ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނަ މީހަކު އެމަގާމުގައި ދެމި ހުންނަން ބޭނުންނަމަ ޖެހޭނީ ރައީސްގެ އަޅަކަށްވާންކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒު މިހެން ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެގެން ހިނގަން ޖެހޭ ތަނަކަށް، ވާއިރު ހުރިހާ ކަމެއްގެ ތަފްސީލް ރައީސް އާއި ހިއްސާކުރުމަށް ފުލުހުންގެ އިސްވެރިންނަށް ޖެހިވަޑައިގެންނެވުމަކީ ލަދުވެތިކަމެއްކަމަށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ކުރިން ފުރުއްވި އަބުދުﷲ ފައިރޫޝް ވިދާޅުވުމާއި ގުޅިގެން ފައިރޫޝްގެ ވާހަކަތަކަށް ތާއީދުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
އަބުދުﷲ ރިޔާޒު ވިދާޅުވީ ފުލުހުންގެ އެންމެ އިސް މަގާމުކަމަށްވާ ކޮމިޝަނަރު އޮފް ޕޮލިސްކަމަށް ބޭފުޅަކު އައްޔަންކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ފުލުހުންގެ ގާނޫނޫގެ 52 ވަނަ މާއްދާގެ ހ ގެ ދަށުން ލާޒިމުކަމެއްކަމަށެވެ. އަދި ހަމަ އެ މާއްދާގައި ފުލުހުންގެ އެންމެ އިސްވެރިއަކީ ކޮމިޝަނަރު އޮފް ޕޮލިސްކަމަށް ބަޔާންކޮށްފައިވާކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ސީޕީ މަގާމަށް އައްޔަންކުރުމާއި، ވަކިކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮތުމުން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނަ މީހަކު އެމަގާމުގައި ދެމި ހުންނަން ބޭނުންނަމަ ޖެހޭނީ ރައީސްގެ އަޅަކަށްވާންކަމަށެވެ.
2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު ހިނގާދިޔަ ކަންތައްތަކަށްފަހު ފުލުހުންގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވި އަބުދުﷲ ފައިރޫޝް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެގެން ހިނގަން ޖެހޭ ތަނަކަށް، ވީހިނދު ހުރިހާ ކަމެއްގެ ތަފްސީލް ރައީސްއާ ހިއްސާކުރުމަށް ފުލުހުންގެ އިސްވެރިންނަށް ޖެހިވަޑައިގެންނެވުމަކީ ލަދުވެތިކަމެއްކަމަށެވެ.
ފައިރޫޝް ވިދާޅުވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ފުލުހުންގެ އިދާރީ މައްސަލަތައް ރައީސްއަށް ރިޕޯޓްކުރައްވާއިރު، ފުލުހުން ކުރާ ތަހުގީގުތަކާ ބެހޭ މައުލޫމާތުތައް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު ރައީސަށް ރިޕޯޓްކުރަމުންދާކަމަށެވެ. އަދި ފުލުހުންގެ ހުރިހާ އޮޕަރޭޝަނަލް މަސައްކަތްތައް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ހަމުދޫން ރައީސަށް ރިޕޯޓްކުރަމުންދާކަމަށެވެ.
އެހެންކަމުން ފުލުހުންގެ މުއައްސަސާގެ އަސްލު ސީޕީ އަކީ ރައީސް ޔާމީންކަމަށް ފައިރޫޝް ވިދާޅުވިއެވެ.
ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ގާނޫނާއި އެއްގޮތަށް ތަންފީޒުކުރަން މަސައްކަތް ކުރުމުގެ ސަބަބުން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު އަރީފު ވަނީ އެ މަގާމުން ވަކިކޮށްފައެވެ. އޭގެ ފަހުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ސައުދީއަށް ފުލުހުންގެ އިދާރާގެ ހިންގުން ހަވާލުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ފުލުހުންގެ އިދާރާގެ ހިންގުމުން ސައުދީ ދުރުކޮށް އެމަގާމަށް އަބުދުﷲ ނަވާޒު ވަނީ އައްޔަންކޮށްފައެވެ. އެދުވަހުން ފެށިގެން ސީޕީގެ މަގާމު އޮތީ ހުސްކޮށެވެ.
ނަވާޒު ގެންދަވަނީ މަގާމުގެ ދިފާއުގައި ރައީސް އަންގަވާހާގޮތަކަށް އަމަލުކުރަމުންކަމަށް ބުނެ ގިނަ ބަޔަކު ދަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
މަގާމުގައި ދެމި ހުންނަން ބޭނުންނަމަ ޖެހޭނީ ރައީސްގެ އަޅަކަށްވާން: އަބްދުﷲ ރިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ