އިޓަލީގައި ލޮކްޑައުންއަށް ލުއިދޭން ފަށަނީ

ރޯމް (27 އެޕްރީލް 2020) : ކޮރޯނާވައިރަސް "ކޮވިޑް-19" ކޮންޓްރޯލް ކުރުމަށް އިޓަލީގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވާ ކަމަށް އެގައުމުން ބުނެފިއެވެ. އިޓަލީގެ ބޮޑުވަޒީރު ގޮސީޕީ ކޮންޓޭ ވިދާޅުވީ އަންނަ މެއި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭން ފަށާނެކަމަށާ ދިނުމަށް ހަމަޖެހިފައިވާ ލުއިތަކުގެ ތެރޭގައި ގައިދުރުކަމާއެކު ބޭރަށް ނުކުމެ އުޅުމުގެ ފުރުސަތު ދިނުން ހިމެނޭކަމުގައެވެ. ނަމަވެސް އިޓަލީގެ އެއްވެސް ސްކޫލެއްގައި ކިޔެވުމުގެ ފުރުސަތު އަދި ނުދޭނެކަމަށާ ސްކޫލްތައް ހުޅުވަން ގަސްދުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ފަހުންކަމަށް ކޮންޓޭ ވިދާޅުވިއެވެ. އިޓަލީގެ ނޫހެއް ކަމަށްވާ "ލަ ރިޕަބްލިކާ" އަށް ދެއްވި ބަސްދީގަތުމެއްގައި ކޮންޓޭ ވިދާޅުވީ އަންނަ މެއި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ކާރުޚާނާތަކާއި އޮފީސްތައް ހުޅުވައިގެން މަސައްކަތް ކުރުމުގެ ހުއްދަވެސް ދޭނެކަމަށާ އަދި ހޯލްސޭލް ވިޔަފާރިތަކާއި ރީޓޭލް ވިޔަފާރިކުރާ ތަންތަނުގެ މަސައްކަތް ފުރިހަމަގޮތުގައި ކުރުމުގެ ހުއްދަވެސް (ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކުރާގޮތަށް) ދޭނެކަމުގައެވެ. އަދި މާސްކު އަޅައިގެންނާއި ގައިދުރުކަން ބަހައްޓާގޮތަށްއާއިލާގެ މެމްބަރުންގެ ގާތަށް، ޒިޔާރަތް ކުރުމާއި ޕާކްތަކަށާއި މަގުތަކަށް ނުކުމެ އުޅުމުގެ ހުއްދަވެސް މެއި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ދޭނެކަމަށް ކޮންޓޭ ވިދާޅުވިއެވެ. ނަމަވެސް މީގެމާނައަކީ ކޮވިޑް-19 ގެ ކުރިން އިޓަލީ އޮތް ހާލަތަށް އެނބުރި އައުން ނޫންކަމަށާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދިނުމާއެކު ކޮވިޑް-19 ގެ ހާލަތްތައް އިތުރުވާން ފަށައިފިނަމަ އަލުން ފިޔަވަޅުތައް ވަރުގަދަކުރާނެކަމުގެ އިންޒާރުވެސް ކޮންޓޭ ދެއްވިއެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިޓަލީގައި ފުރަބަންދުގެ ފިޔަވަޅުތައް ތަންފީޒު ކުރަން ފަށާފައިވަނީ މިދިޔަ މާޗް މަހުގެ ދެވަނަ ހަފްތާއިން ފެށިގެންނެވެ. ފުރަބަންދުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންގޮސް މާޗް މަހުގެ ފަހުކޮޅާއި މި އެޕްރީލް މަހުގެ ކުރީކޮޅު އިޓަލީގެ ކަންކޮޅުތަކުގައި އެފިޔަވަޅުތައްވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ. އިޓަލީއަކީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު ގައުމެވެ. ކޮވިޑް-19 ޖެހުނު ކަމަށް ރިޕޯޓްކުރެވިފައިވާ މީހުންގެ އަދަދު އިޓަލީގައި ގާތްގަނޑަކަށް ދެލައްކައަށް އަރަން ގާތްވެފައިވާއިރު އެ ރޯގާގައި އެގައުމުން 26 ހާހަށްވުރެ ގިނަމީހުންވަނީ މަރުވެފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އިޓަލީއަށް ކުރިމަތިވި އެންމެބޮޑު ކާރިސާކަމާއި އަދި މީހުންގެ ފުރާނައާއި އިގްތިސާދަށްވެސް ލިބުނު އެންމެ ބޮޑު ގެއްލުން ކަމަށް އެގައުމުން ވަނީ ސިފަކޮށްފައެވެ. އިޓަލީގައި ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވިފައިވީނަމަވެސް މިހާރުވެސް 24 ގަޑީއިރަށް ބަލާއިރު އެވްރެޖްކޮށް 200 އާއި 300 އާ ދެމެދުގެ އަދަދެއްގެ މީހުންނަށް އެ ރޯގާ ޖެހެއެވެ. އިޓަލީގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ތައްޔާރުވާއިރު ސްޕޭންގައިވަނީ އެފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައެވެ. އަދި ޖަރުމަނުންވެސްވަނީ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދިނުމާމެދު ވިސްނަމުންނެވެ. ނަމަވެސް ޖަރުމަނުގެ ޚާރިޖީ ވަޒީރު ހައިކޮމާސް ވަނީ އެކަށޭނަ ވަގުތުގައި ނޫނީ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދީފިނަމަ "ޖަރުމަނުގެ ޖައްވުގައިވާ ކޮވިޑް-19 ގެ ވިލާގަނޑު އަލުން ބޯވެދާނެ" ކަމުގެ އިންޒާރު ދެއްވާފައެވެ. ޖަރުމަނުގައި ކޮވިޑް-19 ފެތުރޭ މިންވަރު އެހާބޮޑަކަށް އަދިވެސް ދަށަކަށް ނުދެއެވެ. ޔޫރަޕްގައި ކޮވިޑް-19 އެންމެ ބާރަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުންނާއި ފަރަންސޭސިވިލާތުންވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދޭން އަދި ނުވިސްނާ ކަމަށް ބުނެފައެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ