ވިލާ ފައުންޑޭޝަނުން އެހީވެގެން ނަމަވެސް ޔުނިވަސިޓީ ދަރިވަރުންގެ ކިޔެވުން ހުއްޓިގެން ނުވާނެ: ގާސިމް

ޤައުމީ ޔުނިވަސިޓީގެ ދަރިވަރުން ބޭނުންކުރަމުން ގެންދާ ކުރީގެ ޖަމާލުއްދީން ސުކޫލު މަރާމާތުކުރުމަށް ޚަރަދުކުރާނެ ފައިސާ ދައުލަތުގައި ނެތްނަމަ ވިލާ ފައުންޑޭޝަނުން އެކަމަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދީގެން ނަމަވެސް ޤައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ކިޔެވުން ހުއްޓުމަކަށް އަޔަނުދީ ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ވިލާ ފައުންޑޭޝަނުގެ ބާނީ އަދި ވިލާ ގުރޫޕުގެ ޗެއަރމަން ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޔުނިވަސިޓީގެ ބައެއް ދަރިވަރުންގެ ކިޔެވުން ހުއްޓުމަކަށް އަތުވެދާނެތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައި މިރޭ ވީނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ޤައުމީ ޔުނިވަސިޓީގެ ދަރިވަރުން ކިޔަވަން ބޭނުންކުރާ އިމާރާތުގެ މައްސަލައިގައި ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އެއްވެސް ދަރިވަރެއްގެ ކިޔެވުން ހުއްޓުމަކީ އެމަނިކުފާނު އެއްގޮތަކަށްވެސް އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށާ، އެފަދަ ހާލަތެއް އެއްވެސް ދަރިވަރަކަށް ދިމާވުމަކީ އެމަނިކުފާނު ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ޤައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ކިޔެވުން ހުއްޓުމަކަށް އަޔަނުދީ ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވަހީދު ޙަސަން މަނިކު އަރިހުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.
ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ކިޔަވަމުންދާ ޖީ ބްލޮކް މަރާމާތު ކުރުމަށް ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ފައިސާ ނެތިދާނެތީ ރައީސް ޑރ.ވަހީދަށް އެކަންކޮށްދެއްވަން ދަތިފުޅުވެދާނެކަން ހާމަކުރައްވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ ވިލާ ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދީގެން ނަމަވެސް ދަރިވަރުންގެ ކިޔެވުން ހުއްޓުމަކަށް އައިސްގެން ނުވާނެ ކަމަށެވެ. އަދި އެއިމާރާތް މަރާމާތުކުރުމަށް ހިގާނެ ޚަރަދުތައް ބައްލަވާ އެކަމުގައި ވިލާ ފައުންޑޭޝަނަށް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ބޭނުންކުރަމުން ގެންދާ ކުރީގެ ޖަމާލުއްދީން ސުކޫލު ހުސްކުރުމަށް ހައުސިން މިނިސްޓްރީން ޤައުމީ ޔުނިވަރސިޓީއަށް ނޯޓިސް ދިނުމާއި ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިން އެމަނިކުފާނާއި ބައްދަލުކުރައްވާ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ބައެއް ދަރިވަރުން އެކުދިންގެ ކިޔެވުން ހުއްޓުމަކަށް އަތުވެދާނެތީ ވިލާ ކޮލެޖުގައި ކިޔެވޭނެ ގޮތްތަކެއް ހަމަޖެހިފައި ހުރިތޯ ބަލާފައިވާކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ބޭނުންކުރަމުން ގެންދާ ކުރީގެ ޖަމާލުއްދީން ސުކޫލު ހިންގި އިމާރާތްތަކަކީ ދުވަސްވެފައި ހުރި ބާ އިމާރާތްތަކަކަށްވާތީ ނުރައްކާތެރި ހާދިސާއެއް ހިގާފާނެ ކަމަށް ބުނެ މާދާމާގެ ނިޔަލަށް އެ އިމާރާތްތައް އެއްކޮށް ހުސްކޮށް ހައުސިން މިނިސްޓްރީއާއި ހަވާލުކުރުމަށް އެމިނިސްޓްރީން ޤައުމީ ޔުނިވަރސިޓީއަށް އަންގާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
މިމައްސަލައިގައި ޤައުމީ ޔުނިވަރސީޓީއިން ބުނެފައިވަނީ އެތަނުގައި ހާހަކަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުންގެންދާއިރު، ކުއްލިއަކަށް އެތަނުން ނިކުމެގެންގޮސް ވަންނާނެ އިތުރު ތަނެއް ނެތް ކަމަށާއި، އެ އިމާރާތުގައި ތިބެނީ އިތުރު އެހެންގޮތެއް ނެތިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ