ގާސިމް ދެކެ ވަރަށް ލޯބިވޭ، އެކަމަކު ނުވިކޭނަން: އިލްހާމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ދެކެ ވަރަށް ލޯބިވާ ކަމަށާއި އެހެން ނަމަވެސް ފައިސާ އަށް ވިކިގެން ޕީޕީއެމް ދޫކޮށްނުލައްވާނެ ކަމަށް، ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ. ދަރުބާރުގޭގައި މާދަމާ ފަށާ ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ އިންތިގާލީ ރައީސް އުމަރު ނަސީރު ތާއީދުކުރައްވާ ކެންޑިޑޭޓުން ތައާރަފްކޮށްދިނުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އިލްހާމް ވަނީ އޭނާއާ މެދު ޕާޓީގެ ބައެއް މެމްބަރުން ކުރައްވާ ތުހުމަތުތަކަށް ރައްދުދެއްވައިފަ އެވެ. ކޮންގްރެސްގައި ޑެޕިއުޓީ ލީޑަރު ކަމަށް ކުރިމަތިލައްވާފައިވާ އިލްހާމް ޕީޕީއެމުން ވަކިވެވަޑައިގެން، ޖުމްހޫރީ ޕާޓީއާ ގުޅެން އުޅޭ ކަމަށް ފެތުރިގެން ދިޔަ އަޑުތަކަށް އިޝާރާތްކުރައްވައި ވިދާޅުވީ، ޕާޓީގެ ކަންކަމުގައި ތަންކޮޅެއް ދުރުގައި ކުޑަދުވަސްކޮޅަކު ހުންނެވުމަކީ "ޕާޓީ ދޫކޮށްލަން އުޅުމެއް ނޫން" ކަމަށެވެ. އޭނާ މަޑުން ހުންނެވި ސަބަބު އުމަރު ނަސީރުގެ އިތުރުން ޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޕީޖީ ލީޑަރު އަބްދުﷲ ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ސަބަބެއްކަން އާއްމު މެމްބަރުންނަށް ރޭ ވިދާޅެއް ނުވި އެވެ. ގާސިމްއާ އޭނާއާ އޮންނަ ގުޅުން ވެސް އެ ޖަލްސާގައި އިލްހާމް މެމްބަރުންނާ ހިއްސާކުރައްވައިފަ އެވެ. "ގާސިމަކީ އަޅުގަނޑު ވަރަށް ލޯބިވާ މީހެއް. ޓެލެވިޒަން މޯލްޑިވްސް އިން ފެށިގެން އަޅުގަނޑު ޓީނޭޖް ދުވަސްވަރު ވެސް އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތްތެރިއެއް. މީހަކު ދެކެ ލޯބިވުމަކީ މީހަކާ ގާތްކަން އޮތުމަކީ ޕާޓީ ބަދަލުކުރަން ޖެހޭ ކަމެއް ނޫން،" އިލްހާމް ވިދާޅުވި އެވެ. އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީއާ ގުޅުވައިގެން އޭނާ އަށް ތުހުމަތުކުރަމުން ދިޔަ ނަމަވެސް މަޖިލީހުގައި ގާސިމް ވިދާޅުވާ ގޮތަކަށް ވޯޓު ދެއްވާފައި ނުވަތަ އޭނާގެ ދިފާއުގައި ވާހަކަ ވެސް ދައްކަވާފައި ނޯންނާނެ ކަމަށެވެ. އޭނާ އަކީ މަޖިލީހުގައި ވޯޓު އޮޅުވާލާ މީހެއް ނޫން ކަމަށާއި އެކަން ޕީޕީއެމްގެ މެމްބަރުން ގަބޫލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މީހެއްގެ ފައިސާ އިން އޭނާގެ ކަންކަން ކުރާ ހިސާބަކަށް އަދި ނުދެ އެވެ. "ބަޔަކު ރުޅިއަޔަސް ނަޔަސް ވަރަށް ކެރިގެން އަޅުގަނޑު މި ދަންނަވަނީ ގާސިމް އިބްރާހިމް ދެކެ އަޅުގަނޑު ވަރަށް ލޯބިވޭ. އޭގެ މާނައަކީ ޕާޓީ ބަދަލުކުރާ ވާހަކައެއް ނޫން،" އިލްހާމް ވިދާޅުވި އެވެ. "ބަލަ ތި ވިދާޅުވާ ރިސޯޓާއި ތި ވިދާޅުވާ އެއްޗެހި އަޅުގަނޑަށް ވެސް ދޭން އުޅެއޭ. ހިފަން ނޭނގެނީއެއް ވެސް ނޫނޭ، ހިފާ ހިތް ވެސް ވޭ. އެކަމަކު ކެތްތެރިވީ. އަމިއްލަ ނަފްސު ތާހިރު ކަމުގެ ތެރޭގައި ހުރީ. އެންމެ އަޑުގަދަކުރާ މީހެއްގެ ހައިސިއްޔަތުން ތި ވިދާޅުވާ އެއްޗެހި ދޭން އުޅުނޭ." އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ހަޔާތް ނިންމާލައްވާނީ މައުމޫނާއި އެމަނިކުފާނުގެ އާއިލާ އަށް ފާޑުވިދާޅުވުމެއް ނެތި އެވެ. އަދި ސިޔާސީ ހަޔާތް ނިންމަވާލައްވާނީ ޕީޕީއެމުން ކަމަށް ވެސް ވިދާޅުވި އެވެ. އިލްހާމް ވިދާޅުވީ އޭނާ ޕާޓީ ބަދަލުކުތަން އުޅޭ ވާހަކަތަކާއި ޕީޕީއެމް ރޫޅޭނެ ކަމަށް ހާއްސަކޮށް އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަކީ "ޒީރޯގެ ވާހަކަތަކެއް" ކަމަށެވެ. "މި ޕާޓީ އުފެއްދުމަށްޓަކައި މަސައްކަތް ކުރި އެކަކީ އިލްހާމް އަހުމަދޭ. މި ރިއަލިޓީއެއް އޮޅުވައެއް ނުލެވޭނެ،" އިލްހާމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ