ކޯލިޝަން ނުހަދައި "ބީރު" ވެފައި ތިބެގެން ނަޝީދު ބައްޔެއް ނުކުރެވޭނެ: ރިޔާޒު

އަންނަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހުރިހާ ޕާޓީތަކަކުން އެމްޑީޕީއާ ދެކޮޅު ކޯލިޝަނެއް ނުހަދައިފިނަމަ އިންތިހާބުގައި ދެވަނަ ބުރެއް ނާންނާނެ ކަމަށް މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.
ވީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ރިޔާޒް މިއަދު ވިދާޅުވީ މިހާރު ތިއްބެވި އެއްވެސް ސިޔާސީ ލީޑަރަކަށް ކޯލިޝަނަކާ ނުލައި އެކަނި ރިޔާސީ އިންތިހާބާ ކުރިމަތިލައްވައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަލި ކުރެއްވުމަކީ ނާދިރު ކަމެއް ކަމަށާއި އެންމެ ބުއްދިވެރި ގޮތަކީ ކޯލިޝަން ހެދުން ކަމަށެވެ.
އޭނާ ވިދާޅުވީ އަހަރުގެ މިހާ ހިސާބަށް ދިޔައިރު ކޯލިޝަން ހަދަން މަޝްވަރާ ކުރުމަށްވުރެ ސިޔާސީ ލީޑަރުން ތިއްބެވީ ވެރިކަމަށް ވަޑައިގަތުމުގެ ހުވަފެނުގައި ކަމަށާއި، ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ވިސްނުމަކީ ހަދާނެ އެންމެ ބޮޑު ގޯސް ކަމަށެވެ. އޭނާ އަދި ވިދާޅުވީ ސަރުކާރާ ގުޅިފައިވާ ޕާޓީތައް އޮތީ އެކަކު އަނެކެއްގެ ބަސް އިވޭވަރަށް ވުރެ ބޮޑަށް "ބީރު" ވެފައި ކަމަށެވެ.
"މިހާރު ސަރުކާރުގައި ތިބި ބޮޑު ހަތަރު ޕާޓީގެ ވެރިން ތިބީ 2013 ގެ ރިޔާސީ އިންތިހާބުގެ ހުވަފެންތައް ދެކެން! އެކަކުވެސް ރައްޔިތުންނާ އަޅައެއްނުލާ، ރައީސް ވަހީދާ ވެރިކަން ހަވާލުކޮށްފައި، އެންމެން ތިބީ އެމްޑީޕީގެ ކޮޅަށް އަރައި ސަރުކާރަށް ފާޑުކިޔަން. ނުވިސްނޭ ނަޝީދު އަލުން ވެރިކަމަށް ވަޑައިގެންފިއްޔާ ވާނެ ގޮތެއް،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ނަޝީދާއެކު އެންމެން ކޯލިޝަން ހެދީ ރައީސް މައުމޫނުގެ ވެރިކަމަށް ނިމުން ގެންނަން ކަމަށާއި ނަމަވެސް އެންމެ 21 ދުވަސްތެރޭ ނަޝީދު ކޯލިޝަން ރޫޅާލާފައިވާ ކަމަށެވެ. ނަޝީދު އަލުން ވެރިކަމަށް ވަޑައިގެންފި ނަމަ އެންޑީޕީ ނޫން އެހެން ޕާޓީތަކުގެ މީހުންނަށް ދިރި ނޫޅެވޭ ވަރުކޮށްލާނެ ކަމަށާއި އޭރުން 2012 ގައި ނިމުމަކަށް ގެނައި ހިތި ވެރިކަމަށް ވުރެ ހިތި ވެރިކަމެއް ރާއްޖޭގައި އުފެދިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އެއްވެސް ބޭފުޅަކާއި ރިޔާޒް ގުޅިވަޑައިގަންނަވާނަންތޯ ސުވާލަކަށް ރިޔާޒް ވިދާޅުވީ އޭނާ އުންމީދު ކުރައްވަނީ ނަޝީދާއި އިދިކޮޅައް ކޯލިޝަން ހަދާނެ ކަމަށް ކަމަށާއި އޭގެ ކުރިން އެއްވެސް އެއްޗެއް ދަންނަވަން އަވަސް ކަމަށެވެ.
"މިހާރު ވެސް ޖީއެމްއާރު ތިބީ ބޮޑެތި ފައިސާ އަޅާ ފުރާފައި ހުރި ދަބަސްތައް ހިފައިގެން މާލޭގައި ޓެންޓު ޖަހައިގެން ނަޝީދު ވެރިކަމަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި. މިހާރު ގައުމުގައި ގިނައިން ތިބީ ގައުމަށްވުރެ ފައިސާއަށް ލޯބި ކުރާ މީހުން، މި މީހުން ކިތައްމެ ކުޑަ އަގަކަށް ވެސް ވޯޓް ވިއްކާލާފާނެ. މީގެ އިތުރުން ކެނެޑާ އާއި އިނގިރޭސިވިލާތް ފަދަ ބޮޑެތި ގައުމުތަށް މިހާރުވެސް ގޮވާލަމުންދަނީ ނަޝީދަށް ބައިވެރި ނުވެވޭ އިންތިހާބެއް ގަބޫލުކުރަން ދަތިކަމަށް، އެހެންވީމަ ނަޝީދު ބަލި ކުރަން ކޯލިޝަން ހަދަންވީ، އެހެން ނޫނީ ނަޝީދު ބަލި ކުރާކަށް ފަސޭހައެއް ނުވާނެ،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ