ކަރަންޓު ކެނޑި ވެންޓިލޭޓަރުގެ އެހީގައި އޮތް މީހަކު މަރުވެއްޖެ

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ހުރި ވެންޓިލޭޓަރުން ކަރަންޓު ކެނޑި ބަލި މީހަކު މަރުވެއްޖެއެވެ.
އައްޑޫ ލައިވް އިން ރިޕޯޓްކޮށްފައިވާ ގޮތުން ވެންޓިލޭޓަރުން ކަރަންޓު ކެނޑުމުގެ ސަބަބުން މަރުވެފައިވަނީ، ކޯމާގައި އޮތް އުމުރުން ދުވަސްވީ އަންހެނެކެވެ.
މަރުވި މީހާގެ އާއިލާގެ މީހަކާއި ހަވާލާދީ އައްޑޫ ލައިވްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ވެންޓިލޭޓަރުން ކަރަންޓު ކެނޑިފައިވާކަން ނަރުހުންގެ ސަމާލުކަމަށް އައި އާއިލާ މީހަކު އައިސީޔޫއަށް ވަންއިރު ވެންޓިލޭޓަރުގެ އެއްވެސް ބޮއްކެއް ދިއްލިފައި ނެތުމުން އެކަން އެންގުމުންނެވެ. އެމީހާ މަރުވެފައިވަނީ ވެންޓިލޭޓަރުގެ ކަރަންޓު ކެންޑުމުގެ ސަބަބުން ހާލު ސީރިއަސްވުމަށް ފަހުއެވެ.
އެހޮސްޕިޓަލުގެ ވެންޓިލޭޓަރުން ކަރަންޓު ކެނޑިފައިވާކަން ހޮސްޕިޓަލު ހިންގެވުމާއި ހަވާލުވެ ހުންނެވި ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރު ކަށަވަރުކޮށްދީފައިވާކަމަށް އައްޑޫ ލައިވް އިން ރިޕޯޓުކުރެއެވެ. އަދި ޑޮކްޓަރުންނާއި ހަވާލާދީ އޮފިސަރު ވިދާޅުވީ އަންހެނުން މީހާ މަރުވެފައިވަނީ ވެންޓިލޭޓަރުން ކަރަންޓު ކެނޑިގެން ނޫންކަމަށެވެ.
ނަމަވެސް މަރުވި އަންހެންމީހާގެ މާމަ ދަރިއަކު މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ، އެ މީހާ މަރުވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ތުހުމަތުކޮށްފައެވެ.
އެކަމާ ގުޅޭ ގޮތުން ހޮސްޕިޓަލްގެ ބަހެއް ވީއެފްޕީއަށް އަދި ވަނީ ލިބޭ ގޮތް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ