ރިޔާސަތުން ވޯޓް ދިން ގޮތަށް ފާޑު ކިޔަނީ ރިޔާސީ ނިޒާމަށް ނުފަރިތަ ކަމުން: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވޯޓް ދެއްވައިގެން ވަޒީރަކަށް ރުހުން ނުދޭން ނިންމުމަކީ ފުރިހަމަ ރިޔާސީ ނިޒާމެއްގައި ޢަމަލުކުރާ އުސޫލު ނޫންކަމަށް ވިދާޅުވުމަކީ، ރިޔާސީ ނިޒާމެއްގެ އުސޫލުތަކަށް ނުފަރިތަކަމުން ވިދާޅުވާ ވިދާޅުވުމެއް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މަޖިލީހުގައި މިއަދު ނެގި ވޯޓާ ގުޅޭ ގޮތުން މަޖިލީހުގެ އިދާރާއިން ބަޔާނެއް ނެރެފައިވާއިރު، މި ވޯޓާ ގުޅޭގޮތުން ބައެއް ޕާޓީތަކުން ވެސް ވަނީ އެޕާޓީތަކުގެ ވިސްނުން ހާމަކޮށްފަ އެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް ވޯޓް ދެއްވައިގެން ވަޒީރަކަށް ރުހުން ނުދޭން ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ސަރުކާރުން ބުނާއިރު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މިއަދު ޢަމަލުކޮށްފައި ވަނީ ވޭތުވެދިޔަ ހަތަރު އަހަރުގައި ވެސް މަޖިލީހުގެ ރިޔާސަތުން އަމަލު ކުރި އުޞޫލާ އެއްގޮތަށް ކަމަށެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކީ ވެސް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށް ވާއިރު، މަޖިލީހުގައި ނަގާ ވޯޓުތަކުގައި، މަޖިލީހުގެ ރިޔާސަތުން ވޯޓް ދިނުމުގައި ޢަމަލު ކުރަމުން ގޮސްފައި ވަނީ އެ ޕާޓީގެ ފިކުރާ އެއްގޮތަށް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ޑީއާރުޕީގެ ޓިކެޓެއްގައި މަޖިލީހަށް އިންތިހާބު ވަޑައިގެންނެވި ނަމަވެސް މިހާރު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ޝާހިދުގެ ދިފާއުގައި މަޖިލީހުގެ އިދާރާއިން ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވޯޓުދެއްވުމުގައި ޢަމަލުކުރައްވާފައިވަނީ ޕާޓީ ފިކުރާ އެއްގޮތަށް ކަމަށެވެ.
އަދި މިއީ ފުރިހަމަ ރިޔާސީ ނިޒާމެއްގައި ޢަމަލުކުރާ އުސޫލު ނޫން ކަމަށް ބުނުމަކީ ރިޔާސީ ނިޒާމެއްގެ އުސޫލުތަކަށް ނުފަރިތަކަމުން ބުނާ ބުނުމެއް ކަމަށް ދެކޭ ކަމަށާ ފުރިހަމަ ރިޔާސީ ނިޒާމެއްގައި، މަޖިލީހުގެ ރިޔާސުން އަބަދު ވެސް ވޯޓު ދޭނީ އެއިރެއްގައި ރިޔާސަތު ނިސްބަތްވާ ޕާޓީއެއްގެ ފިކުރާ އެއްގޮތަށް ކަމަށްވެސް އެ ބަޔާނުގައި ބުނެ އެވެ.
ރައީސް ވަހީދުގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީން އާޒިމާ ޝަކޫރުގެ ވޯޓްގައި ބައިވެރިވެފައިނުވާއިރު އާޒިމާގެ ވޯޓްގައި ޕީޕީއެމްއިން ބައިވެރިނުވީ ބަންޑާރަ ނާއިބުގެ މަގާމު ނޫން އެހެން މަގާމަކަށް އޭނާ ހަމަޖެއްސެވުމުން ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. ޔާމީން ވިދާޅުވީ ޕީޕީއެމްއިން ތާޢީދުކުރާނީ އާޒިމާ ބަންޑާރަ ނާއިބު ކަމަށް ހަމަޖެއްސުމަށް ކަމަށާ އެހެން މަގާމަކަށް ހަމަޖެއްސުމަށް ޕީޕީއެމްއިން ތާޢީދު ނުކުރާ ކަމަށެވެ.
މިމައްސަލައާއި ގުޅޭގޮތުން ޑީއާރުޕީގެ ލީޑަރު އަޙްމަދު ތަސްމީން އަލީ ވިދާޅުވީ ސަރުކާރު ދަމަހައްޓަން ޕީޕީއެމް މަސައްކަތްކުރާ ކަމަށްބުނެ ވާހަކަ ދެއްކި ނަމަވެސް މިއަދު "ޔާމީންގެ ހަސީލަތް އެނގިގެން ހިނގައްޖެ" ކަމަށާއި އެކަން އިންތިހާބުގެ ކުރިން އެނގުނުކަން އެއީ ނަސީބެއް ކަމަށެވެ.
ޔާމީންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ތަސްމީން ވިދާޅުވީ ކުރީ ސަރުކާރުން ޔާމީން ހައްޔަރު ކުރުމާއި ގުޅިގެން އޭނާ ސަލާމަތް ކުރުމަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވި އެކަކީ އާޒިމާ ޝުކޫރު ކަމަށާއި ޔާމިން އާޒިމާއަށް ވޯޓު ނުދެއްވުމުން ޔާމީނަކީ އިންސާނިއްޔަތުގެ ގޮތުން ވެސް ކޮން ކަހަލަ ބޭފުޅެއްކަން މިއަދު އެނގިގެން ހިނގައްޖެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ