މިހާރު އަމަލުކުރަން ޖެހޭނީ އާ ގާނޫނުލް އުގޫބާތަށް: މައުމޫން ހަމީދު
އާ ގާނޫނުލް އުގޫބާތަށް ގެނައި އިސްލާހުގެ ސަބަބުން، ބާ ގާނޫނުލް އުގޫބާތު މިހާރު ނެތް ކަމަށާއި ދެން އަމަލުކުރަން ޖެހޭނީ އާ ގާނޫނުލް އުގޫބާތަށް ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން "ހަވީރަ"ށް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް ތަސްދީގުކުރެއްވި ބިލްގައި މުޅި ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރަން ހިމަނައިފައެއް ނެތެވެ. އެ ބިލްގެ 71 ވަނަ އިސްލާހުގައި "މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމަށް ފަހު، 16 ޖުލައި 2015 ވަނަ ދުވަހުން ފެށިގެން" ކަމަށް ބުނެފައި އޮތުމަކީ، މައުމޫން ވިދާޅުވި ގޮތުގައި، މުޅި ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރުމެއް ނޫނެވެ. އޭނާ ވިދާޅުވީ އެ މާއްދާއިން މާނަ ކުރަނީ ޖުލައި 16، 2015 އިން ފެށިގެން އަމަލުރަން ފަށަން ޖެހޭނީ އެ ބިލްގައި ހިމެނޭ މާއްދާތަކަށް އެކަނި ކަމަށެވެ. "އެހެންވެ، މިހާރު އަމަލުކުރަން ފަށަން ޖެހޭނީ އާ ގާނޫނުލް އުގޫބާތަށް. ކުރީގެ ގާނޫނުލް އުގޫބާތެއް މިހާރަކު އޮންނާނެ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" މައުމޫން ވިދާޅުވި އެވެ. މަޖިލީހުގެ މަގުސަދަކީ މުޅި ގާނޫނުލް އުގޫބާތު ބަދަލުކުރުން ކަމަށް ވިޔަސް، މައުމޫން ވިދާޅުވީ ގާނޫނީ އުސޫލަކީ "ނިޔަތަށް ބެލުމެއް ނޫން" ކަމަށާއި "ގާނޫނުގައި ލިޔެފައިވާ އިބާރާތަށް ބެލުން" ކަމަށެވެ. "[އެހެންވެ] މިހާރު އެ އިސްލާހުތައް ގެންނަން މެމްބަރުން ބޭނުންވި މަގުސަދެއް ހާސިލެއް ނުވޭ. އެހެންވެ އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ޖެހޭނެ ކަމަށް، ޕްރޮސިކިއުޓާ ޖެނެރަލާއި ބަންޑާރަ ނާއިބު ވެސް ކަމާއި ގުޅޭ ދައުލަތުގެ މުއައްސަސާތަކަށް އަންގަން ޖެހޭ،" އޭނާ ވިދާޅުވި އެވެ. މި މަހުގެ 13 އިން ފެށިގެން އަމަލުކުރަން އޮތް އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށުން ފަސްކުރަން ނިންމީ، ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، ވިލިމާލޭ މެމްބަރު އަހްމަދު ނިހާނު ވިދާޅުވި ގޮތުގައި އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް އެ ގާނޫނުގައި އުޅޭތޯ އިތުރަށް ބެލުމަށާއި އެ ގާނޫނަށް މީހުން އަހްލުވެރިކުރުވުމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކުރީ މަޖިލީހުގެ ގަވާއިދާ ހިލާށެވެ. އެއީ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ފުރަތަމަ ހުށަހެޅި އެ ބިލްގައި ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރަން ހިމަނާފައި ނެތުމެވެ. ބިލެއް ފުރަތަމަ ހުށަހަޅާއިރު، އިސްލާހު ހުށަނާޅާ މާއްދާ އަކަށް ކޮމިޓީ މަރުހަލާގައި މިހާތަނަށް އިސްލާހު ގެނެސްފައެއް ވެސް ނެތެވެ. އިދިކޮޅު އެމްޑީޕީގެ ތަރުޖަމާނު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ ވިދާޅުވި ގޮތުގައި ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރީ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ވާދަވެރިންނަށް، ބާ ގާނޫނުލް އުގޫބާތުން ބޮޑެތި އަދަބުތައް ދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ