ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިންތިޚާބުގެ ތައްޔާރީތަކަށް ގޮންޖެހުންތައް ކުރިމަތިވާނެ: އީޔޫގެ އޮބްޒާވަރުން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ކައިރިވެފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުންގެ މައްޗަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގެ ސަބަބުން އިންތިޚާބުގެ ތައްޔާރީތަކަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އޮބްޒާވަރުންގެ ވަފުދުން މިރޭ ބުނެފި އެވެ. އެ ވަފުދުގެ އިސްވެރިއެއްގެ ގޮތުން މަސައްކަތްކުރައްވާ ޔޫރަޕިއަން ޕާލިމެންޓްގައި ސްލޮވާކިއާ ތަމްސީލުކުރައްވާ އެޑްއާޑް ކޫކަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ކޯރަމް ގެއްލިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން، އިންތިޚާބުގެ ތައްޔާރީތަކަށް ޕްރެޝަރު ކުރިމަތިވެފައިވާ ކަމަށާއި މިނިވަން، އިންސާފުވެރި އަދި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮންނަ ގޮތަކަށް އިންތިޚާބުގެ ތައްޔާރީތައް ކުރިއަށް ގެންދިއުމަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "އިންތިޚާބުގެ އިދާރީ ކަންކަން މިނިވަންކަމާ އެކު، ޕްރޮފެޝަނަލްކޮށް އަދި ޑިމޮކްރެޓިން އިންތިޚާބުތައް ބޭއްވުމުގައި ބަލާ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަކީ ޑިމޮކްރެސީގެ އެންމެ މުހިއްމު އެއް އަސާސެވެ،" ސްލޮވާކިއާގެ ކުރީގެ ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ކޫކަން ވިދާޅުވި އެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ކޯޓަށް ވަދެވަޑައިގަންނަވަނީ. -- ހަވީރު ފޮޓޯ: މުހައްމަދު ވަހީދު ކޫކަން ވިދާޅުވި ގޮތުގައި މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް "މިހާރުގެ އިލެކްޝަންސް ކޮމިޝަނުން" ކުރަމުންދާ މުހިއްމު މަސައްކަތްތައް އީޔޫން ކުރިން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން، އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ހުކުމާއި އެ ހުކުމް ކުރަން ޖެހުނު ސަބަބުތައް އެ ވަފުދުން އިތުރަށް ދިރާސާކުރާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަންތެރިވި ކަމަށް ކަނޑައަޅައި، އިލެކްޝަންސް ކޮމިޝަންގެ ހުރިހާ މެންބަރުން ހަ މަހަށް ޖަލަށް ލުމަށް ހުކުމްކުރި ކަމަށް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް ޖަލު ހުކުމް އައީ ހަމައެކަނި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ މައްޗަށް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، ބަޔާނުގައި ކޫކަން ވެސް ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަންގެ "ހަތަރު މެމްބަރުން" ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ. ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވާ ގޮތުން ފުއާދާއި ނައިބު ރައީސް އަހުމަދު ފަޔާޒު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ތިއްބެވުމުގެ ހައްގާއި ގާނޫނީ ހައިސިއްޔަތު ވަނީ ގެއްލިފަ އެވެ. އަދި ފުއާދުގެ މައްޗަށް ހަ މަހުގެ ޖަލު ހުކުމެއް އައި ނަމަވެސް އެ ހުކުމް ތަންފީޒުކުރުން ތިން އަހަރަށް ފަސްކުރަން ވެސް ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ