ޗައިނާގެ ސިޓީއެއްގައި ސްކޫލް ކުދިން ފޮތްތައް ވީދުން މަނާކޮށްފި

ބެއިޖިން (މެއި 30) - ޗައިނާގެ ސިޓީއެއްގެ ހައި ސްކޫލް ކުދިން ޓެކްސްޓް ފޮތްތައް ވީދުމާއި ހޯލު ތެރޭގައި އަޑުގަދަ ކުރުން މަނާކޮށްފި އެވެ.
ޒިއާމެން އެޑިއުކޭޝަން ބިއުރޯ އިން ބުނީ މި ގޮތަށް ނިންމަން ޖެހުނީ އިމްތިހާނުތަކުގައި ދަރިވަރުންގެ ސްޓްރެސް ކުޑަ ކުރަން ކަމަށެވެ. އަދި މި ބަދަލު ގެނައި އިރު ނޭޝަނަލް ކޮލެޖް އެންޓްރެންސް އެގްޒާމް ބާއްވަން ވަނީ 10 ދުވަހަށްވެފަ އެވެ. މި އިމްތިހާނުގައި ޗައިނާގެ އެކި ހިސާބުތަކުން 10 މިލިއަން ކުދިން ބައިވެރިވާނެ އެވެ.
ޗައިނާގެ ނޭޝަނަލް ކޮލެޖް އެންޓްރެންސް އެގްޒާމްގައި 10 މިލިއަން ކުދިން ބައިވެރިވާނެ.
ޗައިނާ ޔޫތު ޑެއިލީން ބުނީ ދަރިވަރުންނަށް ނަފްސާނީ ގޮތުން އިރުޝާދު ދިނުމަކީ ހައި ސްކޫލްތަކުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. ސީސީޓީވީގެ އޮންލައިން ޕޯސްޓެއްގައި ބުނެފައި ވަނީ މީގެ ކުރީގެ އަހަރުތަކުގައި އިމްތިހާނު ކައިރިވަމުން އަންނަ އިރު ދަރިވަރުން ފޮތްތައް ވީދާ ސްކޫލް ތެރެއަށް އުކާ އަދި އަނެއްބައި ދަރިވަރުން ސްކޫލް ތެރޭގައި ހަޅޭއްލައްވާ މަޖާ ކުރުމަކީ ކުރަމުންދާ ކަމެއް ކަމަށެވެ. ޒިއާމެންގެ އޮފިޝަލުން ވަނީ ދަރިވަރުންގެ ސްޓެރެސް ކުޑަވާ ގޮތަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ގްލޯބަލް ޓައިމްސް އިން ބުނީ ހުބައި ޕްރޮވިންސްގެ ހަތް ދަރިވަރަކު މިދިޔަ އަހަރު ވަނީ ޓެކްސް ފޮތްތައް ވީދާ ކުޑަ ދޮރުން އެއްލާލުމުން އެ ކުދިން ސްކޫލުން ބޭރުކޮށްލައިފައި ކަމަށެވެ. ސްކޫލުން ފަހުން ބުނެފައި ވަނީ އެ ދަރިވަރުންނަށް އިންޒާރު ދީފައިވާ ކަމަށާއި އެ ކުދިންނަށް މިހާރު އިމްތިހާނުގައި ބައިވެރިވެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ