"ޕީޖީއިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނަޝީދުގެ ކަންބޮޑުވުންތަކަށް ފުރުސަތު ނުދޭން"

13 އަހަރަށް ޖަލަށް ލެވިފައިވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް އިއްވިފައިވާ ހުކުމް ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލް އިސްތިއުނާފު ކުރަމުން ގެންދަނީ، ރައީސް ނަޝީދަށް އެމައްސަލަ އަމިއްލަފުޅަށް އިސްތިއުނާފު ކުރުމުގެ ހައްޤުން މަހުރޫމުކޮށް، އެ ފުރުސަތު ނަގާލުމަށް ކަމަށް ރައީސް ނަޝީދުގެ އޮފީހުން ތުހުމަތު ކުރައްވައިފިއެވެ.
ދައުލަތުން ކްރިމިނަލް ކޯޓުގައި ކުރި ދަޢުވާ ރައީސް ނަޝީދުގެ މައްޗަށް ސާބިތުވެ، މައްސަލަ ނިމުމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ، އެ އޮފީހުން ކާމިޔާބު ކުރި އެ މައްސަލަ ހައި ކޯޓުގައި އެ އޮފީހުގެ ފަރާތުން އިސްތިއުނާފު ކޮށްފައެވެ. އެ މައްސަލަ ހައި ކޯޓުގައި ހިންގުމަށްފަހު، މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމީ، ދަށު ކޯޓުން ޤާނޫނު ތަތުބީޤު ކުރުމުގައި ގޯހެއް ހަދާފައިވާ ކަމަށް ބުނެ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ގޯހެއް ހަދާފައިވާ ކަމަށް ބުނެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ޗެލެންޖް ކޮށްފައި ނުވާކަން ސާފުކޮށް އެނގޭތީއާއި، އަދި އެ މައްސަލައަކީ ރައީސް ނަޝީދުގެ ފަރާތުން، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ހުކުމަކީ ރަނގަޅު ނޫން ހުކުމެއް ކަމަށް ބުނެ އިސްތިއުނާފު ކުރާ މައްސަލައަކަށް ނުވާތީ، މައްސަލަ ހައި ކޯޓުން ބަލައިގަތުމުގެ ހުއްދައެއް ނެތް ކަމަށް ބެލެވިގެން، ސެޕްޓެމްބަރު 10 ވަނަ ދުވަހުއެވެ.
އިއްޔެ ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އިރު، އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހައި ކޯޓުން އެމައްސަލަަ ބަލައިދެވެން ނެތް ސަބަބު ޕީޖީ އޮފީހުން ބަލައި ދިރާސާކުރި އިރު އެނިންމުމަށް ވާސިލުވުމަށްޓަކައި ހައިކޯޓުން ގާނޫނު ތަތްބީގުކޮށްފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމާއި، ނަޝީދުގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފް ކުރުމުގެ ހައްގު އޮތް އިރު އެމަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަލަ އިސްތިއުނާފު ކޮށްފައިނުވާ އިރު،އެމައްސަލަ އިސްތިއުނާފް ކުރުމަށް އެމަނިފާނުގެ ފަރާތްޕުޅުން އެއްބާރުލުން ދީފައިނުވާ ކަމަށެވެ.
މިބަޔާނުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުން ގާނޫނާ ޚިލާފު ނުވަތަ ބާތިލް އިޖުރާއަތަކަށް ކްރިމިނަލް ކޯޓުގެ ޝަރީއަތް ހިންގާފައިވާކަން ދައްކުވައިނުދޭ ކަމަށް ވެސް ހައިކޯޓުން ނިންމަވާފައިވާ ކަމަށް ބުނެފައިވެއެވެ.
“އެހެންކަމުން ގ. ކެރެނީގޭ މުހައްމަދު ނަޝީދުގެ ފަރާތުން އެ އިސްުތިއުނާފު ހުށަހަޅާފައިނުވާތީ އިސްތިއުނާފު ބަލައިގަނެވެން ނެތް ކަމަށް ވެސް އެ ކޯޓުން ކަނޑައެޅުއްވިއެވެ. މި ސަބަބަބުތައް މިހެން ހުރުމުން، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިލްތިމާސްގައި، ޖިނާއީ މައްސަލައެއް އިސްތިއުނާފަށް ހުށަހެޅުމުގެ ދުސްތޫރީ ބާރު ޕްރޮސިކިއުޓާ ޖެނެރަލް އަށް ލިބިގެންވާ ކަމަށް ފާހަގަކޮށްފައިވާނެއެވެ” އެބަޔާނުގައި ވެއެވެ.
މިއަށް ރައްދު ދެއްވައި ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕީޖީއިން އިއްޔެ ނެރުނު ބަޔާނުގައި "ރައީސް މުޙައްމަދު ނަޝީދާ ގުޅޭ ގޮތުން ޙަޤީޤަތް އޮޅޭ ގޮތަށް ގިނަ ވާހަކަތަކެއް ލިޔުއްވާފައި"ވާ ކަމަށެވެ. އަދި ރައީސް ނަޝީދަށް އެމަނިކުފާނުގެ މައްޗަށް ކުރެވުނު ހުކުމް އަމިއްލަފުޅަށް އިސްތިއުނާފު ކުރުމުގެ ހައްޤު ލިބިވަޑައިގެންފައިވާ ކަމަށް ހައި ކޯޓުން ނިންމާފައިވާ އިރު، އެމަނިކުފާނު މައްސަލަ އިސްތިއުނާފު ކޮށްފައި ނުވާކަމަށް ޕީޖީގެ ބަޔާނުގައި ބުނެފައިވާތީ، ރައީސް ނަޝީދުގެ އޮފީހުން ބުނެފައިވަނީ އެކަމަށް އެކަށީގެންވާ ފުރުސަތު ރައީސް ނަޝީދާއި އެމަނިކުފާނުގެ ވަކީލުންނަށް ދައުލަތުން ދެމުން ނުދާ ކަމަށެވެ.
"ރައީސް މުޙައްމަދު ނަޝީދަށް އެމައްސަލަ އިސްތިއުނާފު ކުރެއްވުމުގެ ޙައްޤު އޮތް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ ދެންނެވި ނިންމުން ނިންމާފައިވަނީ 10 ސެޕްޓެމްބަރު 2015 ވީ ހުކުރު ދުވަހު ކަމަށްވީއިރު އެނިންމުމާ ގުޅޭ ގޮތުން ރައީސް މުޙައްމަދު ނަޝީދާ މަޝްވަރާ ކުރެއްވުމަށްޓަކައި އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ބައްދަލުކުރެއްވުމަށް އެދިވަޑައިގަތުމުން މޯލްޑިވްސް ކަރެކްޝަން ސަރވިސް އިން އެފުރުޞަތު ދެއްވާފައިވަނީ 17 ސެޕްޓެމްބަރު 2015 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުއެވެ. އަދި ހަމައެދުވަހު ޕްރޮސިކިއުޓަރ ޖެނެރަލް ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ހައިކޯޓުގެ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލް އިސްތިއުނާފުކޮށްފައިވާ ކަމަށެވެ،" ރައީސް ނަޝީދުގެ އޮފީހުން ބުނެފައިވެއެވެ.
އެ އޮފީހުން ބުނާ ގޮތުން، "ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންފައިވާ އިސްތިއުނާފު ކުރެއްވުމުގެ ޙައްޤު ބޭނުން ކުރެއްވުމުގެ ފުރުޞަތު ސަރުކާރުން ހިފެހެއްޓުމަށްފަހު ސުޕްރީމް ކޯޓުގެ ބަހެއް ހޯދުމަށް" ޕީޖީއިން މަސައްކަތް ކުރީއެވެ. އަދި "އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރެއްވީވެސް އެމައްސަލައިގައި ރައީސް މުޙައްމަދު ނަޝީދުގެ ކަންބޮޑުވުންތައް ރަނގަޅުނޫންކަން ސާބިތުކޮށްދިނުމަށްޓަކައި" ކަމަށް ރައީސް ނަޝީދުގެ އޮފީހުން ވިދާޅުވި އިރު، "ހައިކޯޓުން ނިންމަ މައްސަލަތައް އިސްތިއުނާފްކުރުމަށް މައްސަލައިގައި ހިމެނޭ ޚަސްމުންނަށް 60 ދުވަހުގެ ފުރުޞަތު ލިބިދީފައިވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މިމައްސަލަ ކުރުމުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، އެމައްސަލައާ ގުޅޭ ގޮތުން ރައީސް މުޙައްމަދު ނަޝީދުގެ ކަންބޮޑުވުން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ފުރުޞަތު ނުދިނުމުގެ ނިޔަތުގައި" ކަމަށް އެ އޮފީހުން ޕީޖީގެ މައްޗަށް ތުހުމަތު ކުރެއެވެ.
މީގެ އިތުރުން ރައީސް ނަޝީދުގެ އޮފީހުން ވިދާޅުވީ، ނަޝީދުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް "ރިމިނަލް ކޯޓުގައި ހިނގައިދިޔަ އަޑުއެހުންތަކުގެ އޯޑިއޯ ރެކޯޑިން ހޯދުމަށް އެކިފަހަރުމަތިން" އެދިފައި ވި ނަމަވެސް މިއަދާއި ހަމައަށް ވެސް އެތަކެތި ކޯޓުން ފޯރުކޮށްދީފައި ނުވާ ކަމަށް އެމަނިކުފާނުގެ އެޮފީހުން ބުނެއެވެ. އަދި ނަޝީދާއި އެމަނިކުފާނުގެ ވަކީލުން ބައްދަލުކުރައްވައި މައުނަވީ ގޮތެއްގައި މަސައްކަތް ކުރެއްވޭނޭ ގޮތެއް ހަމަޖެހުމާއި، މައްސަލަ އިސްތިއުނާފު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށްޓަކައި ޤާނޫނީ ވަކީލުންނަށް އެކަށީގެންވާ ވަގުތު ލިބިދިނުމުން މެނުވީ މައްސަލަ އިސްތިއުނާފު ނުކުރެވޭނެ ކަމަށްވެސް ރައީސް ނަޝީދުގެ އޮފީހުން ބުނެއެވެ.
"އަދި މައްސަލަ އިސްތިއުނާފު ކުރެއްވުމުން، ޝަރީޢަތުގެ އަޑުއެހުންތައް ހިނގާއިރު ބައިނަލްއަޤްވާމީ އޮބްޒަރވަރުންނަށް ޝަރީޢަތުގެ ކަންކަން އޮބްޒަރވް ކުރުމުގެ ފުރުޞަތު ލިބުމާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ޝަރީޢަތުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވުނީމާ މެނުވީ ރައީސް މުޙައްމަދު ނަޝީދު ކުރައްވާ އިސްތިއުނާފަކީ މައުނަވީ އިސްތިއުނާފަކަށް ވާނޭ ކަމަށް ޤަބޫލުނުކުރެވޭ ވާހަކަ ދަންނަވަމެވެ،" އެ އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ