މަގުޗާޓަކީ ލިޔެފައިވާ ފޮނި އުންމީދުތަކެއް ނޫން! މީހުންނަށް އޮޅުވާލުމަށް ކޮށްފައިވާ ވައުދުތަކެއް ނޫން: ރައީސް މައުމޫނު

އިސްލާހީ އެޖެންޑާގެ މަގުޗާޓަކީ ލިޔެފައިވާ ފޮނި އުންމީދުތަކެއް ނޫން ކަމަށާއި އަދި އެއީ މީހުންނަށް އޮޅުވާލުމަށް ކޮށްފައިވާ ވައުދުތަކެއް ނޫން ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ޒައީމު އަދި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
ކަލާފާނު ސްކޫލުގައި ރޭ ބޭއްވި ޑީއާރްޕީގެ އަހާރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ސަރުކާރުން އިސްލާހީ އެޖެންޑާއެއް ތައާރަފުކޮށްފައިވާ ކަމަށާއި ސަރުކާރާ ވާދަކުރާ އެހެން ފަރާތްތަކުން ވެސް މަސައްކަތްކުރަނީ އިސްލާހަށް ކަމަށް ދައުވާ ކުރާއިރު ސަރުކާރު ފިޔަވައި އެހެން އެއްވެސް ފަރާތަކުން އިސްލާހީ ޕްރޮގްރާމެއް ހުށަހަޅާފައިނުވާ ކަމަށެވެ.
"އިސްލާހީ ޕްރޮގްރާމެއް ހުށަހަޅާފައި އޮތް ހަމައެކަނި ފަރާތަކީ ދިވެހި ސަރުކާރު،" ރައީސް ވިދާޅުވި އެވެ.
"ވަރަށް އުފަލާއެކު އަޅުގަނޑު ދަންވާލަން ބޭނުން ވަނީ އެ މަގުޗާޓުގައިވާ ތާރީހުތަކަށް އިރާދަކުރެއްވިއްޔާ ކަންތައްތައް މިދަނީ ނިމެމުންނޭ، ކަންތައްތައް މިދަނީ ހާސިލު ކުރެވެމުންނޭ. މިއީ ފަހަރެއްގައި ވެސް ހަމަ ފޮނި އުންމީދުތަކެއް ލިޔެލާފައި އޮތް މަގުޗާޓެއް ނޫނޭ. މީހުންނަށް އޮޅުވާލުމަށް އެކި މުހިއްމު ވައުދުތައް ކޮށްފައިވާ މަގުޗާޓެއް ނޫނޭ. އޭގައި އެހެރީ ހަގީގީ ވާހަކަތަކޭ." އިންސާނީ ހައްގުތައް ހިމާޔާތްކުރުމަށް ޕެރިސް ޕްރިންސްޕަލާ އެއްގޮތްވާ ގޮތުގެ މަތިން ހިއުމަން ރައިޓްސް ކޮމިޝަންގެ އުފެދި އަމަލު ކުރުމާއި 31 އޯގަސްޓާ ހަމައަށް މަގުޗާޓުގައި ބަޔާންކޮށްފައިވާ ގާނޫނުލް އުގޫބާތުގެ ބިލާއި ސިފައިންގެ ބިލާއި ފުލުހުންގެ ބިލާއި ޖަލުގައި ބަންދުކުރުމުގެ އުސޫލުތަކާއި ޕެރޯލްގެ ބިލާއި އެއްވެ އުޅުމުގެ ބިލާއި އަބުރާ ބެހުން މަނާކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަގުޗާޓުގައިވާ ގޮތަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން އުފައްދަވައިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ހަގީގީ އިސްލާހަށް މަސައްކަތްކުރާ ފަރާތަކީ ދިވެހި ސަރުކާރު ކަމުގައި މިހާރު ބޭރު ގައުމުތަކުން ގަބޫލުކުރޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް މައުމޫނު ވިދާޅުވީ ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭރު ދުނިޔޭގައި ރާއްޖޭގެ ތަސައްވުރު އޮތްގޮތް މިހާރު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި އޭގެ ކުރިން ދިވެހިންގެ ތެރެއިން މަދު ބަޔަކު ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން ދީފައިވާ ދޮގު މައުލޫމާތާއި އޮޅުވާލުންތަކުގެ ސަބަބުން ބޭރު ދުނިޔޭގެ ބައެއް ފަރާތްތަކުގެ ކުރިމަތީގައި ދިވެހި ސަރުކާރު އޮތީ ވަރަށް އެހެން ކަހަލަ މަގާމެއްގައި ކަމަށެވެ.
"ސަރުކާރަކީ ޑިމޮކްރަސީއާ ހިލާފަށް އަމަލުކުރާ ސަރުކާރެއް ކަމުގެ ތުހުމަތު އޮތީ ދިވެހި ސަރުކާރުގެ ބޮލުގައި އެޅިފައި. އިންސާނީ ހައްގުތައް ރައްކާތެރިކޮށްނުދޭ ސަރުކާރެއްގެ އިލްޒާމު ވަނީ ދިވެހި ސަރުކާރުގެ ބޮލުގައި ބަޔަކު އަޅުވައިފައި. މިހެން ގޮސް އަޅުގަނޑުމެންނާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވަރަށް ގިނަ ވާހަކަތައް ބޭރު ދުނިޔޭގައި ފެތުރުމުގެ ސަބަބުން ރާއްޖޭގެ ތަސައްވުރު ބޭރު ދުނިޔޭގައި އޮތީކީ މާ ރީތިކޮށެއް ނޫން،" ރައީސް ވިދާޅުވި އެވެ.
އެހެން ދިމާވި ކަމުގައި ވިޔަސް އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ކުރި ބުރަ މަސައްކަތްތަކާ އެކު، ބޭރު ދުނިޔޭގައި އޮތް ތަސްވުރު މިހާރު ބަދަލުވެފައިވާ ކަމަށެވެ. އަދި ދިވެހި ސަރުކާރުގެ ތަސައްވުރު ބޭރުގެ ގައުމުތަކާއި ސަރުކާރުތަކުގެ ކުރިމަތީގައި ވަރަށް ބޮޑަށް ފުރިހަމަވެ ރީތިވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ބޭރުގެ ސަރުކާރުތަކުގެ ފިއްތުންތައް މިހާރު އައިސްފައި އޮތީއަކީ ދިވެހި ސަރުކާރަކަށް ނޫން. ދިވެހި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަށް އެ މީހުންނަށް މި އަންގަނީ ރާއްޖޭގައި އިސްލާހަށް މަސައްކަތްކުރަނީ ސަރުކާރުންނޭ އެހެންވީމާ ތިޔަ ޖަމާއަތްތަކުން ވެސް ޖެހޭނީ ސަރުކާރާ ގުޅިގެން އެ މަސައްކަތުގައި ބައިވެރިވާށޭ. އެހެންވީމާ އެއީ އަޅުގަނޑު ހިތުން ހާސިލު ކުރެވުނު ވަރަށް ބޮޑު ކާމިޔާބެއް،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ