ޝަރުއީ ދާއިރާގެ މަސައްކަތުގެ ގަޑިއަށް ބަދަލު ގެނެސްފި

މިއަދުން ފެށިގެން ޝަރުއީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރުފަހު 14:00 ކަމަށް ހަމަޖައްސައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މި ބަދަލު ގެނެސްފައިވަނީ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަށް ވެސް މި ބަދަލު ގެނައުމާއި ގުޅިގެންނެވެ.
 
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު ސިޓީއެއްގައި ވަނީ ރަސްމީ މަސައްކަތު ގަޑިއަށް ގެނެވުނު މި ބަދަލާއިއެކު ބްރޭކްގެ ގޮތުގައި މިހާރު ދެމުން ގެންދާ 1 ގަޑިއިރުގެ ބަދަލުގައި ކޮންމެ މުވައްޒަފަކަށް ވެސް މެންދުރު ފަހު، 12:00 އިން ފެށިގެން 13:00 އާއި ދެމެދު، 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ދެވޭނެ ކަމަށެވެ.
ޝަރުއީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެނެވުނު ނަމަވެސް، ޝަރުއީ ދާއިރާގައި ޑިއުޓީ އުޞޫލުން މަސައްކަތްކުރާ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ އެ މުވައްޒަފަކު ޑިއުޓީ ކުރުމަށް ހަމަޖެހިފައިވާ ގަޑި ކަމަށާއި މުވައްޒަފުންނަށްދެވޭ ހުސް ވަގުތުގައި ކޯޓު ނުވަތަ އިދާރާގެ މަސައްކަތް މެދުނުކެނޑި ހިނގާނެ ގޮތެއްގެ މަތީން އިންތިޒާމްތައް ހަމަޖެއްސެވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ