ހައްޔަރު އުޅޭތީ ރައީސް މައުމޫން ފާރިސް ދިރިއުޅުއްވާ ގެއަށް

ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކޮށްފައި ހުންނަވަނިކޮށް ބުރާސްފަތި ދުވަހު ދޫކޮށްލި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އަލުން ހައްޔަރު ކުރަން އުޅޭ ކަމުގެ މައުލޫމާތާއެކު ފާރިސްގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ފާރިސް ދިރިއުޅުއްވާ ގެއަށް ވަޑައިގެންފިއެވެ.
ފާރިސް ދިރިއުޅުއްވާ ގެއަށް ރައީސް މައުމޫން ވަޑައިގެންފައި ވާއިރު ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ސިޔާސީ ބޭފުޅުންވެސް އެ ގެ އަށް ވަޑައިގަންވަމުންދާކަމަށް މައުލޫމާތު ލިބެއެވެ.
ފާރީޝް ހައްޔަރުކުރަން އުޅެނީ ކޯޓް އަމުރެއްގެ ދަށުން ކަމަށާއި ނަމަވެސް އެ ކޯޓް އަމުރު ދީފައިވަނީ ފާރިސްގެ މައްސަލަ ބައްލަވާ ގާޒީ ނޫން ކަމަށްވެސް މީޑިޔާތަކުން ބުނެއެވެ.
ފާރިސް އަލުން ހައްޔަރު ކުރަން އުޅޭކަމުގެ އަޑުތައް އިވި އެކަމުގެ ކަނބޮޑުވުން ފާޅުކުރައްވައި އެންމެ ފުރަތަމަ ޓްވީޓެއް ކުރެއްވީ ފާރިސްގެ ދައްތާފުޅު ޔުމްނާ މައުމޫނެވެ. އެޓްވީޓުގައި ޔުމްނާ ވިދާޅުވީ ފާރިސް އަލުން ހައްޔަރު ކުރުމަށް އަމުރެއް ނެރެފައިވާ ކަމުގެ ހަބަރު ލިބިފައިވާ ކަމަށެވެ. އަދި އެއީ ޖެއްސުން ކުރުން ކަމަށާއި ގާނޫނާ ހިލާފަށް ހަ މަހަށް ވުރެ ގިނަދުވަހު ބަންދުކޮށްފައި ފާރިސް ދޫކޮށްލިތާ އަދި ވީ އެންމެ ދެ ދުވަސް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ