ކައުންސިލް އިންތިހާބު ކާމިޔާބު ކުރާނީ ތަފާތު ބޮޑު ނަތީޖާއަކުން: ރައީސް ނަޝީދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު، ތަފާތު ބޮޑު ނަތީޖާއަކުން އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕެއިން ފެށުމުގެ ގޮތުން ޕޯސްޓަރު ހިއްޕަން ފެށުމުގެ ޕްރޮގްރާމް ފެއްޓެވުމަށް، މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބަށް މިދަނީ، ލާމަރުކަޒީ ގާނޫނަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހުގައި ކަމަށެވެ.
އެބަދަލުތަކަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި، އެއީ "އެޖެންޑާ 19" ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވެފައިވާ ވައުދެއް ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ގާނޫނަށް ގެނައި އެ ބަދަލާއެކު ކައުންސިލްތަކަށް ދިން ބޮޑު ބަޖެޓާއެކު ކައުންސިލްތައް މަސައްކަތް ކުރަމުންދާ ގޮތްވެސް ބޮޑުތަނުން ތަފާތުވެގެން ދާނެ ކަަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރަނީ އެ ތަފާތު ތަކުގައި މަސައްކަތް ކުރާނެ ކައުންސިލްތަކެއް އިންތިހާބު ކުރުމަށް ކަމަށެވެ. އަދި އެކަން ފަސޭހަކަމާއެކު ކުރެވޭނީ، ސަރުކާރުގެ ފަރާތުން ހިންގަން ހުރި މަޝްރޫއުތައް އެކުލަވާލިއިރު ގެންގުޅުނު ވިސްނުން ތަމްސީލުވާ ބާވަތުގެ ކައުންސިލް ތަކަކަށް ކަމަށްވެސް ވިދާޅުވިއެވެ.
"ރައީސް (ރައީސް އިބްރާހިމް މުހައްމަދު ސޯލިހު) ވަރަށް ރަނގަޅަށް ވިދާޅުވެ ދެއްވައިފި، ސަރުކާރުގެ ފަރާތުން ހިންގާން ހުރި މަޝްރޫއުތައް ހިންގުމުގައި ސަރުކާރުގެ އެ މަޝްރޫއުތައް އެކުލަވާލިއިރު ގެންގުޅުނު ވިސްނުން ތަމްސީލުވާ ބާވަތުގެ ކައުންސިލް ތަކަކަށް އައުލާކަން ބޮޑޭ މިކަން ފަސޭހަ ކަމާއެކީގައި ކުރުން. އަޅުގަނޑުމެންގެ ވަރަށްބޮޑު ޔަގީންކަމެއް އެބައޮތް އިރާދަ ކުރެއްވިއްޔާ މި ކައުންސިލް އިންތިހާބު ބޮޑު ނަތީޖާއަކުން، ބޮޑު ތަފާތަކުން އިރާދަ ކުރެއްވިއްޔާ އެމްޑީޕީން ކާމިޔާބު ކުރާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ