ރައީސް މައުމޫނަށް ގާނޫނުގެ ދަށުން ލިބިވަޑައިގަންނަވަންޖެހޭ ހިމާޔަތާއި ރައްކާތެރިކަމަށް ބުރޫއަރާ މައްސަލާގައި އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައީސް މައުމޫން މިކަމާ ކަންބޮޑުވުން ފާޅުކުރެއްވީ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ދެވަނަ ފަހަރަށް ހައްޔަރުކުރުމަށް އިއްޔެ ފުލުހުން ހިންގި ބަލައިފާސްކުރުމުގެ އޮޕަރޭޝަނުގެ ތެރެއިން އަމަލުކުރި ގޮތާމެދު ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ ގާނޫނު ނަމްބަރު 9/2009 ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހުންނާއި އެމީހުންގެ އަނބިންނަށް ހިމާޔަތާއި ރައްކާތެރިކަން އެމްއެންޑީއެފުން ހަމަޖައްސައިދޭން ވާނެ ކަމަށެވެ. އެހެންކަމުން ފުލުހުން ބޭނުންވިހާ ވަގުތަކު އެމަނިކުފާނުގެ ގެއަށް ވަދެ އާއިލާގެ ސަލާމަތަށް ނުރައްކާވިޔަދެނީ ކީއްވެތޯ ރައީސް މައުމޫން ވަނީ ސުވާލު ކުރައްވާފައެވެ.
ފުލުހުންގެ އޮޕަރޭޝަނުގައި އިއްޔެ އެންދެރިމާގެއަށް ވަން ވަގުތުވެސް ރައީސް މައުމޫން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެންދެރިމާގެއަށް ފުލުހުން ވަނީ ގާނޫނާ ޚިލާފަށް ގަދަކަމުން ކަަމަށެވެ.
ރައީސް މައުމޫންގެ ސެކިއުރިޓީ މައްސަލާގައި އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް ވަނީ ވަރުގަދަ ސުވާލެއް ކުރައްވާފައެވެ. ޔުމްނާ ވިދާޅުވީ ރައީސް މައުމޫން ދިރިއުޅުއްވާ ގޭގެ ސެކިއުރިޓީ ސިފައިން ބަލަހައްޓަމުން ދަނިކޮށް ރައީސް މައުމޫން ގޭގައިވެސް ނޫޅުއްވާ ވަގުތަކު ފުލުހުން އެގެ ބަލާފާސްކުރަން ވަދެފައިވަނީ ކޮން އުސޫލަކުންތޯއެވެ. އަދި އެމްއެންޑީއެފުން ރައީސް މައުމޫނަށް ދިން ޚާއްސަ ސެކިއުރިޓީ ކޮބައިތޯވެސް ޔުމްނާ ވަނީ ސުވާލު ކުރައްވާފައެވެ.
ޖެނުއަރީ 10 ވަނަ ދުވަހުން ފެށިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގޭގެ ސެކިއުރިޓީ ވަރުގަދަކޮށް އެމްއެންޑީއެފުން ދަނީ ބަލަހައްޓަމުންނެވެ. އެންދެރިމާގޭގެ ސެކިއުރިޓީ އެމްއެންޑީއެފުން ބަލަހައްޓަމުން ދަނީ އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ކަމަށް އޭރު އަޑުފެތުނުއިރު، އެގެއަށް ވަންނަ ހުރިހާ އެންމެންގެ މައުލޫމާތު ސިފައިން ދަނީ އެއްކުރަމުންނެވެ. އެގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ރައީސް މައުމޫނާ ބައްދަލުކުރެއްވުމަށް ވަޑައިގަތުމުން އެ ބޭފުޅުންގެ މައުލޫމާތުވެސް ސިފައިން ހޯދާފައެވެ.
ގުޅިފައިވާ ޕާޓީތަކުން ބުނީ އެންދެރިމާގޭގެ ސެކިއުރިޓީ ސިފައިން ބަލަހައްޓަން ފަށާފައިވަނީ ސިޔާސީ ބޭނުމެއްގައި ސަރުކާރުން އަންގައިގެން ކަމަށެވެ. އަދި އެއީ ރައީސް މައުމޫނާ ބައްދަލުކުރައްވަން ވަޑައިގަންނަވާ ބޭފުޅުން ސާފުކުރުމަށް ސަރުކާރުން އަންގައިގެން ސިފައިން ކުރަމުން ގެންދާ ކަމެއް ކަމަށެވެ.
ރައްކާތެރިކަމަށް ބުރޫއަރާ މައްސަލާގައި ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ