ވިލާއާއި ގުޅޭގޮތުން އާޒިމާ ހެއްދެވީ ބޮޑު ދޮގެއް: ގާސިމް އިބްރާހިމް

ވިލާ ގްރޫޕުން ދައުލަތަށް އެތަށް ބިލިއަން ރުފިޔާއެއް ދައްކަންޖެހޭކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާ ޝަކޫރު ހެއްދެވީ ބޮޑު ދޮގެއްކަމަށް ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އާޒިމާގެ ވާހަކަތައް ދޮގުކުރައްވާ ގާސިމް މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައިވަނީ އާޒިމާ ޝަކޫރު އެ ހެއްދެވީ އެނގިހުރެ ކަނޑައެޅިގެން ބޮޑު ދޮގެއްކަމަށެވެ.
އާޒިމާ ވިދާޅުވާ ފައިސާތަކާއި ގުޅޭ ގިނަ މައްސަލަތައް ކޯޓްތަކުގައި ފެށީ ވިލާގެ ވަކީލެއްގެ ގޮތުގައި އާޒިމާ ހުންނަވައިގެންކަމަށާ އެ މައްސަލަތައް ދަށު ކޯޓާއި، ހައިކޯޓްގެ އިތުރަށް ސުޕްރީމް ކޯޓްގައިވެސް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
އަދި އާޒިމާ ވިލާއާއި ގުޅޭގޮތުން ދޮގު ވާހަކަތަކެއް ދައްކާފައިވަނީ އޭނާ ވިލާގެ ވަކީލަކަށްހުރެ ފައިސާއާއި ގުޅޭ އެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ސުޕްރީމް ކޯޓުން ވިލާ ގްރޫޕާއި އެއްކޮޅަށް ނިމިފައިވާކަންވެސް އިނގޭ ހާލުގައިކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ މިހުރިހާކަމެއް ކޮށްދެއްވުމުގައި އާޒިމާ ޝަކޫރު ވިލާގެ ފަރާތުން ހުރިހާ ކޯޓްތަކަށް ގޮސް އުޅުއްވާފައި އަދި ސުޕްރީމް ކޯޓުން މިފަދަ އެއް މައްސަލައެއްގައި ވިލާ ގްރޫޕާއި އެއްކޮޅަށް މައްސަލަ ނިމިފައިވަނިކޮށް ވިލާ ގުރޫޕް ބަދުނާމުވާގޮތަށް ތަކުރާރުކޮށް ވާހަކަދައްކަަވަމުން ގެންދަވާތީ އެކަމާއި ހިތާމަ ކުރައްވާކަމަށެވެ.
ދައުލަތުގެ މީޑިއާގައި ވިލާ ގުރޫޕާއި ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަތައް ދައްކަވަމުން އާޒިމާ ވަނީ ވިލާ ގްރޫޕަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން ދައުލަތައް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ފެންނަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުގެ ދިފާއުގައި ވިލާ ގްރޫޕާއި ގުޅޭގޮތުން މިފަދަ ހަގީގަތެއް ނެތް ވާހަކައެއް އާޒިމާ ވިދާޅުވުމުން ގިނަ ބަޔަކު ދަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މީގެ ކުރިން ވިލާ ގުރޫޕްގެ ވަކީލެއްގެ ގޮތުގައި އާޒިމާ މަސައްކަތް ކުރައްވާފައި މިއަދު ވިލާ ބަދުނާމުކޮށް ހަގީގަތެއް ނެތް ވާހަކަތައް އާޒިމާ ދައްކަވަމުން ދަނީ އޭނާގެ މަގާމުގެ އެދުމުގައިކަމަށް ގިނަ ބަޔަކު ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ