ސުޕްރީމް ކޯޓުން ނުނިންމަނީސް ދަފުތަރުން ޕާޓީއެއް އުންޏެއް ނުކުރާނެ: އިލެކްޝަންސް

ސިޔާސީ ޕާޓީ ތަކުގެ ޤާނޫނުގައި ހުރި މައްސަލަތަކާއި ގުޅިގެން ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން އެކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް ތަބާވާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ފުއާދު ވިދާޅުވީ އެއްވެސް ބަޔަކަށް ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ހިލާފު ނުވެވޭނެ ކަމަށާއި 10،000 މެންބަރުން ހަމަނުވާ ކުދި ޕާޓީތައް އުވާލުމާމެދު ސުޕްރީމް ކޯޓުން ހުކުމެއް ކުރަންދެން އެކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް ތަބާވެ އިލެކްޝަންސް ކޮމިޝަނުން އެއަރުމާއި އެއްގޮތަށް މިހާރު ވެސް އަމަލުކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް ގޮތަކަށް ސުޕްރީމް ކޯޓުގެ އަމުރަކަށް ޗެލެންޖެއް ނުކުރާނަން، ކުދި ޕާޓީތަށް މިހާރުވާނީ ކޯޓުގެ ވަގުތީ އަމުރުގެ ދަށުން އަލުން ދަފްތަރުގައި ހިމަނާފައި،" ފުއާދު ވިދާޅުވި އެވެ.
މީގެ އިތުރުން ފުއާދު ވިދާޅުވީ އެއްވެސް ޕާޓީއެއްގެ ފޯމެއް މިވަގުތު ބަލައި ނުގަންނަ ކަމަށާއި އެއީ މެންބަޝިޕް ފޯމް ތަކުގައި ސިޔާސީ ޕާޓީ ތަކުގެ ޤާނޫނުގެ ދަށުން އިނގިލީގެ ނިޝާން ޖަހަންޖެހޭތީވެ މިވަގުތު އިދާރީ ބައެއް ކަންކަން ކުރުމަށްޓަކައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
"އަޅުގަނޑުމެން އަލުން އިނގިލީގެ ނިޝާން ޖަހާގޮތަށް ނިންމީ އެއީ އަޅުގަނޑުމެންނަށް ވަރަށް ގިނައިން ނޭގި ޕާޓީތަކަށް ވައްދައިގެން ޝަކުވާލިބެމުންދާތީ،" ފުއާދުވަނީ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކާއި ބެހޭ ބިލް ރައީސް ތަސްތީގު ކުރެއްވުމާއެކު 10،000 މެންބަރުން ހަމަނުވާ 11 ޕާޓީއެއް އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުން އުނި ކޮށްފަ އެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން ބުނީ އެޕާޓީތައް އުވިގެން ދިޔައީ ނޫން ކަމަށާ، ހަމަ އެކަނި ދަފްތަރުން އުނިކޮށްލީ ކަމަށެވެ.
ސިޔާސީ ޕާޓީތަކާއި ބެހޭ ބިލް ތަސްދީގުކޮށް ޤާނޫނަކަށްވުމުން 10،000 މެންބަރުން ހަމަނުވާ ކުދި ޕާޓީތައް ވަގުތު އުވިގެންދާނެ ކަމަށް ޤާނޫނުގައި ބުނެއެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ ސިޔާސީ ޕާޓީ ތަކުގެ ޤާނޫނުގައި ހުރި މައްސަލަތައް ފާހަގަކޮށް އެކިއެކި ފަރާތްތަކުން އެކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ކޯޓުން ވަކި ގޮތަކަށް ނިންމަންދެން އެއްވެސް ސިޔާސީ ޕާޓީއެއް އުވިފައިވާ ކަމަށް އެއްވެސް މުއައްސަސާއަކުން ނުދެކުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ