ކަރަންޓު ރޭޓް އޮންނަން ޖެހޭނީ ތަފާތު ކުރުމެއް ނެތި އެއް އަގެއްގައި: މެމްބަރުން
ސަރުކާރުން ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް އަސާސީ ހިދުމަތެއްގެ ގޮތުގައި ދެމުންދާ އިރު އޭގެ ރޭޓު އޮންނަން ޖެހޭނީ ތަފާތު ކުރުމެއް ނެތި އެއް އަގެއްގައި ކަމަށް މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެ އެވެ. ކަރަންޓް ސަބްސިޑީއާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ ވިޔަފާރި ކުރައްވާ ފަރާތްތަކުގެ އަތުން ވެސް ކަރަންޓް ނެގެން ޖެހޭނީ އެއް ހަމައެއްގައި ކަމަށެވެ. އަދި ވިދާޅުވީ ސަބްސިޑީއަކީ އެއް އުސޫލެއްގެ މަތީން ދޭން ޖެހޭ އެއްޗެއް ނޫން ކަމަށާއި ރާއްޖޭގައި އެކަންކަން އޮތީ "އެކޮޅުކޮޅުން ޖެހިފައި" ކަމަށެވެ. "ސަބްސިޑީސް މިދެނީ ހުރިހާ އެންމެނަށް އެއް އުސޫލަކުން. އެއް ރޭޓެއްގައި. ކަރަންޓް ހިދުމަތް މި ދެވެނީ އެކި މީހުންނަށް ތަފާތުކޮށް. ދެވޭ އިރު މި ދެވެނީ ރާއްޖޭގެ އެންމެ ހާލުގައި ތިބި މި ހިދުމަތްތަކަށް އެދި އެދި ތިބި މީހުންނަށް މި ދެވެނީ އަގު ބޮޑުކޮށް. އެންމެ ތަނަވަސްކަން ލިބިފައިވާ ރަށްރަށަށް ކުޑަ މިވަނީ. މިހާރު ވެސް ބަލާ އިރު އެންމެ ކުޑަ މި ކުރެވެނީ މާލެ އަށް ދެން އައްޑޫ އަށް ދެން އެންމެ ކުޑައީ ކުޅުދުއްފުށި އެހެން ރަށްރަށް އެއަށް ވުރެއް މާ ބޮޑު. ސަބްސިޑީސް ދެވޭ އިރު ސަބްސިޑީސް ދެވެން ޖެހޭނީ އެންމެ ނިކަމެތިންނަށް އެންމެ ބޮޑަށް،" ދީދީ ވިދާޅުވި އެވެ. ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވީ ރާއްޖޭގެ ކަރަންޓުގެ ވާހަކައަކީ މިހާރު ރާއްޖޭގައި ވަރަށް ދެކެވެމުން އަންނަ އެއް ވާހަކަ ކަމަށެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އެ ވާހަކަތައް މާ ބޮޑަށް ތިލަވެފައި ނުވާކަން ފާހަގަކުރައްވަމުން ތާރިގު ވިދާޅުވީ ކަރަންޓް ރޭޓު އެއް އަގެއްގައި ނެތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އެކަމަށް އަވަސް ހައްލެއް ހޯދައި ދެއްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މަހިބަދޫ ދާއިރާގެ މެމްބަރު ތާރިގު މިއަދުގެ ކޮމިޓީގައި ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ އަލީ ނަސީރު "ރައްޔިތުންނަށް މިވަނީ ކަރަންޓާ ނުލާ ނޫޅެވޭ ވަރު ވެފައި. އަޅުގަނޑު ހަމަ މުގައްރިރު ކައިރިން އެދެން ރާއްޖޭގައި ކަރަންޓް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކާ އެނާޖީ އޮތޯރިޓީއާ ބައްދަލުވެގެން ވިއަސް އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން މީގެ ޕޮލިސީއެއް މޭކު ކުރަން ރާއްޖެ އަށް އެއް އަގެއްގައި ކަރަންޓް ދެވޭނެ ގޮތްތަކެއް ކަނޑައަޅަން،" ތާރިގު ވިދާޅުވި އެވެ. ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ މަޖިލިސް ރިސެސް އަށް ދިއުމުގެ ކުރިން ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައެއް ހައްލެއް ހޯދައިދޭން ޖެހޭނެ ކަމަށެވެ. އެހެންކަމުން މިއަދުގެ ކޮމިޓީގައި ވަނީ ކަރަންޓު ސަބްސިޑީގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަބް ކޮމިޓީއެއް ނަގާފައި އެވެ. ކަރަންޓް ސަބްސިޑީއަށް އައި ބަދަލާ އެކު ވިޔަފާރި ކުރާ ފަރާތްތަކުގެ ކަރަންޓް ބިލަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ކަނޑާލުމާ ގުޅިގެން ބިލް އެތައް ގުނައަކަށް ބޮޑުވެފައިވާތީ ކުޅުދުއްފުއްޓާއި އައްޑޫގެ ވިޔަފާރިވެރިން ވަނީ އިހުތިޖާޖުކޮށް ވެސް ކޮށްފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ