަސްތީނުގެ ހަމައެކަނި ގައިދީ ރާއްޖެ ގެންނަން މަސައްކަތްކުރާ ކަމުގެ އިޝާރާތެއް ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ދެއްވައިފި އެވެ.
އަހަރަކު އެއް ފަހަރު ބާއްވާ އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި މިދިޔަ ހޮނިހިރު ދުވަހު އެމެރިކާގެ ނިއުޔޯކްގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވިގޮތުގައި ގުއަންޓަނާމޯ ބޭ ގައި ހުރި ފަލަސްތީނުގެ ހަމައެކަނި ގައިދީ ސުލްހަވެރި، މިނިވަން ދިރިއުޅުމެއް އުޅުމަށްޓަކައި ރާއްޖެ އައުމަށް ދައުވަތު ދޭން ވަނީ ހަމަޖެހިފަ އެވެ.
މިނިސްޓަރު ވިދާޅުވީ ފަލަސްތީނުގެ އަޚުންނަށް ކޮށްދޭ ހެޔޮ ކަމެއްގެ ގޮތުގަ އާއި ފަލަސްތީނު ރައްޔިތުންނާ އެކު ދިވެހިން ތިބިކަން ހާމަ ކޮށްދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލިހުން އެ ގައިދީ އަށް މަރުހަބާ ކިޔާނެ ކަމަށް ސަރުކާރުން އުއްމީދުކުރާ ކަމަށެވެ.
އަދި ފޮރިން މިނިސްޓަރުގެ ވާހަކައިގައި ރާއްޖެއިން ފަލަސްތީނަށް ފުރަތަމަ ފަހަރަށް ސަފީރަކު ކަނޑައެޅުމަށް ދާދިފަހުން މަޖިލިހުން ރުހުން ދީފައިވާކަން ވެސް ޑރ. ޝަހީދު ފާހަގަ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެ އެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ދިވެހިންގެ ހިތްތަކުގައި ފަލަސްތީނުގެ އަޚުންނާއި އުޚުތުންނާ މެދު އޮތް ލޯތްބާއި ކުލުނު ވަރަށް ބޮޑު ކަމަށެވެ.
ގިޓްމޯ ޖަލުގެ ގައިދީން ރާއްޖެ ގެންނަ ނަމަ މަޖިލީހުގެ ރުހުން ހޯދުމަށް ނިންމީ މިދިޔަ ޖުލައި 14 އިގައި ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ހުށަހަޅުއްވައި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާން ތާއީދު ކުރެއްވި ހުށަހެޅުމަށް ވޯޓަށް އެހުމުން، ހާޒިރުވެ ތިއްބެވި 74 މެމްބަރުންގެ ތެރެއިން މި ހުށަހެޅުން ފާސްކުރަން ފެންނަ ކަމަށް 43 މެމްބަރުން ވޯޓުދެއްވި އިރު އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ 28 މެމްބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
ނިއު ޔޯކްގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮސޯވޯގެ މިނިވަން ކަމަށް ވެސް ރާއްޖެއިން ތާއީދު ކުރައްވާ ކަމަށެވެ. އަދި މުސްލިމުން ދެކެ ބައެއް ގައުމުތަކުން ކުރާ ނަފްރަތާއި ރުޅިވެރިކަން ކުށްވެރި ކުރެއްވި ކަން ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ