ކޮންމެ ޒުވާނެއްގެ "ނަގިލީގައި" ވެސް ވަރު ހުންނަން ޖެހޭ - އުމަރު

ކޮންމެ ޒުވާނެއް ވެސް އެ ޒުވާނެއްގެ "ނަގިލީގައި" ވަރު ބަހައްޓަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"އިލްމް ޓޯކް" ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ކޮންމެ އިންސާނެއްގެ ވެސް ނަގިއްޔެއް އޮންނާނެ ކަމަށާއި މުޖުމަތައުމުގެ ނަގިލި އޮންނާނީ އިސްލާމްދީނުގެ އިންފާރުގެ ތެރޭގައި ކަމަށެވެ.
"އަޅުގަނޑުމެން އޮޔާއި ވަޔާ މި ކައްސާލައިގެންދާއިރު އެއްކަލަ ނަގިލި އަޅުގަނޑުމެން މި ހިފަހައްޓަނީ، މިސާލަކަށް ދަންނަވާލާނަމަ، އަޅުގަނޑުމެންގެ ތެރެއިން ޒުވާން ފިރިހެން ކުއްޖަކަށް މި ފެނުނީ ރީތި އަންހެން ކުއްޖެއް، ފެނުނީމަ އެއްކަލަ ނަގިލީގައި ވަރު ނެތިއްޔާ ވަރަށް އަވަހަށް ކައްސާލައިގެންދާނެ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ކޮންމެ މީހެއްގެ ވެސް އުސޫލުތަކާއި އަހްލާގް ހިފަހައްޓަނީ އެއްކަލަ ނަގިލި ކަމަށާއި ކޮންމެ ޒުވާނެއް ވެސް އެ ޒުވާނެއްގެ ނަގިލީގައި ވަރު ބަހައްޓަން ޖެހޭނެ ކަމަށެވެ.
"ކޮންމެ ކޮޅިގަނޑެއްގައި ބީހި، މަގު އޮޅިގެންދާ ކަމަށްވަންޏާ އެއީ ނަގިލީގައި ވަރު ނެތީ، އެއީ މަސްތުވާތަކެތީގެ ތެރެއަށް އޭނާ ވަންނަން ދިޔަ ނަމަވެސް، އޭނާ ކޮރަޕްޝަންގެ ތެރެއަށް ވަދެ ދިޔަ ނަމަވެސް،" އުމަރު ވިދާޅުވިއެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ވަޒީފާ އަދާ ނުކުރާ ޒުވާނުންތައް ގިނަވުން ކަމަށާއި ކިޔަވައިގެން ތިބޭ ބައެއް ޒުވާނުން އެއްވެސް މަސައްކަތެއް ނުކޮށް ގޭގައި ތިބޭކަން ފާހަގަކުރެވޭ ކަމަށް  އުމަރު ވިދާޅުވިއެވެ.
"ބޭނުންފުޅުވާ ވަޒީފާއެއް ނުލިބިދާނެ، އެކަމަކު އަޅުގަނޑުގެ އަދި ސަރުކާރުގެ ވެސް އެދުމަކީ ލިބެން އޮތް ވަޒީފާ ފުރަތަމަ އަދާކުރުން، އެ ވަޒީފާގައި ދެމިހުންނާށޭ ބޭނުންފުޅުވާ ވަޒީފާ ލިބެންދެން، އެ ލިބެން އޮތް ވަޒީފާ އެއީ އެންމެ ހިތްގައިމު ވަޒީފާއަށް ނުވެދާނެ،" އުމަރު ވިދާޅުވިއެވެ.
މީގެއިތުރުން އަމިއްލައަށް ކަމެއް ނުކުރާ ޒުވާނުން މި ގައުމުގައި ގިނަ ވުމަކީ ވެސް ގައުމަށް ދިމާވެފައިވާ ބޮޑު މައްސަލައެއްކަން އުމަރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ޒުވާނުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ގިނަ މީހުން ގައިގައި އައުޓްބޯޑް އިންޖީނު އަޅަން ޖެހޭ މައްސަލަ، މާނައަކީ އެހެން މީހުން އެމީހުން ކޮށްޕަން ޖެހޭ ވާހަކަ، އަޅުގަނޑުގެ ރިކުއެސްޓަކީ އަޅުގަނޑުގެ އެދުމަކީ ކޮންމެ މީހެއްގެ ވެސް ހުންނަން ޖެހޭނީ އިންބޯޑް އިންޖީނެކޭ، އެތެރޭންނޭ ޑްރައިވް ކުރަން ޖެހޭނީ،" އުމަރު ވިދާޅުވިއެވެ.
ޒުވާނުންގެ ވިސްނުމަށް އައި ބަދަލެއްގެ ސަބަބުން ކޮންމެ ޒުވާނަކު ވެސް ބޭނުންވަނީ ޓައީ އަޅައިގެން މޭޒު ދޮށުގައި އިންނަން ކަމަށާއި ނަމަވެސް އެފަދަ ވަޒީފާތައް ހުރިހާ އެންމެންނަށް ނުލިބޭނެ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި މެދު ފަންތީގެ ވަޒީފާތަކުން ދިވެހި ޒުވާނުން އެއްގޮތަކަށް ވެސް ނުފެނުމަކީ ހިތާމަކުރާ ކަމެއް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
"ރެސްޓޯރެންޓެއްގައި ވަރަށް މަދުވާނެ ދިވެއްސަކު ފެންނާނެ ރެސްޓޯރެންޓް، މިއީ އަޅުގަނޑުމެންގެ ޒުވާނުންގެ ވިސްނުމަށް އައި ބަދަލު، އަޅުގަނޑުމެންނަށް ހީވަނީ ތިމަންނަ އިށީންނަންވާނީ ޓައި އަޅައިގެން މޭޒެއް ކައިރީ އިންނަ ވަޒީފާގައޭ،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ