މަސް ދޯންޏަށް ބަޑިޖެހި ބޯޓު ސިފައިންގެ ބާރުގެ ދަށަށް ގެނެސްފި

30: 22
ގއ. ވިލިނގިއްޔާ ދިމާލުން 18 ވަރަކަށް މޭލު ބޭރުގައި އޮތް ބޭރު ގައުމެއްގެ ބޯޓަކާ ކައިރިކުރަން އުޅުނު އެ ރަށު މަސް ދޯންޏަކަށް، އިންޒާރު ދިނުމުގެ ގޮތުން ބަޑިޖެހި ބޯޓު މިހާރު ދިވެހި ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑުން މިރޭ ވިދާޅުވެއްޖެ އެވެ.
މި ބޯޓާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް މިރޭ 30: 9 ގައި ކޯސްޓްގާޑް ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯސްޓްގާޑުގެ ޑިރެކްޓަރު ޖެނެރަލް ކާނަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ އެ ބޯޓު މިހާރު އުތުރަށް ދަތުރުކުރަމުން ދިޔަ ނަމަވެސް "ބޯޓު އޮތީ އަޅުގަނޑުމެންގެ ކޮންޓްރޯލް ދަށުގައި" ކަމަށެވެ. އަދި ބޯޓު ކައިރީގައި ކޯސްޓްގާޑުގެ ހުރަވީ ލޯންޗް ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ.
ނަމަވެސް އެ ބޯޓާއި ހުރަވީ ލޯންޗް މިހާރު އޮތީ ކޮން ހިސާބެއްގައިތޯ ސުވާލުކުރުމުން އެ މައުލޫމާތު ދެވެން ނެތް ކަމަށް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ކޯސްޓްގާޑުގެ ހުރަަވީ ލޯންޗް، މިއަދު އެ ބޯޓާ ގާތްގަނޑަކަށް 300 ވަރަކަށް މީޓަރަށް ކައިރިވި ތަނާ ބޯޓުން މީހަކު ކަނޑަށް ފުންމާލި ކަމަށާއި އެ މީހާ ވަގުތުން ޑިންގީއެއްގައި ހުރަވީ ލޯންޗަށް ނެގި ކަމަށެވެ.
"އަޅުގަނޑުމެން އައީ މި ބޯޓާ މެދު ވަރަށް ބޮޑަށް ސަމާލުވަމުން. އެ ސަމާލުކަން މަތީގައި، އަޅުގަނޑުމެން އެ ބޯޓާ ކައިރިކުރަމުން ދަނިކޮށް ފެނުނީ ބޯޓުން މީހަކު ފުންމާލިތަން. އެހެންވެ އިތުރަށް އަޅުގަނޑުމެން ސަމާލުވާން ޖެހުނީ. ހުރަވީގެ ޑިންގީން ގޮސް އޭނަ (ބޯޓުން ފުންމާލި މީހާ) ނެގީ. ހުރަވީ އަށް އެ މީހާ ގެނެސް، މި ދިވާމި ކަންކަމާ ގުޅޭ ގޮތުން އޭނާގެ ފަރާތުން މައުލޫމާތު ސާފުކުރަމުން މިދަނީ. މަސްވެރިން ބުނާ ގޮތުން އެ ބޯޓުން ބަޑި ޖެހުމުގެ ހާދިސާ ވެސް ހިނގާފައިވުމާއެކު، އަދި މީނާގެ ފަރާތުން ވެސް ލިބޭ މައުލޫމާތުގެ އަލީގައި އަޅުގަނޑުމެން ބަލަމުން މިދަނީ މި ބޯޓު ރާއްޖޭގެ ރަށްތަކާ ތަންކޮޅެއް ދުރަށް މަޑުމަޑުން ދަތުރުކުރެވޭތޯ،" ޒަކަރިއްޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަޑި ޖެހި ބޯޓާ ބެހޭ ފުރިހަމަ މައުލޫމާތުތައް އަދިވެސް ލިބިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް، ބޯޓުން ފުންމާލި މީހާއާ ވެސް ސުވާލުކުރައްވަމުން ގެންދަވާ ކަމަށެވެ.
އެއީ ކޮން ގައުމެއްގެ ބޯޓެއްތޯ ހަވީރުން ސުވާލު ދެންނެވުމުން ޒަކަރިއްޔާ ވިދާޅުވީ އެ ބޯޓުގައި ވަކި ގައުމެއްގެ ދިދައެއް ނަގާފައި ނުވާ ކަމަށާއި އޭގެ އެއްވެސް މައުލޫމާތެއް އަދި ދެވޭ ވަރުނުވާ ކަމަށެވެ.
"މި ބޯޓަކީ ނުރައްކާތެރި އެއްޗެއްކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވިއްޖެ. މި ބޯޓުން ވައިގެ ތެރެއަށާއި ލޮނުގަނޑުގެ ތެރެއަށް ބަޑިޖެހިކަން މަސްވެރިން ވެސް ޔަގީން ކޮށްދީފި. އެހެންވެ އަޅުގަނޑުމެން މިއާ ޑީލްކުރަން ޖެހޭނީ އާންމު މަސް ބޯޓެއްގެ ގޮތުގައެއް ނޫން،" ޒަކަރިއްޔާ ވިދާޅުވި އެވެ.
މި ބޯޓާ ބެހޭ ގޮތުން ނޫސްވެރިން ގިނަ ސުވާލުތަކެއް ކުރަން ފެށުމުން ޒަކަރިއްޔާ ވިދާޅުވީ "އަޅުގަނޑުމެންނަށް ރަނގަޅީ މި އޮޕަރޭޝަނާ ބެހޭ ގޮތުން އިތުރަށް ސުވާލު ނުކުރެއްވިއްޔާ" ކަމަށެވެ. އަދި މި އޮޕަރޭޝަން މިހާރު ވެސް ކުރިއަށް ދަނީ ކަމަށް ވިދާޅުވެ ނޫސްވެރިން ކުރި ގިނަ ސުވާލުތަކަށް އޭނާ ޖަވާބެއް ނުދެއްވި އެވެ.
މި ހާދިސާއާ ގުޅިގެން ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް އެދިފައިވޭތޯ ސުވާލުކުރުމުން ޒަކަރިއްޔާ ވިދާޅުވީ އެ ފަދަ އެހީއަކަށް ދިވެހި ސަރުކާރުން އެދިފައިނުވާ ކަމަށާއި މިކަން ކުރަމުން މިދަނީ ދިވެހި ސިފައިން ކަމަށެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި ކޯސްޓްގާޑުގެ އިތުރު ދެ އުޅަނދެއް މިރޭ މާލެއިން ފުރައިގެން އެ ބޯޓާ ދިމާލަށް ދަތުރުކުރަމުން އެބަދެ އެވެ.
00: 21
މަސް ދޯންޏަށް ބަޑިޖެހި ބޯޓު ސިފައިންގެ ބާރުގެ ދަށަށް ގެނެސްފި ކަމަށް ކޯސްޓުގާޑުން މީގެ ދިހަމިނިޓު ކުރިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބުނެފި އެވެ. ގާތްގަޑަކަށް 80 ފޫޓު ދިގު މި ބޯޓު މިހާރު އޮތީ ރާއްޖެ ސަރަހައްދު ގައި ކަމަށް ވެސް ކޯސްޓުގާޑުން ބުންޏެވެ.
މާލޭގައި ހުންނަ ކޯސްޓުގާޑު ބިލްޑިންގުގައި މީހާރު ކުރިއަށްދާ ނިއުސްކޮންފަރެންސެއްގައި ކާނަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވިގޮތުގައި އެބޯޓުން ފުންމާލި މީހަކު ކޯސްޓުގާޑުގެ މަނަވަރަށް ނަގައިގެން ދަނީ މައުލޫމާތު ހޯދަމުންނެވެ.
05: 18
މިއަދު މެންދުރެއްހާ އިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސް ދޯންޏަކަށް އިންޒާރުކުރުމުގެ ގޮތުން ބަޑި ޖެހި، ބޭރުގެ މަސް ބޯޓު ހުއްޓުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓް ގާޑުން ވިދާޅުވެއްޖެ އެވެ.
ކޯސްޓް ގާޑްގެ ޑިރެކްޓަރު ޖެނެރަލް، ކާނަލް، ޒަކަރިއްޔާ މަންސޫރު ވިދާޅުވި ގޮތުގައި އެ ބޯޓު ހުއްޓުވައި ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނައުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ބޯޓު އޮތީ ކިހާ ހިސާބެއްގައި ކަމެއް އަދި ބޯޓު ހުއްޓުވުމަށް މަސައްކަތްކުރަނީ ކޮން ގޮތަކަށް ކަމެއް މަންސޫރު ވިދާޅެއް ނުވެ އެވެ.
48: 17
ކޯސްޓް ގާޑްގެ ހުރަވީ ލޯންޗް، ބޭރުގެ މަސް ބޯޓު އޮތް ހިސާބަށް ދިއުމާއެކު، އެ މަސް ބޯޓު ރާއްޖެ އާ ދުރަށް މިސްރާބު ޖަހައި ދުއްވަމުންދާ ކަމަށް، އެ ސަރަހައްދުގައި އޮތް "ޓޫނާ" ދޯންޏާ ހަވާލާދީ ގއ. އަތޮޅު އޮފީހުން ވިދާޅުވެއްޖެ އެވެ.
އަތޮޅުވެރިޔާގެ އެހީތެރިޔާ ޝަރީފް އަހްމަދު ވިދާޅުވި ގޮތުގައި ބޯޓު ރާއްޖެއާ ދުރަށް މިސްރާބު ޖެހުމުން ހުރަވީ ލޯންޗް އެ ބޯޓުގެ ފަހަތުން ދުއްވަން ފަށައިފި އެވެ. މި ބޯޓަކީ ގަޑިއަކު އަށް މޭލު ބާރުމިނުގައި ދުއްވާ ވަރަށް ކުޑަ ބޯޓެއް ކަމަށް އަތޮޅު އޮފީހުން ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވި ގޮތުގައި ޓޫނާ ދޯންޏާއި ޕޮލިސް ލޯންޗް މިހާރު އޮތީ، ވިލިނގިލީ އިރުމަތީ ފަރާތުން 14 ވަރަކަށް މޭލު ބޭރުގަ އެވެ. އަދި މަސްވެރިން ބޭނުން ނަމަ، އެނބުރި ރަށަށް ދިޔުމަށް ކޯސްޓްގާޑުން މިހާރު ދޯންޏަށް އަންގާފައިވާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
ޓޫނާ ދޯނީގައި ތިބި މީހުންނާ ހަވާލާދީ ޝަރީފު ވިދާޅުވި ގޮތުގައި މަސްވެރިން ބޮޑަށް ލަފާކުރަނީ މިއީ ކައިރި ގައުމެއްގެ މަސް ބޯޓެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް ނޭނގޭ ކަމަށް ޝަރީފު ވިދާޅުވި އެވެ.
33: 16
ގއ. ވިލިނގިލީގެ 18 މޭލު ބޭރުގައި އޮތް ބޭރު ބޯޓަކާ ކައިރިކުރަން އުޅުނު ގއ. ވިލިނގިލީ ޓޫނާ ދޯންޏަށް އިންޒާރު ދިނުމުގެ ގޮތުން އެ ބޯޓުން ބަޑި ޖެހުމާ ގުޅިގެން، ސިފައިންގެ ކޯސްޓްގާޑްގެ "ހުރަވީ" ލޯންޗް މިހާރު އެ ސަރަހައްދަށް ހިނގައްޖެ ކަމަށް ގއ. އަތޮޅު އޮފީހުން ވިދާޅުވެއްޖެ އެވެ.
އަތޮޅުވެރިޔާގެ އެހީތެރިޔާ ޝަރީފް އަހްމަދު ވިދާޅުވި ގޮތުގައި އެ ބޯޓު މިހާރު އެކަފަރު ކިޔާ ރަށާ 14 މޭލަށް ކައިރިއަށް ގެނެވިއްޖެ އެވެ. އަދި ދިހަ ވަރަކަށް މިނެޓް ތެރޭގައި ކޯސްޓްގާޑު ލޯންޗް އެ ބޯޓާ ކައިރިކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ކޯސްޓްގާޑްގެ ހުރަވީ ލޯންޗް ވެސް އެ ހިސާބަށް ހިނގައްޖެ. މިހާރު ހުރަވީ އޮތީ ބޯޓާ ވަރަށް ކައިރީގައި."
ޝަރީފު ވިދާޅުވި ގޮތުގައި ޓޫނާ ދޯންޏަކީ ގަޑިއަކު 15 މޭލު ބާރުމިނުގައި ދުވާ ދޯންޏެކެވެ. އަދި އެ ދޯންޏަށް ބަޑި ޖެހި ބޯޓަކީ ދޯންޏަށްވުރެ ވެސް ކުޑަ އަދި ގަޑިއަކު އަށް މޭލު ބާރުމިނުގައި ދުވާ ބޯޓެކެވެ.
"ދޯނި މިހާރު އޮތީ އެ ބޯޓާ 200 ވަރަކަށް ފޫޓު ކައިރީގައި. އެ ހިސާބަށް ދިޔަ ފުލުހުންގެ ލޯންޗްގައި ތިއްބެވި ފުލުހުން ވެސް މިހާރު އެ ދޯނީގައި އެބަތިބި،" ޝަރީފު ވިދާޅުވި ގޮތުގައި ފުލުހުން ބޯޓާ ކައިރި ނުކުރަނީ އެ ބޯޓަކީ ހަތިޔާރު ހުރި ބޯޓަކަށް ވެފައި ކޯސްޓްގާޑްގެ ލޯންޗެއް ވެސް އެ ހިސާބުގައި މިހާރު އުޅެމުން ދާތީ އެވެ.
08: 15
މިއަދު ހެނދުނު މަހަށް ނުކުމެ އުޅުނު، ގއ. ވިލިނގިލީ މަސް ދޯންޏެއް، ކަނޑުމަތިން ފެނުނު ބޭރުގެ ބޯޓަކާ ކައިރި ކުރަން އުޅުމުން، އެ ބޯޓުން ދޯންޏާ ދިމާލަށް ކަނޑަށް ބަޑި ޖަހައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
މި ހާދިސާ އާ ގުޅިގެން ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް އުޅަނދެއް މިހާރު އެ ދިމާލަށް ދަތުރުކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ، ލ. އަތޮޅާ ދިމާލުން ބޭރު ކަނޑުންނެވެ. އަދި ބޭރުގެ ބޯޓުން ބަޑި ޖެހީ ގއ. ވިލިނގިލީ ހަސަން ހަބީބުގެ ޓޫނާ ނަމަކަށް ކިޔާ ދޯންޏަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
އިތުރު ތަފްސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ